އާންމުންނަށް ބައިވެރިވެވޭ ގޮތަށް އެމްޓީސީސީން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

އޮޅުވެލި ބީޗް އެންޑް ސްޕާގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްގައި އެ ރިސޯޓުގެ މުވައްޒަފެއް ލޭ ހަދިޔާކުރަނީ: ހޮނިހިރު ދުވަހު އެމްޓީސީސީން ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގާނެ --- ސަން ފައިލް ފޮޓޯ

އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އެމްޓީސީސީން މޯލްޑިވްސް ބްލަޑް ޑޯނާސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ހިންގަން ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ ދިވެހި ރައްޔިތުންގެ ތެރެއިން އެތައް ފަރާތްތަކަކީ ދާއިމީކޮށް ލެއަށް ބޭނުންވާ ފަރާތްތަކެއް ކަމަށާއި އަދި ދާއިމީކޮށް ނޫނަސް ލެއަށް ބޭނުންވާ އެތައް ބަޔަކު އުޅޭ ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ އެ ފަރާތްތަކަށް އެހީވުން ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 10 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް މާލެއިން ހުޅުމާލެއަށް ފެރީ ދަތުރުކުރާ ޓާމިނަލްގެ ފެންނާގިމަތަ ސަރަހައްދުގައެވެ.

އެމްޓީސީސީގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާގެ މެންބަރުންގެ އިތުރުން އާންމުންނަށް ހުޅުވާލާފައިވާ އެ ހަރަކާތުގައި ބައިވެރިވުމަށް އެތަނަށް ގޮސް، ނަން ނޯޓްކުރުމުން ލޭ ހަދިޔާކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ހަރަކާތް ކުރިއަށް ގެންދިޔުމަށްޓަކައި ނޭޝަނަލް ތެލެސީމިއާ ސެންޓަރ، އައިޖީއެމްއެޗް އަދި އޭޑީކޭގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިފައިވާކަން އެމްޓީސީސީން ފާހަގަކުރެ އެވެ.

comment ކޮމެންޓް