ޔޫރަޕަށް ހިޖުރަ ކުރި ބައެއް މީހުން ތުރުކީއަށް ފޮނުވާލުމުގެ މަސައްކަތް ގްރީސްއިން ފަށައިފި

ގްރީސްއަށް ހިޖުރަ ކުރި ބައެއް ރައްޔިތުން ވަނީ އެމީހުން ތުރުކީއަށް ފޮނުވާލުމަށް ގޮވާލާ މުޒާހަރާކޮށްފަ -- ފޮޓޯ: އޭއެފްޕީ

އެތެންސް (މާޗް 4): ޔޫރަޕަށް ހިޖުރަ ކުރި ބައެއް މީހުން އަނބުރާ ފޮނުވުމުގެ މަސައްކަތް ގްރީސް އިން ފަށައިފި އެވެ.

ޔޫރަޕަށް ހިޖުރަ ކުރާ މީހުން މަދު ކުރުމުގެ ގޮތުން ބައެއް ރެފިއުޖީން ތުުރުކީއަށް ފޮނުވުމުގެ މަސައްކަތް ގްރީސްއިން ފަށާފައި ވަނީ އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިއަދު ތުރުކީއަށް ގާތްގަނޑަކަށް 500 ރެފިއުޖީން ފޮނުވާލާނެ ކަމަށް އެގައުމުން ލަފާކުރެ އެވެ. ތުރުކީއަށް ފޮނުވާ ރެފިއުޖީން ބޭތިއްބުމަށް ހަމަޖެހިފައި ވަނީ ތުރުކީގެ ހުޅަނގުގައި އޮންނަ އަވަށެއްގަ އެވެ.

ގްރީސް އިން ބައެއް ރެފިއުޖީން ފޮނުވާލަމުން ދާއިރު އެގައުމުގައި ތިބި ރެފިއުޖީން ވަނީ ގްރީސް އިން ހިމާޔާތް ހޯދާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދީފައި ނުވާ ކަމަށާއި ތުރުކީއަށް މިއަދު ފޮނުވާލާ މީހުންނަކީ ކޮން ބައެއް ކަން އަންގާފައި ނުވާ ކަމަށް ބުނެފަ އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވާ އީޔޫގެ އޭޖެންސީން ތުރުކީއަށް މީހުން ގެންދިޔުމަށް ހަމަޖައްސާފައި ވަނީ ބޭނުންވާ ވަރަށް ވުރެ ދިހަ ބައި ކުޅަ އެއްބަޔަށް ވުރެ ވެސް މަދު މުވައްޒަފުންނެވެ.

އިޔޫއާއި ތުރުކީން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ގްރީސްއަށް ގަވާއިދާ ހިލާފަށް ހިޖުރަ ކުރާ މީހުން އެގައުމުގެ ހިމާޔަތަށް ނޭދޭ ނަމަ ނުވަތަ އެމީހަކަށް ހިމާޔަތް ދިނުމަށް ގްރީސްއިން ދެކޮޅު ހަދައިފި ނަމަ، އެރެފިއުޖީން ތުރުކީއަށް ފޮނުވާލެވޭނެ އެވެ. އަދި ތުރުކީއަށް އަނބުރާ ފޮނުވާލާ އެފަދަ ކޮންމެ ސީރިޔާ ރައްޔިތެއްގެ ބަދަލުގައި، ތުރުކީގައި މިހާރު ވަޒަންވެރިވެފައިވާ ސީރިޔާ ރައްޔިތަކަށް އީޔޫގެ ގައުމަކަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ެއެއެއްބަސްވުމަށް އަމަލު ކުރުމުން ތުރުކީއަށް ސިޔާސީ އިނާޔާތްތަކާއި މާލީ އެހީ ލިބޭނެ އެވެ. (ބީބީސީ)

comment ކޮމެންޓް