ވަކި މީހަކަށްޓަކައި މުޅި ގައުމު ގުރުބާން ނުކުރެވޭނެ: ދުންޔާ

ފޮރިން މިނިސްޓަރު ދުންޔާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ވަކި މީހަކަށްޓަކައި މުޅި ގައުމުގެ ގުރުބާން ނުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، ރައީސް ނަޝީދުގެ ލީގަލް ޓީމުން މަސައްކަތްކުރައްވާ ގޮތުން މުޅި ގައުމު މިދަނީ ވަކި މީހެއްގެ މަސްލަހަތަށްޓަކައި ގުރުބާންވެގެން ކަމަށެެވެ.

އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ލީގަލް ޓީމުން ރާއްޖެއާ މެދު ފިޔަވަޅުއެޅުމަށް މަސައްކަތްފަށާފައިވާ ކަމަށް އެ ޓީމުން ބުނެފައިވަނިކޮށެވެ.

" މީގަ ސެލްފިޝް ކަަމަށް ބަލައިފިއްޔާމު މީ ދެން އިންތިހާއޭ އަޅުގަނޑު ބުނާނީ،" ދުންޔާ ވިދާޅުވިއެވެ.

ވަކި މީހެއްގެ ކަމަކާ ހެދި އެއްވެސް ޓޫރިސްޓެއް ރާއްޖެ ނަޔަސް ވެސް އަދި މުޅި ގައުމު ބަނޑަށް ޖެހުނަސް އެއީ މައްސަލައެއް ނޫން ކަމަށް ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ.

އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ ބެހޭގޮތުން ރާއްޖެއާއި ދޭތެރޭ ފިޔަވަޅެއް އެޅުމަކީ 'ހައްގު' ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަަމަށް ދުންޔާ ވިދާޅުވިއެވެ.

އަދި ޓޫރިޒަމް ބޮއިކޮޓްކުރާ ވާހަކަ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ދައްކާތީ ހިތާމަކުރައްވާ ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްގެ ދަތިކަން އަންނާނީ ސަރުކާރަށް އެކަނި ނޫންކަމަށާއި ރައްޔިތުންނަށް ވެސް އޭގެ އަސަރުކުރާނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނުނީ ޓީމުން ބުނެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅާއި ބޮއިކަޓްކުރުމުގެ ފިޔަވަޅު އަޅާނީ މުޅި ގައުމަށް ނޫން ކަަމަށާއި ވަކިވަކި ފަރާތްތަކާ ދޭތެރޭކަމަށެވެ.

ދުންޔާ ވިދާޅުވީ، ޝަރުއީ ނިޒާމުގެ ތެރެއިން ހުކުމްކޮށްފައި ހުރި މީހަކު، ވަކި ބަޔަކު އަންގާ އެންގުމަކަށް ދޫކޮށްނުލެވޭ ކަމަށެވެ.

އަދި އިންޑިއާއިން ވޯކިން ގްރޫޕްގެ ނިންމުމާ ބެހޭގޮތުން ވަކި އެއްޗެއް ނުބުނާ ކަން ދުންޔާ ވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފްކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަން ދުންޔާ ފާހަގަކުރެއްވިއެވެ.

ވޯކިން ގްރޫޕްގެ ނިންމުމަކީ އެ ގްރޫޕްގެ ޚިޔާލެއް ކަމަށް ވިދާޅުވާ ވިދާޅުވުން ދުންޔާ ތަކުރާރުކުރެއްވިއެވެ.

ރައީސް ނަޝީދުގެ މައްސަލަ އަކީ ޝަރުއީ ދާއިރާގައި އޮތް މައްސަލައެއް ކަމަށާއި އެކަމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އދ.ގެ ވޯކިން ގްރޫޕުން ނިންމާފައި ވަނީ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ނަޝީދު ޖަލުން ދޫކޮށްލުމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެ ނިންމުން ބަލައިނުގަނެވޭނެ ކަަމަށެވެ.

comment ކޮމެންޓް