ފާރިސް ސަރުކާރަށް އެއްބާރުލުން ދިނުމަށް ދާއިރާގެ ކައުންސިލުން އެދެފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން --- ފޮޓޯ: މަޖިލިސް

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އިސްވެ ހުންނަވައިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީލްގެ އިތުބާރުނެތްކަމުގެ ވޯޓްނެގުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް މ. އަތޮޅު ކައުންސިލްއިން ގޮވާލައިފި އެވެ.

އެ ކައުންސިލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާރިސް އެމަގާމަށް އައްޔަންކުރީ ވަރަށް އިތުބާރުކޮށް ސަރުކާރާ ގުޅިގެން އެ ދާއިރާއަށް ހިދުމަތް ކުރަން ކަމަށެވެ. ނަމަވެސް ފާރިސްގެ އަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށް ބުނެފައިވެ އެވެ.

"މަނިކުފާން މަސައްކަތްޕުޅުތައް ހުރިގޮތަށް ވިސްނާއިރު މިހާރު ތިޔަ ވަޑައިގެންނެވެނީ މިދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާ ސީދާ ދެކޮޅަށް ކަމުގައިވާތީ މަނިކުފާނު ސަރުކާރާއި ދެކޮޅަށް ތިޔަ ކުރައްވާ މަސައްކަތްތައް ވަގުތުން ހުއްޓާލައި ދާއިރާގެ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރަށް އެއްބާރުލުން ދެއްވައި ދާއިރާގެ ރައްޔިތުންގެ ފިކުރާ އެއްގޮތަށް މަސައްކަތްކޮށްދެއްވުމަށް އިހުލާސްތެރިކަމާ އެކު ދަންނަވަން،" ބަޔާނުގައި ބުނެފައިވެ އެވެ.

އެބަޔާނާ ގުޅިގެން ފާރިސްގެ ބަހެއް އަދިވަނީ ލިބޭގޮތްނުވެފަ އެވެ.

ފާރިސް ސަރުކާރަށް އެއްބާރުލުން ދިނުމަށް އޭނާ ތަމްސީލްކުރާ ދާއިރާގެ ކައުންސިލްއިން ގޮވާލާފައިވާ އިރު ޕީޕީއެމް އިން ވަނީ ފާރިސް އެ ޕާޓީން ވަކިކޮށްފަ އެވެ.

comment ކޮމެންޓް