ނަޝީދު ވަނީ ވޯކިން ގްރޫޕްގެ ނިންމުމާ ޚިލާފުވެފައި: ދުންޔާ

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި މިނިސްޓަރު ދުންޔާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ އދ. ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ ޚިލާފުވެފަ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ދުންޔާ ވިދާޅުވީ 2009 ވަނަ އަހަރު މެއި މަހު ވޯކިން ގްރޫޕްގެ ނިންމުމަށް އަމަލު ނުރަން ރައީސް ނަޝީދު ނިންމަވާފައިވާ ކަަމަށެވެ.

"ރައީސް ނަޝީދު ނިންމަވާފައި މި އޮތީ ވާކިން ގްރޫޕްގެ އޮޕިނިއަން ބައްލަވާކަށް ބޭނުންފުޅު ނޫން ކަމަށް ނުވަތަ އޮޕިނިއަން އަށް ސަރުކާރުން އަމަލުކުރަން ނުޖެހޭނެ ކަމަށް،" މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.

އެ މައްސަލަ އަކީ ރާއްޖޭގެ ޖަލެއްގައި ހުރި ބިދޭސީ އެއްގެ ފަރާތުން ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފޮރިން ސެކެއްޓަރީ އަލީ ނަސީރު ވިދާޅުވީ ވޯކިން ގްރޫޕްގެ ނިންމުމަކާ ބެހޭ ގޮތުން މާޒީގައި ވަކި ގޮތެއް ކަނޑައެޅިފައިވާ ކަމަށެވެ.

"ވޯކިން ގްރޫޕުން 2009 މޭ ގަ ސަރުކާރަށް ދެއްވި ލަފައެއް. އޭނަ ވަގުތުން ދޫކޮށްލުމަށާއި އޭނާ އަށް ބަދަލުދިނުމަށް. އޭރު ސަރުކާރުން ނިންމެވީ އޭނަ އާއި މެދު އަމަލުކުރަނީ ރާއްޖޭގެ ގާނޫނީ ނިޒާމް ހަމަޖެހިފައިވާގޮތުގެ މަތިންނޭ، ވޯކިން ގްރީޕްގެ އޮޕިނިއަންގަ ބުނާގޮތަކަށް ނޫނޭ" ނަސީރު ވިދާޅުވިއެވެ.

އދ. ގެ ވޯކިން ގްރޫޕުން ނިންމާފައި ވަނީ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ނަޝީދު ޖަލުން ދޫކޮށްލުމަށެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެ ނިންމުން ބަލައިނުގަނެވޭނެ ކަަމަށެވެ. އަދި ވޯކިން ގްރޫޕަކީ ކޯޓެއް ނޫން ކަމަށާއި އެ ގްރޫޕުން ނިންމާފައިވާ ނިންމުމަކީ އެ ގްރޫޕްގެ ޚިޔާލު ކަމަށެވެ.

comment ކޮމެންޓް