ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ހިނގާލުމެއް ބާއްވައިފި

އެމްޑީޕީ އިން މިއަދު ބޭއްވި ހިނގާލުން -- ސަން ފޮޓޯ/ އަލީ ނަސީރު

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މިއަދު އެމްޑީޕީން މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ.

މިއަދު ހަވީރު 4:00ގައި ރާޅުގަނޑު ސަރަހައްދުން ފެށި ހިނގާލުން ހަވީރު 6:00 އެހާކަންހާއިރު ނިންމާލާފައި ވަނީ މަޖީދީމަގާއި ސޯސަންމަގު ކައިރީގައި ހުންނަ މަސްޖިދުލް އިބްރާހިމް ކައިރިންނެވެ.

މިއަދުގެ ހިނގާލުމުގައި އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި ޕާޓީއަށް ސަޕޯޓުކުރާ މީހުން ވެސް ބައިވެރިވެފައިވެ އެވެ.

ޔުނައިޓެޑް ނޭޝަންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ގޮވާލެއްވި ގޮތަށް ރައީސް ނަޝީދު މިނިވަންކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިއަދުގެ ހިނގާލުމަކީ ހަމަ އެކަނި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލުމަށް ބޭއްވި ހިނގާލުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދުމަށް ބެއްވި ހިނގާލުމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ރައީސް ނަޝީދު ޔުނައިޓެޑް ނޭޝަންސް ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން ހުށަހަޅާފައިވާ މައްސަލާގައި އެ ގްރޫޕުން ސަރުކާރަށް ހުށަހެޅި ކަންކަން ބަލައިނުގަތުމަށް ފޮރިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގާ ހުރި މައްސަލައެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އެންމެ މަތީކޯޓުން އެ މައްސަލާގައި ގޮތެއް ކަނޑަނާޅަނީސް ޔޫއެންއަށް އެ މައްސަލަ ހުށަހެޅިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އެކަމަށް އިޖާބަ ނުދެއްވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާތީ ސަރުކާރަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އެމްޑީޕީން ގަރާރެއް ފާސްކޮށްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

comment ކޮމެންޓް