ދެ ހަރަމް އާއި ޖިއްދާ އާ ގުޅާލަދޭ ހައިސްޕީޑް ރޭލުގައި ގަޑިއަކު 200،000 މީހުންނަށް ދަތުރުކުރެވޭނެ

ހައި ސްޕީޑު ރޭލުގެ ފުރަތަމަ ޓެސްޓު ދަތުރަށް ބަޔަކު ރޭލަށް އަރައި--- ފޮޓޯ: ސައުދީ ގެޒެޓް

މައްކާ އާއި މަދީނާގެ ދެ ހަރަމް އާއި ޖިއްދާ އެއާޕޯޓް ގުޅާލަ ދޭ ހައި ސްޕީޑް ރޭލުގައި ގަޑިއިރަކު 200،000 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ ކަމަށް ސައުދި އަރަބިއްޔާއިން ބުނެފިއެވެ.

ހައި ސްޕީޑް ރޭލުގެ މައި ސްޓޭޝަން ގާއިމްކޮށްފައި ވަނީ ޖިއްދާގަ އެވެ. އެހައި ސްޕީޑް ރޭލުން ދަތުރު ކުރާ އިރު ޖިއްދާ އާއި މައްކާއާ ދެމެދު ނަގާނީ ބައިގަޑި އިރެވެ. އަދި ޖިއްދާ އާއި މަދީނާއާ ދެމެދު ކުރާ ދަތުރަށް ނަގާނީ ގާތްގަނޑަކަށް ދެ ގަޑިއިރެވެ.

ސައުދި ގެޒެޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭލުގައި ގަޑިއިރަކު 200،000 ފަސިންޖަރުންނަށް ދަތުރު ކުރެވޭއިރު އަހަރަކު ތިން މިލިއަނަށްވުރެ ގިނަ ފަސިންޖަރުން އެ ރޭލުގައި ދަތުރު ކުރާނެ ކަމަށެވެ.

ސައުދީ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ މައްކާއާއި މަދީނާ ދެ ހަރަމް އާއި އެއާޕޯޓު ގުޅާލާ ހައިސްޕީޑް ރޭލުގެ ޓެސްޓު ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގައި ޓެސްޓު ދަތުރުތައް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ހައްޖުގެ އަޅުކަންތަކަށް އައިސް އުޅޭ ފަރާތްތަކަށް މި ރޭލުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ. ރޭލުގެ ދަތުރުތައް ބޭނުން ކުރަން ފެށުމުން ގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ހައި ސްޕީޑު ރޭލުގެ ދަތުރުތައް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވި ނަމަވެސް އެ ބޭނުން ކުރާން ފަށާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

އެ ރޭލަކީ ގަޑިއަކު 300 ކިލޯ މީޓަރު ބާރު މިނުގައި ދަތުރު ކުރާ ރޭލެކެވެ. އެކި މޫސުމުގައި ރޭލް ދަތުރުތައް ޓެސްޓް ކުރުމަށް މި ރޭލް އުފެއްދި ކުންފުނީގެ ކިބައިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އެދިވަޑައިގެންފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް