ލިވަޕޫލްގެ ކޯޗުކަމަށް އެންމެ އެކަށީގެން ވަނީ ކްލޮޕް: ހުމެލްސް

ކުރީގެ ބުރޫސިއާ ޑޯޓްމަންޑް ގެ ކޯޗު ޔޫގެން ކްލޮޕް --- ފޮޓޯ: ދަ 18

ލިވަޕޫލް ގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް އެންމެ އެކަށީގެން ވަނީ ކުރީގެ ބުރޫސިއާ ޑޯޓްމަންޑް ގެ ކޯޗު ޔޫގެން ކްލޮޕް ކަމަށް ބުރޫސިއާ ޑޮޓްމަންޓްގެ ކެޕްޓަން މަޓް ހުމެލްސް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހަށްދިން އިންޓަވިއުއެއްގައި ހުމެލްސް ބުނީ ބްރެންޑަން ރޮޖާސްއަށް ފަހު ދެން ލިވަޕޫލްގެ ކޯޗުގެ މަގާމަށް ގެނައުމަށް އެންމެ އެކަށީގެންވާ މީހަކީ ކޮލޮޕް ކަމަށާއި އޭނާއަށް ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެވޭނެ ކަމަށެވެ.

ގާޑިއަން ނޫހަށް ދިން އިންޓަވިއުގައި ހުމެލްސް ވަނީ ކްލޮޕް އަށް ތައުރީފް ކޮށް ވާހަކަ ދައްކާފައެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި ކްލޫޕް އަކީ މޮޅު ކޯޗެއް. އޭނަ ވަނީ ޑޯޓްމަންޑަށް ކޯޗްކަން ކޮށްދިން ކުރު މުއްދަތުގެ ތެރޭގައި އެޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ،" ހުމެލްސް ބުންޏެވެ.

ކްލޮޕް ވަނީ ޑޯޓްމަންޑަށް ޖަރުމަން ލީގު ދެ ފަހަރު ކާމިޔާބުކޮށްދީ އަދި އެ ޓީމު 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.

ބުރޫސިއާ ޑޮޓްމަންޓްގެ ކެޕްޓަން މަޓް ހުމެލްސް --- ފޮޓޯ: ދަ ގާޑިއަން

ލިވަޕޫލުން އަންނަނީ މިއަދުގެ ނިޔަލަށް މަޝްވަރާތައް ނިންމައި އެއްބަސްވުމަކަށް އައިސް ހުކުރު ދުވަހު އޭނާ އެ ޓީމުގެ ކޯޗުގެ ގޮތުގައި ތައާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ.

ކްލޮޕް ވަނީ ޑޯޓްމަންޑުގައި އޭނާގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރި ބޮސްނިއާގެ ޒެއިކޯ ބުވަޗް އާއި ޖަރުމަނުގެ ޕީޓާ ކްރަވިއެޓްޒް ލިވަޕޫލަށް ގެންނަން ހުށަހަޅައިފަ އެވެ.

ލިވަޕޫލުން ވަނީ އެ ޓީމުގެ ކޯޗަކަށް އިޓަލީގެ ކާލޯ އަންޗެލޮޓީ ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭސީ މިލާނާއި ޗެލްސީ އަދި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބުނީ މި ވަގުތު ބޭނުންވަނީ އަރާމުކުރަން ކަމަށާއި ކޯޗިން އަށް ނުކުންނާނީ އަންނަ ސީޒަނުގައި ކަމަށެވެ.

comment ކޮމެންޓް