އައްޑޫގައި ބާއްވާ ޝޯއަށް "ސަނަމް" ރާއްޖެ އަތުވެއްޖެ

ޖުލައި މަހު 25 ގައި ބޭއްވި "ވިޒިޓް މޯލްޑިވްސް އިޔަރ މިއުޒިކް ފެސްޓިވަލް" ޝޯގައި ސަނަމް ބޭންޑުން ޕަފޯމް ކުރަނީ --- ފޮޓޯ/ރައީސް އޮފީސް

އައްޑޫ ސިޓީ ފޭދޫގައި ދިނުމަށް ހަމަޖެހިފައިވާ ހާއްސާ ޝޯއަކަށް އިންޑިއާގައި މަގުބޫލް ބޭންޑް "ސަނަމް" ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ސަނަމް ބޭންޑު ރާއްޖެ އައިސްފައިވާއިރު އެ ބޭންޑުން ރާއްޖެ އައި މިއީ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ސަނަމް ރާއްޖެ އައިސްފައިވަނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ދައުވަތަކަށް މިދިޔަ ޖުލައި މަހުގެ 22ގައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ބޭންޑުގެ ދަތުރު ނިންމާލުމަށްފަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. ޖުމްލަ އަށް ދުވަހުގެ އެ ދަތުރުގައި ސަނަމްގެ ލަވައަކަށް ވީޑިއޯއެއް ރާއްޖޭގައި ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ޕްރޮމޯޓުކޮށް ޓުއަރިސްޓުންގެ އަދަދު އިތުރު ކުރުމަށް ބާއްވާ އެ ޝޯއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި "ޓިމް ޒުވާނުން" އަދި "ޓީމް އަދީބު" ގުޅިގެން ބާއްވާ ޝޯއެކެވެ.

މާދަމާ ރޭ ބާއްވާ އެ ޝޯގައި ދިވެހި ބައެއް ފަންނާނުންވެސް ބައިވެރިވާނެ އެވެ.

comment ކޮމެންޓް