ދައުލަތުގެ މުދާ ހިމާޔަތް ކުރުމަށް ސިފައިންނާއި ފުލުހުންނަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފި

ފުލުހުންނާއި ސިފައިންގެ އިސްވެރިން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ -- ޕޮލިސް

މާލެއާ އަތޮޅުތަކުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންނާ ދައުލަތުގެ މުދާ ހިމާޔަތް ކުރުމުގައި ފުލުހުންނާ ސިފައިން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސިފައިންނާއި ފުލުހުންގެ އިސްވެރިން މަޝްވަރާކޮށްފި އެވެ.

ދިވެހިރާއްޖޭގެ ފައުމީ ދިފާއީ ބާރުގެ މައިމަރުކަޒުގައި މިއަދު ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ މާލެއާ އަތޮޅުތަކުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންނާ ދައުލަތުގެ މުދާ ހިމާޔަތް ކުރުމުގައި ފުލުހުންނާ ސިފައިން ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށާއި މުދައްލުގެ ރައްކާތެރިކަން ގާއިމްކޮށް ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ފަހި މާހައުލެއް ދެމެހެއްޓުމަށް ފުލުހުންނާ ސިފައިން ގުޅިގެން މަސައްކަތްތައް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް އެބަސްދަލުވުމުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އަދި ވައިސް ޗީފް އޮފް ޑިފެންސްފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޝާހިދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

comment ކޮމެންޓް