ބޭރުގެ ކަރަކަރައިން މީހުން ގެނެސް މުޖްތަމައު ފަސާދަކުރުމަކީ ހިންގާ ޖަރީމާއެއް: ޚުތުބާ

ޝއިޚު ސަމީރު ދީނީ ދަރުސް އެއް ދެއްވަނީ -- ފޮޓޯ: ފޭސްބުކް

ތަފާތު ނަންނަމުގައި ބޭރުގެ ކަރަކަރައިން ފާހިޝް އަމަލުތައް ހިންގުމަށް މީހުން ގެނެސް މުޅި މުޖްތަމައު ފަސާދަކުރުމަކީ ޖަރީމާއެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އިސްލާމީ މަރުކަޒުގައި ޚުތުބާ ދެއްވަމުން ޝެއިޚް އަހުމަދު ސަމީރު ވިދާޅުވީ ބޭރު ގައުމުތަކުން މީހުން ގެނެސް މީސްތަކުންނަށް ސިއްރާއި ފާޅުގައި ދައުވަތުދީ މުންކަރާތްތަކާއި ފާހިޝް އަމަލުތައް ފެތުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

" އެފަދަ ކަމަށް އިސްލާމީ މުޖްތަމައުގެ މީހަކު އިޖާބަ ދީގެން ނުވާނެ" ކަމަށް ސަމީރު ވިދާޅުވިއެވެ.

ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ކުރެއްވި ހިޖުރައިން އިބްރަތް ލިބިގަންނަށް ޖެހޭ ކަމަށް ޝެއިޚް ސަމީރު ވިދާޅުވިއެވެ.

އަދި މުދަލާއި ވަގުތު ހޭދަކުރަންވީ ދީނުގެ ދިފާއުގައި، ދީނަށް ނަސްރު ދިނުމަށްޓަކައި މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.

އަދި މި ދުނިޔޭގެ އިއްޒަތާއި ކަރާމާތާއި އުފަލާއި އަރާމް ބޭނުންވާނަމަ ﷲ އެންގެވި ގޮތަށް އަޅުގަނޑުމެންގެ ކަންތައްތައް ބައްޓަންކުރަންޖެހޭނެ ކަަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

" ހިޖުރައިން ލިބިގަންނަށް ޖެހޭ އެއްމެ މަތިވެރި ފިލާވަޅަކީ ﷲ އަށްޓަކައި އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ އެއްޗެއް ގުރުބާންކޮށް، އެކަލާގެ ދީނަށް ނަސްރުދިނުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭންޖެހޭ ކަންތައްކަން" ޝެއިޚު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން އިސްލާމް ދީނަށްޓަކައި ކުރީ ކޮން ގުރުބާނީއެއްތޯ؟ އަޅުގަނޑުމެން އިސްލާމްދީނަށްޓަކައި ގުރުބާންކުރީ އަޅުގަނޑުމެންގެ ކޮން މުދަލެއްތޯ؟ އިސްލާމްދީނަށްޓަކައި ގުރުބާންކުރީ އަޅުގަނޑުމެންގެ ކޮން އެދުމެއްތޯ ސުވާލުކޮށްލަންޖެހޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައި ޝެއިޚް ސަމީރު ވަނީ ރަސޫލާގެ ސައްލައްﷲ އަލައިހި ވަސައްލަމްގެ ހިޖުރައައިގެ ވާހަކަ ވަަރަށް ތަފްސީލްކޮށް ބައްލަވާލައްވާފައެވެ. އެގޮތުން ރަސޫލާ އަވަހާރަކޮށްލުމަށް ނިންމާފައިވަނިކޮށް އެކަލޭގެ ފާނު އަވަހާރަށްކޮށްލަން ނިންމި މީހުންގެ ތެރެއިން ﷲ ގެ ރައްކާތެރިކަމާއި އެކު ވަޑައިގެންނެވި ވާހަކަ ކިޔާދެއްވިއެވެ. އަދި އެކަލޭގެ ފާނާއި އަބޫބަކުުރުގެ ފާނު ފަރުބަދައިގެ ތެރޭގައި ވީހިދު ﷲ އަށް އޮތް އިތުބާރާއި ޔަގީންކަމުގެ ވާހަކަ ވިދާޅުވިއެވެ.

އަދި ބައެއް ސަހާބީ ބޭކަލުންނާއި ސަހާބީ ބޭކަނބަލެއް ދީނަށްޓަކައި ކުރެއްވި ހިޖުރައިގެ ގުރުބާނީގެ ވާހަކަ ވިދާޅުވިއެވެ.

comment ކޮމެންޓް