ޖަމީލުގެ ރައްދު: ކުކުޅެއް ގޮތަށް އަދީބު ކަތިލާނީ ތަޖުވީދަށް!؟

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު އަދި މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު: އަދީބަށް ޖަމީލު ވަނީ ވަރުގަދަ މެސެޖެއް ދެއްވާފައި-- ފައިލް ފޮޓޯ

ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ފާޑުވިދާޅުވެ، ނައިބު ރައީސް އަހުމަދު އަދީބު ފުރަތަމަ ފަރަށް ވާހަކަފުޅު ދެއްކެވީ މިދިޔަ ރޯދަ މަހު ސޯސަންމަގުގައި ބޭއްވި "ތަރާވީހެއް"ގަ އެވެ. ޖަމީލަށް "ވައް ބަހުން" އަދީބު އެ ރޭ ފާޑު ވިދާޅުވި އެވެ. ޓޫރިޒަމް މިނިސްޓަރަކަށް އޭރު ހުންނެވި އަދީބު ވިދާޅުވީ "ދަށަށް ޖަހައިގެން، މަޚުރަޖަށް ހިނގާލަ، ހިނގާލަ" ތިބޭ ބައެއް ބޭނުމެއް ނުވާ ކަމަށެވެ. ކޮޓަރިތައް ހޫނު ކުރަން ތިބޭ ބައެއް ބޭނުން ނުވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އެ ރޭ އެތަނަށް ހާޒިރުވެ ތިއްބެވި ޕީޕީއެމް،އެމްޑީއޭ މަޖިލިސް މެމްބަރުން ގެންދެވީ އަދީބުގެ ވާހަކަތަކަށް އަތްތިލަ ބަޑި ޖައްސަވަމުންނެވެ.

އެ ފާޑުކިޔުންތަކަށް މިއަދު 110 ދުވަސްވީ އެވެ. ހާލަތު މި އޮތީ ބަދަލުވެފަ އެވެ. މިހާރުގެ ނައިބު ރައީސް އަދީބާ ގުޅޭ "ފާޑުފާޑު" ވާހަކަތައް ދެކެވެމުން އެބަދެ އެވެ. ރިޔާސީ ލޯންޗުކޮޅު ހާދިސާއާ ގުޅިގެން އަދީބާ ދިމާލަށް ތުހުމަތުތައް ކުރަމުން ދަނީ އެތެރެއިންނާއި ބޭރުންނެވެ.

އެކަމާ ކުޅޭ ގޮތުން އަދީބު ރޭ ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

އަދީބު ވިދާޅުވީ ކަތިލަން ތައްޔާރުކޮށްފައިވާ ކުކުޅަކަށް އޭނާ ހަދާފައިވާ ކަމަށެވެ. ކުކުޅެއް ގޮތަށް އޭނާ "ކަތިލަން" ސިޔާސީ މީހުން ބޭނުން ވަނީ ލިބިވަޑައިގެންފައިވާ ސަޕޯޓު ބޮޑު ކަމުން ކަމަށް އަދީބު ވިދާޅުވި އެވެ.

"ސިޔާސީ ހުރިހާ ބޭފުޅުން ވެސް ބޭނުންވޭ އަޅުގަނޑު ކަތިލާލަން. އެއީ ކީއްވެތޯ؟ އަޅުގަނޑު މިހެން ހުރެފިއްޔާ އެ ބޭފުޅުންނަށް ފެނޭ އަޅުގަނޑަށް ސިޔާސީ ސަޕޯޓް ލިބޭ ވަރު... މި ހުރިހާ ކަމެއްގައި މި ހިސާބަށް އަންނައިރު، އަޅުގަނޑު މި ވަނީ ހަމަ ކަތިލާލަން ތައްޔާރުކޮށްފައި އިންނަ ކުކުޅަކަށް،" ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވި އެވެ.

ކުކުޅެއްގެ ކަތިލާ ގޮތަށް ކަތިލަން އުޅޭ ކަމަށް އަދީބު ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޖަމީލު "މަލާމާތުގެ ރާގަކަށް" ޓުވީޓާގައި ވިދާޅުވެފައި ވަނީ ތިކަން ވެސް ކުރާނީ ތަޖުވީދަށް ކިޔެވުމަށް ފަހުގައި ކަމަށެވެ.

"ތަޖުވީދަށް ރަނގަޅަށް ކިޔަވާފައި ތިކަން ވެސް ކުރާނީ،" ކުކުޅެއް ކަތިލާ ގޮތަށް ކަތިލަން އުޅޭ ކަމަށް އަދީބު ވިދާޅުވި ޚަބަރެއް ޓުވީޓް ކުރައްވަމުން ޖަމީލު ރޭ ވިދާޅުވެފައިވެ އެވެ.

