ޗެނަލްތައް ހުއްޓެނީ ބަޔަކު ސިގްނަލް ޖޭމް ކުރާތީ: މީޑިއާނެޓް

މީޑިއާނެޓް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޗެނަލްތައް ހުއްޓެނީ ބަޔަކު އެ ކުންފުނީގެ ސިގްނަލްތައް ބްލޮކް ކުރާތީ ކަމަށް މީޑިއާނެޓުން ބުނޭ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިދުވަސްވަރު މީޑިއާނެޓްގެ ޗެނަލްތައް ހުއްޓެން މެދުވެރި ވަނީ ބަޔަކު މީޑިއާނެޓްގެ ސިގްނަލް ޖޭމް ކުރާތީ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

އެކަމާގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު މީޑިއާނެޓް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް ސިމާނާ އިސްމާއިލް ވިދާޅުވީ ބަޔަކު އެ ކުންފުނީގެ ސިގްނަލްތައް "ޖޭމް" ކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޖިނިއަރިން ޓީމުން މިކަން އިންވެސްޓިގޭޓް ކޮށްގެން އެބޭފުޅުން ނިންމީ އެހެން ފަރާތްތަކަކުން އަޅުގަނޑުމެންގެ ސިގްނަލް އަދި ފްރީކުއެންސީސް ތަކަށް ޖޭމް ކުރާ ކަމަށް. ނަމަވެސް ކަސްޓަމަރުންނަށް ޔަގީންކަން ދޭން ބޭނުންވޭ ވީހާވެސް ރަނގަޅަކަށް ކަސްޓަމަރުންނަށް ހިދުމަތް ދޭން،" ސިމާނާ ވިދާޅުވި އެވެ.

އެގޮތުން ބައެއް ޕްރީމިއަމް ޗެނަލްތަކުގެ ފްރީކުއެންސީ އަދި ސިގްނަލް މިހާރު ރަނގަޅުކޮށްފައިވާ ކަމަށް ސިމާނާ ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އިތުރު ޗެނަލްތައް ރަނގަޅު ކުރާނެ ކަމަށެވެ.

މީޑިއާނެޓްގެ ލީގަލް އެޑްވައިޒަރު އަބްދުﷲ ޔާމީން ވިދާޅުވީ، އެ މައްސަލަ މިމަހު ފަސްވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ ކޮން ބައެއްކަން މީޑިއާނެޓަށް އެނގޭ ކަމަށާއި ނަމަވެސް މައްސަލައިގެ ގޮތުން އެ ފަރާތުގެ މައުލޫމާތު އާންމުކުރެވެން ނެތް ކަމަށެވެ.

"މި ވަގުތު އެއީ ކޮންބައެއްކަން ދަންނަވާލަން ވަރަށް ދަތި. ނަމަވެސް މިކަން ފާހަގަކުރެވުމުން މިއީ ކޮންބައެއް ކިހިނެތް ކުރާކަމެއްކަން އަޅުގަނޑުމެން ވާނީ ހޯދާފައި. އަދި އެކަމާ ގުޅިގެން މީޑިއާނެޓުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ވާނީ އަޅާފައި. އަދި ޗެނަލްތައް ރީސްޓޯކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ވަރަށް ބޮޑު ބައެއްވެސް ވަނީ ނިމިފައި،" ޔާމީން ވިދާޅުވި އެވެ.

ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހުރިހާ ޗެނަލްތައް ރީސްޓޯކޮށް އާންމުންނަށް ފުރިހަމަ ފުރިކުއެންސީއާ އެކު ދޫކުރާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް