ހަ ރަށެއްގެ ޖެޓީ ހެދުމަށް 14.3 މިލިއަން ރުފިޔާއަށް އެމްއާރުޑީސީއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީން އެއްބަސްވުން ބަދަލުކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުޑަ އާބާދީއެއްގެ ރައްޔިތުން ދިރުއުޅެމުންދާ ހަ ރަށެއްގެ ޖެޓީ ހެދުމަށް 14.3 މިލިއަން ރުފިޔާއަށް މޯލްޑިވެސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން(އެމްއާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއުކުރެއްވީ އެކުންފުނީގެ މެނޭޖިިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ.

ބ. ފެހެންދޫ އާއި އެއަތޮޅު ފުޅަދޫ އާއި މ. ރަތްމަންދޫ ޖެޓީ ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 2.2 މިލިއަން ރުފިޔާއަށެވެ. ރ. ރަސްގަތީމު ޖެޓީ ހެދުމުގެ މަޝްރޫއު 3.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، ވ. ފުލިދޫ ޖެޓީ ހެދުމުގެ މަޝްރޫއު ހަވާލުކުރީ 2.5 މިލިއަން ރުފިޔާއަށެވެ. އަދި ވ. ރަކީދޫ ޖެޓީ ހެދުމުގެ މަޝްރޫއު ހަވާލުކުރީ 1.8 މިލިއަން ރުފިޔާއަށެވެ.

ހަ ރަށެއްގެ ޖެޓީ ހެދުމުުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީގެ ފަރާތުން ސޮއިކުރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ މިއަދު ޖެޓީ ހެދުމަށް ހަވާލުކުރި ހަ ރަށަކީ ވެސް ލަފާފުރުމުގެ ކަންކަން ވަރަށް އާދައިގެ ގޮތަކަށް ހުރި އަދި އެކަމުގައި ރައްޔިތުންނަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ރަށްތަކެއް ކަމަށެވެ.

"ރައީސް ޔާމިންގެ ނިންމެވުމަކީ ރައްޔިތުން އެ ރަށް ރަށުގައި ދިރިއުޅޭހާ ހިނދަކު އަސާސީ ހައްގެއް ގޮތުގައި އަސާސީ ގޮތުން ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި އެ ރަށްރަށުގައު ޖެޓީއެއް ރަނގަޅު ފެންވަރެއްގައި ހެދިގެން ދާން ޖެހޭނެ ކަމަށް އަދި ވީހާ ވެސް އަވަހަށް އެކަން ކުރެވެން ވާނެ ކަމަށް،" މުއިއްޒު ވިދާޅުުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ހަރަށުގެ އިތުރުން މިހާރުވެސް ލަފާ ފުރުމުގެ ދަތިތަކާ ކުރިމަތިވެފައިވާ އދ. މަންދޫ އާއި އއ. ހިމަންދޫގެ ޖެޓީ ހެދުމުށް ހުއްދަ ލިބިފައިވާ ކަމަށާއި އެ ދެ ރަށުގެ ޖެޓީ ހަދާނެ ކުންފުންޏެއް ހޯދުމަށްޓަކައި ވަރަށް އަވަހަށް ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށެވެ.

ހަ ރަށެއްގެ ޖެޓީ ހެދުމުުގެ މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ނިމާލު ވިދާޅުވީ ވީ އެންމެ އަވަހަކަށް މަސަތްކަތް ފަށައި މިއަހަރުގެ އޮކްޓޯބަރ މަސް ނިމުމުގެ ކުރިން އެ ހަރަަށުގެ ޖެޓީ ވެސް ހަދައި ނިންމާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް އެބަދެން ކުންފުނީގެ އެކިއެކި ސަބަބުތަަކާ ހުރެ ނުހިގާފައި ނުވަތަ މެދުކެނޑިފައި ހުރި ޕްރޮޖެކްޓްތައް ވެސް ވީއެންމެ އަވަހަކަށް ނިންމައި އެ ޕްރޮޖެކްޓްތައް އަޅުގަނޑުމެނާ ހަވާލުކުރެވިިފައި ހުރި މިނިސްޓްރީ ތަކާއި ހަވާލުކުރުމަށް،" ނިމާލް ވިދާޅުވިިއެވެ.

އެމްއާރުޑީސީއާ ހަވާލުކޮށްފައި ހުރި ބޮޑުތި ޕްރޮޖެކްޓްތައް ކުރިއަށް އޮތް ހަ އެއް ނުވަތަ އަށް މަސް ދުވަހުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ލިބޭވަރުކޮށްދޭނެ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

comment ކޮމެންޓް