ރައުދާގެ ފޯނުން ލޯބިވެރިޔާ ދެކެ ހިތްހަމަ ނުޖެހިގެން މެސެޖުކޮށްފައި ހުރި: ޕޮލިސް

ރައުދާ އާތިފް ---

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފް އޭނާގެ ލޯބިވެރިޔާ ދެކެ ހިތްހަމަ ނުޖެހިގެން ކޮށްފައި ހުރި މެސެޖުތަކެއް ފެނިފައިވާ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެފި އެވެ.

ބަންގްލަދޭޝް ފުލުހުން ބުނެފައި ވަނީ، މާޗް 28 ވަނަ ދުވަހުގެ ރޭ ރައުދާއާއި ރައުދާގެ ލޯބިވެރިޔާއާ ދެމެދު ވަޓްސްއެޕް މެސެންޖާ އިން ވަރަށް ގިނަ އިރު ޗެޓް ކޮށްފައިވާ ކަމަށެވެ. އަދި ވާހަކަ ދައްކާފައި ވަނީ ލޯބިވެރިޔާގެ އަމަލުތައް ހުރިގޮތުން އެކަމާ ހިތްހަމަ ނުޖެހި ރުޅިއައިސްގެން ކަން އެނގޭ ކަމަށް ބަންގްލަދޭޝް ފުލުހުން ބުނެފައިވެ އެވެ.

ރައުދާ މަރުވެފައި އޮއްވައި ފެނިފައި ވަނީ މާޗް 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސް ޑިޓެކްޓިވް ބްރާންޗުގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލާމިން ހުސައިން ވިދާޅުވީ، ރައުދާގެ ފޯނުން ވަޓްސްއެޕުން ދައްކާފައި ހުރި ވާހަކަތައް އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ.

ރައުދާގެ ބައްޕަ ބުނެފައި ވަނީ ރައުދާގެ މެސެޖުތަކުގެ ބައެއް އޭނާ އަށް ދައްކާފައިވާ ކަމަށެވެ.

އެ މެސެޖުތަކާ ގުޅިގެން ޑެއިލީ ސްޓާ ނޫހަށް ރައުދާގެ ބައްޕަ ބުނެފައި ވަނީ، އެ މެސެޖުތަކުން އެނގޭ ކަމަކީ ރައުދާ ހުރީ ކަމަކާއި ރުޅިއައިސް ހިތްހަމަ ނުޖެހިފައި ކަމަށެވެ.

"އެއީ އާދަޔާޚިލާފު ވާހަކަތަކެއް ނޫން. މެސެޖުތަކުން އެނގެނީ ރައުދާ ހުރީ ކަމަކާހިތްހަމަ ނުޖެހި ރުޅިއައިސްފައިކަން. އަހަރެންނަށް ޔަގީން އަހަރެންގެ ދަރިއަކީ އެފަދަ ކަންކަމާ ކުރިމަތިލެވޭނެ ހިތްވަރުގަދަ ކުއްޖެއްކަން،" ރައުދާގެ ބައްޕަ އެނޫހަށް ބުނެފައިވެ އެވެ.

ރާޖްޝާހީ އެއާޕޯޓުގައި ހުންނަވައިގެން ދިވެހި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ނިޔާޒް ޑެއިލީ ސްޓާ ނޫހަށް ވިދާޅުވީ، ރައުދާގެ ފޯނުން ލިބުނު މައުލޫމާތުތަކަކީ ތަހުގީގަށް ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ކަމަށާއި ބަންގްލަދޭޝް ފުލުހުން އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި، ރާއްޖެ އިން ބަންގްލަދޭޝްއަށް ދިޔަ ދެ ފުލުހުން ފުރަން ޑާކާއަށް ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް