أمّهات المؤمنين ގެ ތެރެއިން: އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ ޢަންހާ

"އަހުރެންގެ މައްޗަށް އެންމެ ފުރަތަމަ އީމާންވެވަޑައިގަތީ އެކަމަނާއެވެ. އެކަމަނާ އަހުރެންގެ ނަބީކަމަށް ހެކިވެވަޑައިގަތީ، މީސްތަކުން އަހުރެންގެ ނަބީކަން ދޮގުކުރަމުން ގެންދަނިކޮށެވެ. އެކަމަނާ އަހުރެންނަށް އެހީތެރިވެވަޑައިގަތީ އަހުރެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއްނެތި ހުއްޓައެވެ. އެކަމަނާ އަހުރެންގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެން ހިތްހަމަޖައްސައިދެއްވީ މީސްތަކުން އަހުރެން ހިތްދަތިކޮށް އުނދަގޫ ކުރަމުން ގެންދިޔަ ދުވަސްވަރުއެވެ."

މިއީ އަޅުގަނޑުމެންގެ ލޮބުވެތި ސާހިބާ صلّى الله عليه وسلّم އެކަލޭގެފާނުގެ ލޮބުވެތި އަލަތު އަނބިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها ސިފަކުރައްވައިފައިވާ ޢިބާރާތެވެ.

އިސްލާމީތާރީޚުގެ އުޖާލާ ޞަފްޙާތައްވަނީ މަތިވެރިމާތް އަންހެން ސާހިބުންގެ ކުލަގަދަ ޚިދުމަތްތަކާއި ޤުރުބާނީގެ ވާހަކަތަކުން ފުރިފައެވެ. ޝައްކެއްވެސްނެތެވެ. ތާރީޚުގެ ކޮންމެ ދައުރެއްގައިވެސް މާތްވެގެންވާ އިސްލާމްދީން މަތިވެރިކުރައްވައި އެދީނަށް ނަސްރާއި ކާމިޔާބީ ހޯއްދައިދެއްވުމަށްޓަކައި އަންހެން ސާހިބުން އަދާކުރައްވައިފައިވަނީ ވަރަށް މުހިންމު ދައުރެކެވެ. ނަމަވެސް އިސްލާމީ ތާރީޚް ފިޔަވައި މުޅި އިންސާނީ ތާރީޚަށް ނަޒަރު ހިންގިކަމުގައިވިޔަސް އެންމެ އުޖާލާކޮށް ވިދަމުންދާތީ ފެންނަ އެންމެ ފާންތަރިއަކީ أمّ المؤمنين السّيدة خديجة رضى الله عنها އެވެ.

السّيدة خديجة رضى الله عنها އަކީ ޤުރައިޝްވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާއަކީ މާތްރަސޫލާގެ ކާބަފައިކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ قصيّގެ عبد العّزى ގެ أسدގެ خويلدގެ ދަރިކަނބަލުންނެވެ. މައިކަނބަލަކީ فاطمة بنت ذائدة بن جندب އެވެ. خديجة ގެފާނު ރައްކައުވީ ޢާމުލްފީލުގެ ފަނަރައަހަރުކުރީން (މީލާދީން 556ގައި) މާތްވެގެންވާ މައްކާގައެވެ.

އަސަދުވަންހައަކީ ޤުރައިޝުންގެ ޤައުމީ ޝަރަފާއި ވެރިކަމުގެ ބާރު ހިއްސާކުރާ ދިހަ ދަރިކޮޅުގެ ތެރެއިން އެއްދަރިކޮޅެވެ. أسد بن عبد العّزى އަކީ ޤުރައިޝުންގެ މަޖްލިސުއްޝޫރާގެ ބެލެހެއްޓުންތެރިޔާއެވެ. ދާރުއްނަދުވާ ހުންނަނީ އޭނާގެ ބެއްލެވުމުގެ ދަށުގައެވެ. علّامة إبن سعد ލިޔުއްވާގޮތުގައި ޢަރަބީންގެ މަޝްހޫރު ޙަރްބުލްފުޖާރުގައި އަސަދުވަންހައިގެ ވެރިއަކަށް ހުންނެވީ خديجة ގެފާނުގެ ބައްޕާފުޅު خويلد بن اسد އެވެ. އޭނާ އަވަހާރަވީ އެހަނގުރާމައިގައެވެ. ނަމަވެސް الإمام سهيلى ޞަރީޙު ހެކިތަކާއިއެކު ލިޔުއްވާގޮތުގައި خويلد ވަނީ ޙަރްބުލް ފިޖާރުގެ ކުރިން އަވަހާރަވެފައެވެ.

ކުރީގެ ކާވެނިފުޅުތައް

أمّ المؤمنين السّيدة خديجة رضى الله عنها ހިމެނިވަޑައިގެންފައިވަނީ އެޒަމާނުގެ ޤުރައިޝުވަންހައިގައި އިންނެވި އެންމެ ބުރުސޫރަފުޅުރީތި، އެންމެ މުއްސަނދިފުޅު އެންމެ އަބުރުވެރި އެންމެ ޢިއްފަތްތެރި އެންމެ ސަރުސަނަ އަންހެން ސާހިބާ ކަމުގައެވެ. އެކަމަނާގެ މާތްކަމާއި، އަބުރުވެރިކަމާއި، ޠާހިރު ރީތި އުޅުއްވުމުގެ ސަބަބުން، މައްކާގެ އަހުލުވެރިންގެ މެދުގައި މަޝްހޫރުވެޑައިގެންފައިވަނީ "އައްޠާހިރާ" ގެ ލަޤަބު ފުޅުންނެވެ.

އެކަމަނާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ابو هاله ( هند بن زرارة بن النباش بن عدى ) التميمى އޭނާއަށް ދެފިރިހެން ބޭފުޅުންނާއި ( هند ނުވަތަ هالة އާއި الحارث ) އަންހެން ބޭފުޅަކު (زينب) ރައްކާވިއެވެ. މިދެންނެވި ތިން ބޭފުޅުންވެސް ރިސާލަތުގެ ދައުރުދެކެވަޑައިގެން އިސްލާމްވެވަޑައިގެންނެވިއެވެ. الحارث ވަނީ ރިސާލަތުގެ ދައުރުގެ ކުރީކޮޅުގައި މުޝްރިކެއްގެ އަތުން ޝަހީދުވެވަޑައިގެންފައެވެ. މާތްވެގެންވާ ކަޢުބާގެ އައްރުކުނުލް ޔަމާނީގެ ކައިރީގައެވެ. هند ނުވަތަ هالة އަކީ ބަދުރު ހަނގުރާމައިގައި ( ބައެއް ރިވާޔަތްތަކުގައިވާ ގޮތުން أحد ހަގުރާމައިގައި) ބައިވެރިވަޑައިގެންނެވި ޞަޙާބީއެކެވެ. އެކަލޭގެފާނު އަވަހާރަވީ ޖަމަލު ހަނގުރާމައިގައެވެ. أمير المؤمنين على مرتضى رضى الله عنه ގެ ދިދައިގެ ދަށުގައި ހަގުރާމަ ކުރައްވަނިކޮށެވެ. އެކަލޭގެފާނަކީ ވަރަށް ފަޞާހަތެރި ވަރަށް ބަލާޣަތްތެރި ބޭކަލެކެވެ. ކައުސާހިބާ صلّى الله عليه وسلّم ގެ ސިފަފުޅު އެންމެ ފުރިހަމައަށް ބަޔާންކުރެއްވި ބޭކަލަކީ هند އެވެ. السّيدة خديجة رضى الله عنها ގެ އެންމެ ކުރީގެ ފިރިކަލުން ابو هاله އަވަހާރަވުމުން ދެވަނައަށް ކާވެނި ބެއްލެވީ عتيق بن عائذالمخزومى އާއެވެ. އޭނާއަށްވެސް އަންހެން ބޭފުޅަކު ރައްކައުވިއެވެ. އެދަރިކަނބަލުން މަޝްހޫރުވެވަޑައިގެންފައިވަނީ أم محمد ގެނަންފުޅުންނެވެ. السّيدة خديجة رضى الله عنها ދެވަނަ ފިރިކަލުން އަވަހާރަވުމުން ޤުރައިޝުންގެ ވަރަށްގިނަ ބޮޑުން އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެންނެވިއެވެ، ނަމަވެސް އެކަމަނާ އެއްވެސް ފަރާތެއްގެ ހުށަހެޅުމެއް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. (އުރުދޫ އިންސައިކްލޮޕީޑިއާ އޮފް އިސްލާމް: ވޮލިއުމް 8 ، ސަފްޙާ 861 )

ވިޔަފާރިވެރިންގެ އަމީރާ

އެޒަމާނުގެޤުރައިޝުންގެ ތެރޭގައި އެންމެ ޤަދަރުވެރި މަސައްކަތަކީ ވިޔަފާރިއެވެ. خديجة ގެފާނުގެ ބައްޕާފުޅު خويلد بن اسد އަކީ ވަރަށްބޮޑު ވިޔަފާރިވެރިއެކެވެ. އޭނާ އަވަހާރަވުމުން އޭނާގެ މުދާތައް ވާރުތަކުރެއްވީ خديجة ގެފާނަށެވެ. خويلد އެއަށްފަހު ޤުރައިޝުންގެ ވިޔަފާރީގެ ރަނިކަނބަލަކީ خديجة ގެފާނެވެ. އެކިއެކިއެކި ވިޔަފާރި ޤާފިލާތަކުގައި ހިމެނޭ ޤުރައިޝުންގެ އެހެން އެންމެންގެ މުދަލާއި އެކަމަނާގެ މުދަލާ އެއްވަރެވެ. އެޒަމާނުގައި ޢަރަބީންގެ މެދުގައި އާދަވެފައި އޮންނަނީ މީހެއްގެ އަތުގައި ރައުސްމާލު ހުރެފައި ކޮންމެވެސް ސަބަބަކާހުރެ ޢަމަލީގޮތުން ވިޔަފާރީގައި ޙަރަކާތްތެރިވެވެން ނެތްކަމުގައިވާނަމަ ވިޔަފާރީގެ ތަޖުރިބާހުރި ކޮންމެވެސް މީހަކު ވިޔަފާރީގައި ބައިވެރިކުރުމެވެ. ލިބޭ ފައިދާއެއް ދެމީހުންގެ މެދުގައި އެއްބަސްވެވޭ އުޞޫލެއްގެމަތިން ބަހަމުންގެންދާ ގޮތަށެވެ.

السّيدة خديجة رضى الله عنها ވެސް އެކަމަނާގެ ވިޔަފާރި ހިންގަވަމުން ގެންދެވީ މިދެންނެވިގޮތަށެވެ. މެނޭޖަރުންނާއި، އެޖެންޓުން މެދުވެރި ކުރައްވައިގެންނެވެ.

ތާރީޚު ހެކިވާފަދައިން އަޅުގަނޑުމެންގެ މާތްރަސޫލާ صلّى الله عليه وسلّم އަކީ، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ އަރިހުގައި ވިޔަފާރި ދަތުރުފުޅު ކުރައްވައިފައިވާ ބޭކަލެކެވެ. ވިޔަފާރިވެރިންނާއި ، ވިޔަފާރީގެ ރަނގަޅު ބާޒާރުތަކާއި ، ވިޔަފާރީގެ ޙިކުމަތްތަކާއި އުޞޫލުތައް އެކަލޭގެފާނަށްވަނީ ފުރިހަމައަށް ތަޖުރިބާ ކުރެއްވިފައެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައިވެސް އިތުރުސާހިބާގެ އަމާނާތްތެރިކަމާއި ، ތެދުވެރިކަން އެތައްބަޔަކުވަނީ ތަޖްރިބާކޮށްފައެވެ. އެރޮނގުން އެތައްބައެއްގެ ތާރީފާއި މަދަހަ އޭރުވެސް އެކަލޭގެފާނަށް ލިބިވަޑައިގަންނަވަމުންދިޔައެވެ. އެކަލޭގެފާނަށް ތާރީފުކުރާ މީހުންގެ ތެރޭގައި عبد الله بن أبى الحساء އާއި، سائب بن عويم المخزومي ހިމެނެއެވެ. ޚަލްޤުތަކުންގެ ދޫމަތީގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ "އަލްއަމީން" ގެ މަތިވެރި ލަޤަބުފުޅުންނެވެ. خديجة ގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ قطيمةގެ ފަރާތްޕުޅުން އެވާހަކަތައްވަނީ خديجة ގެފާނަށް އިވިވަޑައިގެންފައެވެ.

ދުވަސްވަރަކީ އިތުރުސާހިބާ صلّى الله عليه وسلّم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު أبوطالب ގެ ބެއްލެވުމުގެ ދަށުގައި ހުންނެވި ދުވަސްވަރެވެ. أبوطالب އަކީ އަހުލުއިޔާލުންގިނަ ބޭކަލެކެވެ. އެކަލޭގެފާނަކީ އަތްޕުޅުމަތި މާތަނަވަސް ބޭކަލެއްނޫނެވެ. އެހެންކަމުން ކައުސާހިބާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ބަރު ލުއިކޮށްދެއްވުމުގެ ގޮތުން އެކިއެކި މީސްމީހުންގެ މުދަލުން ވިޔަފާރިކޮށްދެއްވަމުން ގެންދެވިއެވެ. އިސްވެބަޔާންކޮށްފައިވާ އުސޫލުގެމަތިންނެވެ. އެއްދުވަހަކު أبوطالب ގެފާނު އިތުރު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ. އަޚާގެ ދަރިކަލުންނޭވެ! خديجة بنت خويلد އަކީ މުޟާރިބާގެ އުސޫލުން އެކަމަނާގެ މުދާ މީހުނާ ހަވާލުކުރައްވައިގެން ވިޔަފާރިކުރައްވާ ބޭކަނލެކެވެ. ކަލޭގެފާނު އެދިވަޑައިގެންފިނަމަ އެކަމަނާ އެހެންމީހުންނަށްވުރެ ކަލޭގެފާނަށް އިސްކަންދެއްވާނޭކަން ކަށަވަރެވެ. އިތުރު ސާހިބާއަކީ ކަންކަމުގައި އެދިވަޑައިގެން މީހުންގެ ކުރިމަތީގައި އަތްޕުޅު ފަތުރުއްވާ ބޭކަލެއްނޫނެވެ. އެހެންކަމުން ވިދާޅުވިއެވެ. ތިޔަކަމާމެދު އެކަމަނާ އަޅުގަނޑުބަލައި ފޮނުއްވައިފާށި ތޯއްޗެކެވެ. މިވާހަކަފުޅުގެ ޚަބަރުކޮންމެވެސް ގޮތަކުން خديجة ގެފާނަށް ލިބިވަޑައިގެންނެވިއެވެ. ކުރިންވެސް ދެންނެވިފަދައިން السّيدة خديجة رضى الله عنها އަށް އެކިފަހަރުމަތިންވަނީ ކައުސާހިބާ صلّى الله عليه وسلّم ގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، މަތިވެރިމާތް ޚުލުޤުފުޅުގެ ޚަބަރުތައް ލިބިވަޑައިގެންފައެވެ. އެދުވަސްވަރަކީ އެކަމަނާގެ ވިޔަފާރީގައި ބައިވެރި ކުރައްވާނެ ތެދުވެރި، ރަނގަޅު ޝަޚުޞިއްޔަތަކަށް ނުހަނު ބޮޑަށް ބޭނުންފުޅުވެފައި އިންނެވި ދުވަސްވަރެކެވެ. އެހެންކަމުން أبوطالب ގެފާނު މެދުވެރިކުރައްވައި އެކަމަނާގެ އެދިވަޑައިގަތުން ކައުސާހިބާ صلّى الله عليه وسلّم އަރިހަށް ހުށަހެޅުއްވިއެވެ. އިތުރު ސާހިބާ އެކަމަނާގެ ހުށަހެޅުއްވުން ޤަބޫލުކުރެއްވިއެވެ. (ނުނިމޭ)

comment ކޮމެންޓް