މާލޭގެ ގެސްޓް ހައުސްތަކާއި ގޭގެ ފާސްކޮށް މަސްތުވާ އެއްޗެއްސާއި މާރާމާރީ ހިންގަން ބޭނުން ކުރާ ގިނަ އަދަދެއްގެ ހަތިޔާރާއި އާލަތް ފުލުހުން އަތުލައިފި

ވެރިރަށް މާލޭގައި ކުށްކުރުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގެސްޓް ހައުސް އާއި ބައެއް ގޭގޭ ބަލާ ފާސްކުރިއިރު ބަނގުރާ ހުސްކުރި ފުޅިއާއި މާރާމާރީ ހިންގަން ބޭނުން ކުރާ ޒާތުގެ ވަރަށް ގިނަ އެއްޗެހި ހުޓާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބުދުﷲ ނަވާޒު އިއްޔެ ވިދާޅުވީ ފުލުހުން އަށް ގެއެއް ބަލައި ފާސްކުރި ކުރިއިރު މާރާމާރީ ހިންގަން ބޭނުން ކުރާ ޒާތުގެ އެއްޗެއްސާއި މަސްތުވާތަކެތި ތިން ގެއަކުން ފެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު މއ. ކުއްޅަފިލާގެ، ބަލާ ފާސްކުރި ކުރިއިރު ދެ ވައްތަރަކުން ހަ ވަޅި ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި މ. މޯރާގޭގެ ކޮޓަރިއަކުން ދެ ފޫޓް ބައި ހުންނަވަރުގެ ކަނޑި އާއި ތިން ބެނެޓް ވަޅީގެ އިތުރުން ދެ ވަޅި ވަނީ ފެނިފައިވާއިރު ބޭސްބޯޅަ ކުރެން ބޭނުން ކުރާ ޒާތުގެ ދެ ބެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހި އަޅާފައި ހުރި 25 ރަބަރު ޕެކެޓާއި މަސްތުވާތަކެތި އަޅަން ބޭނުންކުރާ ޒާތުގެ 55 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ތެރޭގައި މއ. އައިޝާ ހުސެއިން ވަހީދާއި މ. މޯރާ އިސްމާއިލް މޫސާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މއ. ނައިޓްވިލާވެސް ފާސްކޮށްފަ އެވެ. އެގޮތުން އެގޭގެ ތެރެއިން ބަނގުރާ ހުސްކުރި ފުޅިއަކާއި ވިގަކާއި ލޭ ހެކިފައި ހުރި ކަމަށް ބެލެވޭ ތުވާއްޔަކާއި ބެންޑޭޖެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މއ. ނައިޓްވިލާ އިބްރާހިމް އަބުދުﷲ (ގައްބަރޭ) ކަމަށް ވެސް ބުންޏެވެ. ދެން ފާސްކުރީ ގ. މަސްއޮޑީގެ އެވެ. އެގެއިން މާސްކަކާއި ކަޓަރެއް ފެނުނެވެ.

ފުލުހުން މިމަހުގެ 14 އޭޕްރީލުން 20 އޭޕްރިލް އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އަށް ގެއެއް ބަލާ ފާސްކޮށްފައިވާއިރު 13 ގެސްޓް ހައުސް އެއް ވެސް ވަނީ ފާސްކޮށް ނުވަ މީހަކު ހައްޔަރު ކުރި އެވެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފުލުހުން ފެށި އޮޕަރޭޝަނެއްގައި 215 މީހަކު ވަނީ ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރުން މަތީގެ 53 މީހަކު ހައްޔަރު ކޮށް 14 މީހަކު ވަނީ ގޭބަންދުކޮށްފަ އެވެ. އަދި 161 މީހަކަށް ފުލުހުން ވަނީ ނަސޭހަތް ދީފަ އެވެ. އެ އޮޕަރޭޝަނުގައި 18 އަހަރުން ދަށުގެ 45 ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ހައްޔަރުގައި ތިބީ ދެ ކުއްޖެކެވެ. އަދި އެހެނިހެން ޑިޕާޓްމަންޓްތަކާ ހަތަރު ކުއްޖަކު ވަނީ ހަވާލުކޮށްފަ އެވެ. އަދި ހައްޔަރުކުރި ކުދިންގެ ތެރެއިން އެފްސީޕީޑީ އާއި 16 ކުއްޖަކު ވަނީ ހަވާލު ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު