"ގްރީސް ސަރުކާރުން ރެފިއުޖީން ބަދަލު ކުރީ ޖަނަވާރުން އުޅެން ވެސް ކަމުނުދާ ކޭމްޕުތަކަށް"

މީގެ ކުރިން ކާރުހާނާއެއްގެ ގޮތުގައި ބޭނުން ކުރި އިމާރާތެއްގައި ރެފިއުޖީންނަށް ހާއްސަކޮށް ހަދާފައިވާ ކޭމްޕުތަކެއް -- ފޮޓޯ: ފީބީ ރަމްސޭ

އެތެންސް (މޭ 29): ގްރީސްއާ މަސެޑޯނިއާ ގުޅޭ ބޯޑަރު ކައިރީ ކޭމްޕުކޮށްގެން ތިބި ގިނަ އަދަދެއްގެ ރެފިއުޖީން އެގައުމުގެ ސަރުކާރުން ބަދަލުކޮށްފައި ވަނީ "ޖަނަވާރުން ދިރިއުޅެން ވެސް ރައްކާތެރި ނޫން" ހާލަތުގައިވާ ކޭމްޕުތަކަކަށް ކަމަށް ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެފި އެވެ.

މިދިޔަ ހަފްތާ ތެރޭގައި ގްރީސްގެ ފުލުހުން ވަނީ އެގައުމުގެ އިޑޮމެނީ އަަވަށުގައި ކޭމްޕުކޮށްގެން ތިބި ގިނަ އަދަދެއްގެ ރެފިއުޖީންގެ ތެރެއިން 3000 ވަރަކަށް ރެފިއުޖީން އަސްކަރިއްޔާ އިން ހިންގާ ކޭމްޕްތަކަށް ބަދަލުކޮށްފަ އެވެ. ރެފިއުޖީންނަށް އެހީތެރިވާ ދަރުމަވެރިން ބުނި ގޮތުގައި އެކޭމްޕުތަކަށް ފެނާއި ކަރަންޓެއް ނުލިބެ އެވެ.

އަސްކަރީ ކޭމްތަކަށް ބަދަލު ކުރުމުގެ ކުރިން ރެފިއުޖީން ދިރިއުޅެމުން އައި އިޑޮމެނީ ކޭމްޕުގެ ތެރެއިން -- ފޮޓޯ: އޭޕީ

"އެތަނުން ފެނާއި ސިއްހީ ފަރުވާ ނުލިބޭ އިރު، ތަރުޖަމާނެއްވެސް، ކުޑަކުދިންނަށް ބޭނުންވާ ސާމާނެއް ވެސް ނެތް. އަދި ތިމާވެށީގެ ގޮތުން އެތަނުގެ ހާލަތު ބަލާފައިނުވާ އިރު ކުއްލި ހާލަތުގައި މީހުން ސަލާމަތްކުރާނެ ގޮތުގެ ރޭވުމެއް ނެތް. އަސްކަރިއްޔާގެ އާކޭމްޕުތަކުގެ ހާލަތު ދަށްކަމުން އެއީ ޖަނަވާރުން އުޅެންވެސް ރައްކާތެރި ތަންތަނެއް ނޫން،" މިއަހަރުން ފެށިގެން ގްރީސްގެ ރެފިއުޖީންނަށް އެހީތެރިވަމުންގެންދާ ދަރުމަވެރިއެއް ކަމަށްވާ، ފީބީ ރަމްސޭ ބުންޏެވެ.

ކޭމްޕުތަކަށް ޒިޔާރަތްކުރި އިތުރު ދަރުމަވެރިއެއް ކަމަށްވާ އެލްގްޒަންޑްރިއާ ސައުތް ބުނި ގޮތުގައި އެއް ކޭމްޕުގައި ދިރިއުޅޭ 1000 ވަރަކަށް މީހުން ބޭނުން ކުރަން ޖެހެނީ އެންމެ ހަތަރު ފާހާނާ އެވެ. އަދި އެމީހުންނަށް އިންޓަނެޓުގެ ހިދުމަތް ނުލިބުމުގެ ސަބަބުންނާއި އެމީހުން ބަދަލުކޮށްފައި ވަނީ ގްރީސްގެ ކޮން ސަރަހައްދަކަށް ކަން އަސްކަރިއްޔާ އިން ބުނެދީފައި ނުވާތީ އެރެފިއުޖީން ވަނީ އެހީއަށް އެދެން ނުކުޅެދިފައި ކަމަށް ސައުތް ބުންޏެވެ.

ނަމަވެސް، ގްރީސްގެ މައިގްރޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ކޭމްޕުތަކުގެ ހާލަތު އެހާވަރަށް ދަށް ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. ތަރުޖަމާނު ވިދާޅުވީ ކޭމްޕުގެ ހާލަތު އެންމެ ރަނގަޅަށް ފެންވަރަށް ނެތް ކަމުގައި ވިޔަސް އެތަނުން ކަރަންޓާއި ފެން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ނުބުނަން އެތަން ފުރިހަމަ ކަމަށް. ނަމަވެސް އާކޭމްޕުތަކާ އިޑޮމެނީއާ އަޅާ ކިޔޭކަށް ނޯންނާނެ. މިހާރު އެމީހުންގެ ބޯ ހިޔާކުރެވޭ. ވާރޭ ވެހުމުން ނުތެމޭ އަދި ކިސަޑުގައި ދިރިއުޅޭކަށް ނުޖެހޭ. އެއީ ހަމަގައިމު ވެސް ހާލަތު ރަނގަޅުވުން ނޫންތޯ؟" މައިގްރޭޝަން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.

ގްރީސްގެ އެކި ސަރަހައްދުތަކުގައިވާ ކޭމްޕުތަކުގައި ދިރިއުޅޭ ރެފިއުޖީންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 54،000 އަށް އަރާފައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. އަދި ޔޫއެން އާއި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ ފަދަ ޖަމްއިއްޔާތަކުން ވަނީ ގްރީސްގައިވާ ކޭމްޕުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ. (ގާޑީއަން)

comment ކޮމެންޓް