ފީފާއަށް އާ ޒަމާނެއް ގެންނާނަން: ފީފާގެ އާ ރައީސް

ފީފާގެ އާ ރައީސް ޖިއާނީ އިންފެންޓީނޯ. އިންތީޚަބު ކާމިޔާބު ކުރުމަށް ފަހު --- ފޮޓޯ/ އޭޕީ

ފީފާ އާބާދުކޮށް އާ އިރާއެއް ނުވަތަ ޒަމާނެއް ގެންނާނެ ކަމަށް ފީފާގެ އާ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ޒިޔުރިކްގައި ރޭ ކުރިއަށް ގެންދިޔަ ފީފާގެ ކޮންގްރެސްގައި އިންތިޚާބު ވެވަޑައިގެންނެވުމަށް ފަހު ކޮންގްރެސްއާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން އިންފެންޓީނޯ ވިދާޅުވީ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް ފީފާ އާބަދުކޮށް ފީފައަށް އާ އިރާއެއް ގެންނާނެ ކަމަށާއި ފީފާއަކީ އަލުން މުޅި ދުނިޔެ ބަލައިގަންނަ ތަނަކަށް ހަދާނެ ކަމަށެވެ.

"ފީފާގެ އިމޭޖް ރީތިކޮށް، އަދި ފީފާއަކީ އިހްތިރާމް ލިބިގެންވާ ތަނަކަށް އަޅުގަނނޑުމެން ހަދާނަން. އަދި ފީފާއަކީ ދުނިޔޭގެ އެންމެ ބަލައިގަންނަ ތަނަކަށް ހަދާނަން،" އިންފެންޓީނޯ ވިދާޅުވި އެވެ.

ފީފާގެ ހަޔާތުން ހިތްދަތި ދުވަސްތަކެއް ތަޖުރިބާކޮށްފި ކަމަށާއި ނަމަވެސް މިވަގުތަކީ އެކަމަށް ނިންމުން ގެންނަންވީ ވަގުތުކަމަށް އިންފެންޓީނޯ ވިދާޅުވި އެވެ.

އަދި ފީފާއަށް އިސްލާހީ ބަދަލުތައް ގެނައުމުގައި ހުރިހާ މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި އޭނާއަކީ ފީފާގެ 209 ގައުމުގެ ރައީސްއަކަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ފީފާގެ ހިންގުމަށް ގްޑް ގަވަނެންސްގެ އުސޫލްތަކާއި ޓްރާންސްޕޭރަންސީގެ ހަމަތައް ގާއިމު ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް އިންފެންޓީނޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން އިހްތިރާމް ވެސް. އަޅުގަނޑުމެން އިހްތިރާމް ހޯދާނީ ބުރަ މަސައްކަތުންނާއި އަޅުގަނޑުމެން ކުރާ މަސައްކަތުން ނެރޭ ނަތީޖާތަކުން. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން އެންމެންނަށް އެން ފަހު މި ހިތްގައިމް ގޭމަށް ސަމާލުކަން ދެވޭނެކަން. އެ ހިތްގައިމް ގޭމްއަކީ ފުޓްބޯޅަ." އޭނާގެ ވާހަކަ ނިންމަވާލައްވަމުން އިންފެންޓީނޯ ވިދާޅުވި އެވެ.

comment ކޮމެންޓް