އެމްޑީޕީގެ ޖަލްސާ އާއި ހިނގާލުން ގާނޫނީއިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން އެދެފި

އެމްޑީޕީއާ އެކު ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ -- ޕޮލިސް

އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަދި މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދިއުމަށް ފުލުހުން އެދެފި އެވެ.

އެމްޑީޕީގެ އިސްވެރިނާއެކު މިއަދު އިސްކަންދަރު ކޮށީގައި އޮތް ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އާއްމު އިޖުތިމާއީ މިންގަނޑުތަކުގެ ޤާނޫނާ ހިލާފު ނުވާނެހެން އެ ހަރަކާތްތައް ކުރިޔަށް ގެންގޮސްދިނުމަށް އެދޭ ކަމަށެވެ.

މިރެއާ މާދަމާ އެހަރަކާތްތަށް ކުރިއަށް ގެންދާ އިރު ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބުރޫ ނާރާނެފަދަ ގޮތަކަށް އިންތިޒާމުތައް ކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ބޭފުޅުން ވަނީ މިރޭ އެޕާޓީން އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާވެސް އަދި މާދަމާ އޮންނަ ހިނގާލުންވެސް ސުލްހަވެރިކަމާއެކު ގެންގޮސް ދެއްވާނެކަމުގެ ޔަޤީންކަން ފުލުހުންނަށް ދީފައި ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީން އެއްބަސްވި ކަންކަން

  • އެމްޑީޕީން މިރޭ ބާއްވާ ޖަލްސާ މިރޭ 12 ޖަހާއިރު ނިންމަން
  • މާދަމާ ހަވީރު ބާއްވަން އެޕާޓީން އިންތިޒާމުކޮށްފައިވާ ހިނގާލުން 16:00 ން ފެށިގެން މާދަމާގެ މަޣްރިބް ނަމާދު ވަގުތަށް ނިންމަން

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން -- ސަންފައިލް ފޮޓޯ

މަގުމަތީގައި ހިނގާލުން ބޭއްވިނަމަވެސް އެފަދަ ހިނގާލުމެއްގައި ހަތަރު ފުރޮޅުލީ އިންޖީނު އުޅަނދު ބޭނުން ނުކުރެވޭނެ ކަމަށާއި ހިނގާލުމުގެ ކުރިމަތިން އަދި ފަހަތުންވެސް ސައިކަލުތަކުގައި ދުއްވާފައިދާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފަށް ޢަމަލުކުރާނަމަ އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް މިއަދުގެ ބައްދަލުވުމުގައި ޢަބްދުﷲ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު އެމްޑީޕީން ބުނެފައި ވަނީ އެމް.ޑީ.ޕީގެ ޙަރަކާތްތައް އާންމުކޮށް ޢިއުލާންކުރުމަށް ނެރޭ ޕިކަޕް ފުލުހުން ހިފަހައްޓަނީ އެކަމަށް ބޭނުންވާ ހުއްދަ ނެތުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އެކަމަށް ހުއްދަ ދޫކުރާނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކަމަށްވެސް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ޤާނޫނު އަސާސީން ލިބިދޭ ބާރެއްގެ ބޭނުންކުރުމުގެ ހުއްދައަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެދެން ޖެހޭނެ ސަބަބެއް ނޯނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން ދެއްކެވީ "ވަރަށް ޒިންމާދާރުކަންކުޑަ ދެކޮޅުނުޖެހޭ" ވާހަކަތަކެއް ކަމަށެވެ.

comment ކޮމެންޓް