ސަން ޕްލޭއަށް ވަންނަ މީހުންގެ އަދަދު އެތައް ހާހަކަށް، ގިނަ ބަޔަކު ޗެނަލްވެސް ހަދައިފި

ސަން ޕްލޭ ގައި ޗެނަލް ހަދައި ވީޑިއޯތައް ހިމަނައިލުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭ ----

އެކި ކަހަލަ ވީޑިއޯތައް ބަލައިލުމަށް ޚާއްސަކޮށްގެން ސަން މީޑިއާ ގުރޫޕުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ތައާރަފުކުރި ސަން ޕްލޭއަށް މަހެއް ވެސް ނުވަނީސް އެ ވެބްސައިޓަށް ވަންނަ މީހުންގެ އަދަދު އެތައް ހާހަކަށް އަރައިގެން ހިނގައްޖެ އެވެ.

މިދިޔަ ތިން ހަފުތާގެ ތަފާސް ހިސާބު ތަކަށް ބަލާ އިރު ކޮންމެ ދުވަހަކު ވެސް އަލަށް ސަން ޕްލޭއަށް ވަންނަ މީހުންގެ އަދަދު ވަރަށް ބޮޑުތައް އިތުރުވެފައިވާ ކަމަށް ސަން މީޑިއާ ގުރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރު މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވި އެވެ. އެގޮތުން ސަން ޕްލޭއަށް މީހުންނަ ވަންނަ ޓްރެންޑަށް ބަލާއިރު އެ މީހުން މި ޕްރޮޑަކްޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން އެނގޭ ކަމަށް މިންނު ވިދާޅުވި އެވެ.

"މިދިޔަ ތިން ހަފުތާގެ ރެކޯޑް ތަކަށް ބަލާ އިރު ސަން ޕްލޭއަށް ވަންނަ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ރިޕީޓެޑް ވިސިޓާސް. އަނެއް ފަންސާސް ޕަސެންޓަކީ އަލަށް ވަންނަ މީހުން. ރިޕީޓްކޮށް ވަންނަ މީހުންގެ އަދަދު މިހާ މަތިވުމަކީ ސަން ޕްލޭ މީހުން ބަލައިގެންފިކަން، ސަން ޕްލޭއަކީ މަގުބޫލު ޕްރޮޑަކްޓެއް ކަން ސާބިތުކޮށްދޭ ކަމެއް،" މިންނު ވިދާޅުވި އެވެ.

ސަން ޕްލޭ ތައާރަފުކުރިތާ މަހަކާ ކައިރިވެފައިވާ އިރު، އެކި ކަހަލަ 3000 އަށް ވުރެ ގިނަ ވީޑިއޯ ވަނީ އެވެބްސައިޓްގައި ހިމަނައިފަ އެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ދާއިރާތަކަށް ބަލާ އިރު، މުނިފޫހި ފިލުވުން، ތާރީޚް، ލައިފް ސްޓައިލް، ދީން، ބިއުޓީ އަދި ފެޝަން ފަދަ ދާއިރާތައް ހިމެނެ އެވެ.

އަމިއްލަ ފަރާތްތަކުން ވެސް ކޮންމެ ދުވަހަކު ސަން ޕްލޭއަށް އެކި ކަހަލަ ވީޑިއޯތައް ފޮނުވަމުން އަންނަ ކަމަށް މިންނު ވިދާޅުވި އެވެ.

ސަން ޕްލޭ އުފައްދާފައި ވަނީ އަމިއްލަ ފަރާތްތަކަށް އެމީހުންގެ ޗެނަލްތައް ރަޖިސްޓްރީކޮށް އެ ޗެނަލްތައް މެދުވެރިކޮށް ވީޑިއޯތައް ފަސޭހަ ކަމާއެކު ޕްރޮމޯޓު ކުރެވޭނޭ ގޮތަށެވެ. ސަން ޕްލޭގައި ރަޖިސްޓްރީ ވުމަށް ނުވަތަ ޗެނަލެއް ހެދުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ.

ސަން ޕްލޭ ތައާރަފުކޮށްފައި ވަނީ އުރީދޫ އާއި ސަން މީޑިއާ ގުރޫޕު ގުޅިގެންނެވެ.

comment ކޮމެންޓް