އިއްދައިންނުކެނޑޭ ގޮތެއް ހޯދިއްޖެ ކަމަށް ސައިންސްވެރިން ބުނެފި

އަންހެނާ ވަކި އުމުރަކަށް ވުރެ ދޮށީ ވުމުން އޭނާގެ ރަހިމުގެ ވަރަށް ބޮޑު މަސައްކަތެއް ހުއްޓެ އެވެ. އެއީ ހައިޟުވުމާއި ދަރިން ލިބުން ހުއްޓުމެވެ. މި ހާލަތް ދިމާވަނީ އަންހެނާއަށް އޭނާގެ އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދު އެވެ. މި ހާލަތަށް އިނގިރޭސި ބަހުން ކިޔަނީ މެނޮޕޯޒް އެވެ. ނުވަތަ އިއްދައިން ކެނޑުމެވެ.

މި ހާލަތް މެދުވެރިވުމުން، އަންހެނާގެ ރަހިމުން ދަރިމައި ވުމުގެ ބިސް އުފެއްދުން ހުއްޓޭނެ އެވެ. އެހެންކަމުން ހައިޟުވުން ހުއްޓޭނެ އެވެ.

އެހެން ނަމަވެސް ގްރީސްގެ ސައިންސްވެރިންގެ ޓީމަކުން ދާދި ފަހުން ބުނީ އެކަން ބަދަލު ކުރާނެ ގޮތް އެމީހުން ހޯދައިފި ކަމަށެވެ. ދަރިމައިވުމުގެ މަސައްކަތް ހުއްޓިފައިވާ ރަހިމަކަށް "ދިރުން" ގެނެސްދެވޭނެ ކަމަށް އެ ސައިންސްވެރިން ބުނެ އެވެ.

ގްރީސްގެ ކްލިނިކެއް ކަމުގައިވާ ޖެނެސިސް އެތެންސްގެ ރީސާޗަރުން ބުނާ ގޮތުގައި، އިއްދައިން ކެނޑިފައިވާ އަންހެނާގެ ރަހިމުން ދަރިމައިވުމުގެ މަސައްކަތް ފެށުމަށް ބޭނުންވާނީ އޭނާގެ އަމިއްލަ ލެއެވެ.

މި އާ "ފަރުވާ"ގެ ފަހަތުގައި ވަނީ ޕްލޭޓްލެޓްސް ގިނަ އަދަދަކަށް ހުރި ޕްލަސްމާ އެވެ.

ޕީއާރުޕީ ކިޔާ މި ލޭގެ ފަރުވާއަކީ މަސްގަނޑާއި ކަށީގެ ޓިޝޫ އުފެދުމުގެ އިތުރުން އެހެނިހެން އިންޖަރީތަކަށް ދެވޭ ފަރުވާ އެކެވެ. ޖެނެސިސް އެތެންސްގެ ޓީމުން ބެލީ، އިއްދައިންކެނޑިފައިވާ އަންހެނެއްގެ ރަހިމަށް މިފަދައިން ލޭ އިންޖެކްޓުކޮށް، ގޮތެއް ވޭތޯ އެވެ.

އެ ސައިންސްވެރިން ބުނާ ގޮތުގައި، އިއްދައިންކެނޑިފައިވާތާ ފަސް އަހަރު ވެފައި ހުރި އަންހެނެއްގެ ރަހިމަށް ލޭ އިންޖެކްޓު ކުރުމުން ރަހިމު އަނެއްކާވެސް "މަސައްކަތް ކުރަން ފެށި" އެވެ. އަދި އެ އަންހެން މީހާ ހައިޟުވެ، އޭނާގެ ރަހިމުން ބިސް ވެސް އުފައްދަން ފެށި ކަމަށް ގްރީސްގެ ސައިންސްވެރިންގެ ޓީމުން ބުނެ އެވެ.

އެހެން ނަމަވެސް އެ ސައިންސްވެރިން ބުނާ ގޮތުގައި މިކަން އިތުރަށް ކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ.

comment ކޮމެންޓް