އިނގިރޭސިވިލާތަށް ސޫރިޔާގެ ގިނަ ރެފިއުޖީން ބަލައެއްނުގަނެވޭނެ: ޑޭވިޑް ކެމެރޮން

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން

މެންޗެސްޓަރ (އޮކްޓޯބަރ 8): އިނގިރޭސިވިލާތަށް ސޫރިޔާގެ ގިނަ ރެފިއުޖީން ބަލައި ނުގަނެވޭނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި ކުރިޔަށްދާ އެގައުމުގެ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ، ގިނަ އަދަދެއްގެ ރެފިއުޖީން ބަލައިގަތުމުގެ މާލީ ތަނަވަސްކަން އިނގިރޭސިވިލާތުގައި ނެތްކަމުގައެވެ.

ރެފިއުޖީން ގިނަ އަދަދަކަށް ހިޖްރަ ކުރުމުގެ ފުރްސަތު ދީފިނަމަ އިނގިރޭސިވިލާތަށް އިޖްތިމާއީ މައްސަލަތަކެއްވެސް ކުރިމަތިވެގެންދާނެ ކަމުގެ ބިރު އޮތްކަމަށް ކެމެރޮން ވިދާޅުވިއެވެ. އަދި ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރަންޖެހޭނީ އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކުގައި ދާއިމީ ގޮތަކަށް ވަޒަންވެރިކޮށްގެން ނޫންކަމަށްވެސް ކެމެރޮން ވިދާޅުވިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ބަހުގެ ހަމަލާތައް ދެއްވަމުން ކެމެރޮން ވިދާޅުވީ، ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ ހައްލުކުރެވޭނީ ބައްޝާރު ނޫންބޭފުޅަކު ސޫރިޔާގެ ވެރިކަމަށް ގެނެސްގެން ކަމަށާއި ބައްޝާރު ވެރިކަމުގައި ހުންނެވިހާ ދުވަހަކު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނުހުއްޓުވުމުގެ އިތުރުން ރެފިއުޖީންގެ ގޮތުގައި އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ހިޖްރަކުރާ ކުރުންވެސް ނުހުއްޓުވޭނެ ކަމުގައެވެ.

ކެމެރޮން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނީ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރުދީ ސިޔާސީ ބޭނުމެއްގައި ރައީސް ބައްޝާރުލްއަސަދު މަގާމުން ދުރުކުރަން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. މިރިޕޯޓްތަކުގައި ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށި އެގައުމު ހަލާކުވެ އެތަށް ލައްކަ ބަޔަކު މަރުވެ ރައްޔިތުންގެ ދެބައިކުޅަ އެއްބައެއްހާ މީހުން ހާލުގައިޖެހި އޭގެތެރެއިން ގިނަބަޔަކު ބިކަވެ ރެފިއުޖީންގެ ދުނިޔެއަށް ގިނަވެފައިވަނީ ބައްޝާރުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ސޫރިޔާގެ ރައްޔިތުން ތެދުވުމުގެ ސަބަބުން ނޫންކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އުތުރި އަރަން ފެށުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ސިޔާސީ ބޭނުމެއްގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ދީ ދާޚިލީ ހަނގުރާމައަކަށް މަގުފަހިކޮށްދީގެންކަން ހުޅަނގުގެ މުސްތަގިއްލު ޖާސޫސީ ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިއެވެ.

އިނގިރޭސިވިލާތަކީ އދ.އަށް ގޮންޖެހުމަށްފަހު އިރާގާ ދެކޮޅަށް އުދުވާނީ ހަނގުރާމައެއްކޮށް ސައްދާމް ހުސައިންގެ ސަރުކާރު ގަދަބާރުން ވައްޓާލައި އިރާގުގެ އެތަށް ލައްކަ ބަޔަކު މަރައި އިރާގު ހަލާކުކޮށް ސުންނާފަތި ކުރުމުގައި އެމެރިކާއާއެކު ބައިވެރިވި ހަމައެކަނި ގައުމެވެ.

އިރާގުގައި އެމެރިކާ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތު އިނގިރޭސިވިލާތުގެ މައްޗަށްވެސް ކުރެވޭއިރު ކޮންމެވެސްދުވަހަކުން މިކަމުގެ ބަދަލުގައި އެތަށް ސަތޭކަ ބިލިޔަން ޑޮލަރު އިނގިރޭސިވިލާތާއި އެމެރިކާއިން ހޯދުމަށް އިރާގު ރައްޔިތުން އެދޭނެކަމަށާއި ބައިނަލްއަގްވާމީ މަސްރަޙަކީ އަބަދު އެއްބައެއްގެ ކޮންޓްރޯލްގެ ދަށުގައި ނޯންނާނެ އެއްޗެއްކަން ތަޖްރިބާކާރުން ދެކެއެވެ.

ބަދަލުހިފުމުގެ ރޫހެއްގައި އިރާގުން އައިއެސް ޖަމާއަތް ފާޅުވީވެސް އިރާގާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސީން ކުރި އުދުވާނީ ހަނގުރާމައިގެ ސަބަބުންކަމަށް ތަޖްރިބާކާރުން ދެކެއެވެ. އދ. އަށް ގޮންޖެހުމަށްފަހު އިރާގާ ދެކޮޅަށް 2003 ވަނަ އަހަރު އެމެރިކާއާއި އިނގިރޭސިވިލާތުން އިރާގަށް އިސްވެ ހަމަލާދީ އުދުވާނީ ހަނގުރާމަކޮށްފައިވަނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ފާޅުގައި ދޮގުތައް ހަދައި އދ. އަށާއި މުޅި ދުނިޔެއަށް އޮޅުވާލައިގެންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް