ތިން އަހަރުގެ ދަރިފުޅަށް އަނިޔާކޮށްގެން ބައްޕަ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ގްރީސްގެ ޗިއޮސްގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުން އަންނަ 32 އަހަރުގެ ސީރިޔާގެ ފިރިހެނަކު އޭނާގެ ތިން އަހަރުގެ ފިރިހެން ދަރިފުޅަށް އަނިޔާ ކުރިކަން، ވީޑިއޯއަކުން ސާބިތުވުމުން ބައްޕަ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ރަޝިޔާ ޓްޑޭ އިން މިއަދު ބުނީ، އުސާމާ އަބުދުގެ ނަމުން ތައާރަފުވެފައިވާ ބައްޕަ ފުރަތަމަ ބުނީ، އޭނާ، އޭނާގެ ދަރިފުޅަށް އަނިޔާ ކުރީ ފެންނުވަރައި ސާފުތާހިރު ނުވުމުން ކަމަށެވެ. ނަމަވެސް ފަހުން ބުނީ އެކަން ކުރީ އޭނާގެ އަންހެނުން މަސްލަހަތު ކުރުމަށް ދަރިފުޅު ބްލެކްމެއިލް ކުރުމުގެ ގޮތުން ކަމަށެވެ.

އުސާމާ ކޯޓުގައި ވަކާލާތު ކުރީ ވަކީލަކާ ނުލަ އެވެ. އެއީ ގްރީސްގެ ބާ އެސޯސިއޭޝަންގެ އެއްވެސް ވަކީލަކު އެ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުން ނުވުމުންނެވެ.

ހުކުރު ދުވަހު އެ މައްސަލައިގެ ހުކުމް އިއްވަމުން ކުރިން ފަނޑިޔާރު ވަނީ ބާރުގަދަ ބަސްތަކެއް ބޭނުންކޮށްފަ އެވެ.

"ކިހިނެއް ދަރި ދެކެ ނުވާ ލޯއްބެއް އަންހެނުން ދެކެވާނީ. ކޮން ކަހަލަގެ ހިތެއް އޭނާގެ އޮންނަނީ. އޭނާ އުފެދިފައި ވަނީ ކޮން އެއްޗަކުން." ފަނޑިޔާރު މާރިއާ ވަނީ އެއްހާސް ފަހަރުން މައާފަށް އެދުމަށް އުސާމާ އަށް އަންގައިފަ އެވެ.

އުސާމާ އޭނާގެ ދަރިފުޅަށް އަނިޔާ ކުރާތަން ފެންނަ ވީޑިއޯ ފުރަތަމަ އާންމުވީ ސޯޝަލް މީޑިއާގަ އެވެ. އަދި އެ މައްސަލަ ފުލުހުން ބަލަން ފެށީ އޭގެ ފަހުންނެވެ.

އުސާމާ އާއި އޭނާގެ ދަރިފުޅު ގްރީސްގެ ރެފިއުޖީ ކޭމްޕަށް އައީ މި އަހަރުގެ އޮކްޓޫބަރު މަހު 16 ވަނަ ދުވަހު އެވެ. ބެލެވޭ ގޮތުގައި އޭނާގެ އަންހެނުންވީ ތުރުކީގަ އެވެ. އޭނާ ކައިރީގައި ވެސް އެ ދެ މީހުންގެ އިތުރު ކުއްޖަކު ހުރެ އެވެ.

comment ކޮމެންޓް