އުތުރު ކޮރެޔާއަކީ އެމެރިކާ އަށް ނިއުކްލިޔާ ހަމަލާ ދެވޭފަދަ ގައުމެއް: އެމެރިކާ

ވޮޝިންޓަން (އޮކްޓޯބަރ 9): އުތުރު ކޮރެޔާއަކީ އެމެރިކާއަށް ނިއުކްލިޔާ ހަމަލާއެއް ދިނުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމަށް ފުރަތަމަ ފަހަރަށް އެމެރިކާ އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ނޮދަން ކޮމާންޑާއި ނޯތް އެމެރިކަން އެއަރޯސްޕޭސް ޑިފެންސް ކޮމާންޑްގެ ވެރިޔާ އެޑްމިރަލް ބިލް ގޯޓްނީ ވިދާޅުވީ އުތުރުކޮރެޔާއަކީ ނިއުކްލިޔާ ހަތިޔާރު އުފައްދައި ދުރުރާސްތާގެ މިސައިލްތަކުގެ ބޮލުގައި ހަރުކުރެވޭ ގޮތަށް ނިއުކްލިޔާ ބޮމުގެ ސައިޒް ކުޑަކުރުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން (ޓެކްނޮލޮޖީ) ލިބިގެންވާ ގައުމެއްކަން މިހާރު އެމެރިކާ ގަބޫލުކުރާ ކަމުގަ އެވެ.

އެމެރިކާއަކީ މީގެ ދިހަވަރަކަށް އަހަރުކުރިން އުތުރު ކޮރެޔާއިން ނިއުކްލިޔާ ތަޖްރިބާއެއް ކުރުމުން އެކަމަށް މަލާމާތްކޮށް އުތުރުކޮރެޔާއަކީ ނިއުކްލިޔާ ބާރެއްކަމަށް ބަލައިނުގަންނާނެ ކަމަށްބުނެ ބޮޑާކަމުގެ ބަސްތައް ބުނަމުން ގެންދިޔަ ހަރުކަށި ގައުމެކެވެ. އަދި އުތުރު ކޮރެޔާއިން ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއް އެންމެ ފުރަތަމަ ތަޖްރިބާކުރުމުން ވެސް އެމެރިކާގެ މަސްއޫލުވެރިން އެކަމަށް މަލާމާތް ކުރެއްވި އެވެ. ނަމަވެސް މިއަދު އުތުރު ކޮރެޔާއަކީ އެމެރިކާގެ ކޮންމެ ސަރަހައްދަކަށް ވެސް ދުރުރާސްތާގެ ބެލަސްޓިކް މިސައިލުން ހަމަލާދެވޭ ފަދަ ބާރުގަދަ ގައުމެއްކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ނެރެފައިވާރިޕޯޓެއް ބުނެ އެވެ.

ނޯތް އެމެރިކަން އެއަރޯސްޕޭސްގެ ޑިފެންސް ކޮމާންޑްގެ ވެރިޔާ އެޑްމިރަލް ބިލް ގޯޓްނީ ވަނީ އެމެރިކާގެ މިޖާސޫސީ ރިޕޯޓަކީ ތެދުރިޕޯޓެއްކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގައި ހުންނަ އެޓްލާންޓިކް ރީސާޗް ކައުންސިލްގެ ބައްދަލުވުމެއް ޗަރަފު ވެރިކޮށް ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ގޯޓްނީ ވިދާޅުވީ ނިއުކްލިޔާ ވޯހެޑް ހަރުކޮށްފައިވާ ބެލަސްޓިކް މިސައިލުން އުތުރު ކޮރެޔާ އެމެރިކާއަށް ހަމަލާދިންކަމަށް ވިޔަސް އެމެރިކާ އޮތީ އެފަދަ ހަމަލާއަކަށް އަވަހަށް އަދި އެހާމެ ބާރުގަދަ ގޮތެއްގައި ރައްދު ދެވޭފަދަ ހާލަތެއްގައި ކަމުގަ އެވެ.

ގޯޓްނީ ވަނީ އުތުރު ކޮރެޔާގެ ޒުވާން ޒައީމް ކިމް ޖޮންގް އުންއަކީ "މޮޔަ ބޭފުޅެއް" ކަމަށް ސިފަކުރައްވައި އޭނާ އެމެރިކާއާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރައްވަފާނެ ކަމަށް ވިދާޅުވެ މަލާމާތުގެ ރާގެއްގައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އިންސާނުންނާ ދެކޮޅަށް ބޭނުންކުރުމުގެ ޖަރީމާ ވެސް އެންމެ ފުރަތަމަ ހިންގާފައިވާ ގައުމަކީ ޚުދު އެމެރިކާއެވެ. އެމެރިކާ ވަނީ ދެވަނަ ބޮޑު ހަނގުރާމަ ނިމެންއުޅެނިކޮށް ޖަޕާން ބަލިކުރުމުގެ ނަމުގައި ޖަޕާނުގެ ހޮރޮޝީމާ އަށާއި ނަގަޒާކީ އަށް އެޓޮމް ބޮމުގެ ދެ ހަމަލާ ދީ އިންސާނިއްޔަތު މިހާތަނަށް ނުދެކޭ ފަދަ ބޮޑު ދެޖަރީމާ ހިންގާފަ އެވެ.

އެތައް ލައްކަ ބަޔަކު އެއްފަހަރާ މަރުވެގެންދިޔަ މިވަރުގެ ބޮޑު ޖަރީމާއެއް ކޮމިއުނިސްޓް ގައުމަކުން ވެސް އިންސާނުންނާ ދެކޮޅަށް ހިންގާފައެއް ނުވެ އެވެ. ނަމަވެސް މިޖަރީމާތައް އެމެރިކާ ހިންގާފައިވަނީ "ޑިމޮކްރެޓިކް" ގައުމެއްގެ ގޮތުގައި އޮވެގެންނެވެ.

އެމެރިކާއަކީ ބޮޑެތި އަދި ބާރުގަދަ ގައުމުތަކާ ކުރިމަތިލާން ޖެހިލުންވާ ގައުމެކެވެ. އެމެރިކާ އަބަދުވެސް ކުރިމަތިލަނީ އަލްގާއިދާއާއި ތާލިބާން އަދި ސޮމާލިޔާގެ އައްޝަބާބް ޖަމާއަތް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާއެވެ. މިފަދަ ޖަމާއަތްތަކާ ކުރިމަތިލައިގެން ވެސް އެމެރިކާއަށް ކާމިޔާބީއެއް ނުލިބެއެވެ. އުތުރުކޮރެޔާއާ ދެކޮޅަށް އެމެރިކާ ކިތަންމެ ހަރުކަށި އިންޒާރުތަކެއް ދިންނަމަވެސް އެގައުމާ ވެސް ކުރިމަތިލުމަށް އެމެރިކާ ވަރަށްބޮޑަށް ޖެހިލުންވެ އެވެ. (އާރުޓީ)

comment ކޮމެންޓް