ޖަމީލު އެ ރައްދު ކުރީ އެމަނިކުފާނަށް އަދީބު ރައްދު ކުރި ބަހެވެ. އެ ރައްދަކީ އަދީބު ކުރިން ވިދާޅުވި ބަސްފުޅަށް ދިން ރައްދެއް ކަމަށް ބެލެވެ އެވެ. އެއީ މަޚުރަޖަށް ހިނގާ ބަޔަކު ބޭނުން ނުވާ ކަމަށް އަދީބު ކުރިން ވިދާޅުވަފައި ވުމުންނެވެ.

މިދިޔަ ރޯދަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ބޭއްވި ޖާފަތުގައި ޖަމީލުގެ ބޮލުގައި އިލްޒާމްތަކެއް އަޅުވައި ސިޔާސީ ކަތިލުން ފެށުނީ، އަދީބުގެ ފާޑުކިޔުންތަކާއެކުގައި ކަމަށް ވާތީ އެވެ.

ދިވެހިންގެ ތެރޭގައި އާންމުކޮށް ކުކުޅު ކަތިލަނީ، އެ ކުކުޅު ހިތްހަމަޖެއްސުމަށް ފެން ދިނުމަށް ފަހު އެވެ. އެއާ އެކު ލޯތްބާއި ކުލުނު އެކުކުޅަށް ދެ އެވެ. އެ ހުރިހާ ކަމެއް ވެސް ފުރިހަމަ ވެގެން ދަނީ ކުކުޅު ބަނދެފައި ބޭއްވުމަށް ފަހު އެވެ. ޖަމީލު އެ ވިދާޅުވި ތަޖުވީދުގެ ކަތިލުމަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. އަދީބުގެ މިހާރުގެ ހާލަތު ޖަމީލު ސިފަ ކުރައްވަނީ އެގޮތަށް ކަމަށް ވެސް ވެދާނެ އެވެ.

ސޯޝަލް މީޑީއާގައި ޖަމީލު ރޭ ވަނީ ފަސް ޓުވީޓެއް ކުރައްވާފަ އެވެ. އަދީބަށް އިޝާރާތްކޮށް ޖަމީލު ވިދާޅުވެފައި ވަނީ "ބަޣާވާތަކުން" ނައިބު ރައީސް މަގާމުން އޭނާ ދުރުކުރި އިރު، އަދީބަށް ވެސް އެ ހަމަލާ އަންނާނެކަން ނުވިސްނުނީތޯ އެވެ.

"ބަޣާވާތަކުން ބާރުތައް އަތުލައިގަތުމަށް ގޭމު ރޭވިއިރު، ނުވިސްނޭތޯ އަނބުރާ ތިމާ ދިމާއަށް އެ އަންނާނެކަން،" އަދީބަށް އިޝާރާތްކޮށް ޖަމީލު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ތެރޭގައި އަތޮޅު ތެރޭގެ ރަށަކަށް ޖަމީލު ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވާ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ، އޭނާ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދީގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ މަގާމަށް އިންތިހާބުވީ ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.

ޖަމީލު ރޭ ކުރެއްވި ޓުވީޓުތައް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވެސް އަމާޒު ކުރެއްވި އެވެ. އޭގެ ތެރެއިން އެއް ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.

"ދަލާއި ލޭ އޮހޮރުވައިގެން ބުރަ މަސައްކަތް ކުރި މީހުންނާއި ރައްޔިތުންނަށް ރައީސް ޔާމީން ބޭވަފާތެރިވުމުން، މަނިކުފާނު ދެން ބަލިވެއްޖެ،" ޖަމީލު ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް ޖަމީލު" ރައީސް ޔާމީން ބޭވަފާތެރިވެފައިވާ ކަމަށް ޖަމީލު ވިދާޅުވި-- ސަން ފައިލް ފޮޓޯ

ރައީސް ޔާމީނާ އެކު ޖަމީލު އަތް ޖޯޑު ކުރައްވާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ "ފަސް އަހަރުގެ ދައުރެއް ލިބުނު ސަބަބަކީ އެއީ" ކަމަށެވެ. ގުޅިގެން ދެ ބޭފުޅުން ކުރެއްވި މަސައްކަތަކުން ފަސް އަހަރުގެ ދައުރެއް ލިބުނު ކަމަށް ވިދާޅުވެފައިވެ އެވެ.

ޖަމީލުގެ އެ ފާޑުކިޔުންތައް ބަންޑުންކޮށްލީ ދަނޑިވަޅަށް ބެލުމަށް ފަހު އެވެ. ރައީސާއި ނައިބު ރައީސްގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރު، ޖަމީލު ސިޔާސީ ގޮތުން "ކަތިލި" ގޮތަށް އަދީބު ކަތިލާން އަމާޒު ހިފީ ކަމަށް ވެދާނެ އެވެ.

comment ކޮމެންޓް