އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ: ވޯލްޑް ބޭންކް

މާލެ އުތުރު ފަރާތު ބަނދަރު ސަރަހައްދު: އިގްތިސާދީ މިއަހަރު ވެސް ކުރިނާރާނެ ކަމަށް ލަފާކޮށްފައިވޭ-- ސަން ފައިލް ފޮޓޯ

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.5 ޕަސެންޓަށް ދަށަށްދާނެ ކަމަށް ވޯލްޑު ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ދެކުނު އޭޝިއާ ސަރަހައްދު އިގްތިސާދާ ބެހޭ ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ ފަސް ޕަސެންޓަށް ކަމަށާއި އަންނަ އަހަރު އެ އަދަދު 3.9 ޕަސެންޓަށް ދަށަށްދާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ވޯލްޑް ބޭންކުން އެގޮތަށް ލަފާކޮށްފައިވާ އިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަހަކު އެއް ފަހަރު ނެރޭ އިގްތިސާދީ ރިވިއުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާ ހަވާލާދީ ބުނެފައި ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދަށް 10.5 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށެވެ. ނަމަވެސް ވޯލްޑް ބޭންކުން ބުނަނީ އެ އަދަދު މިއަހަރު 5 ޕަސެންޓް ދަށަށްދާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓްގައި ރާއްޖޭގެ އިގުތިސާދާ މެދު ފާހަގަކޮށްފައިވާ ޕޮއިންޓްތަކުގެ ތެރޭގައި 2012 ގައި ރާއްޖޭގެ އިގްތިސާދަށް ދިމާވި މައްސަލަތަކުން އަރައިގަނެ، އިންފްލޭޝަން ދަށްކޮށްފައިވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކުރެ އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ބާރު ސްޕީޑެއްގައި އިގްތިސާދު ކުރިއަރަމުން އަންނަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ކަމަށެވެ. އެގޮތުން އެ ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް އަންނާނީ އިންޑިއާއަށް ކަމަށެވެ. އެގޮތުން އެގައުމުގެ އިގްތިސާދަށް މި އަހަރު 7.5 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

comment ކޮމެންޓް