ބަޔަކު ކިތަންމެ ހިތްހަމަ ނުޖެހުނަސް ގާނޫނާއި ހިލާފުކަމެއް ރައީސަކަށް ނުކުރެއްވޭނެ: އާމިރު

އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ޔުނައިޓެޑް ނޭޝަން ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫއެންޑަބުލިއުޖީއޭޑީ) އިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ސަރުކާރަށް ގޮވާލިނަމަވެސް އެކަމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށާއި އެފަދަ ކަމެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ނުކުރައްވާނެ ކަމަށް ސަރުކާރު ކޯލިޝަން ޕާޓީ އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އާމިރު ވިދާޅުވީ ދިވެހި ގައުމަށް ދެރަ ގޮތްތަކެއް މެދުވެރި ކުރުވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފު އެއްވެސް މުއާހަދާއެއްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

"އަދި ހާއްސަކޮށް އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީތީވެ، އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ ބޭރުން އެއްވެސް މުއާހަދާއެއްގައި އަޅުގަނޑުމެން ސޮއިކޮށްފައެއް ނުވާނެ. އަދި އަޅުގަނޑުމެންނަކީ މިނިވަން ދައުލަތަކަށް ވީ ހިނދު އެ ދައުލަތަކީ ގާނޫނު އަސާސީގެ މައްޗަށް އެކުލެވިގެންވާ ގާނޫނުތަކެއް ހެދިފައި އޮތް ދައުލަތަކަށް ވީ ހިނދު އެ ގާނޫނުތަކާއި ގާނޫނު އަސާސީ ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ކޮންމެހެން ލާޒިމު ކަމެއް،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ރައީސް ނަޝީދަށް ހުކުމެއް އައިސް، ޖަލުގައި އެ ހުކުމް ތަންފީޒު ކުރަމުންދަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނުނު ތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ. އެހެން ކަމުން ޔޫއެން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް ރާއްޖޭގެ ޝަރުއީ ނިޒާމުން ނިންމާފައިވާ ކަމެއްގެ ތެރެއަށް މި ގައުމުގެ ރައީސް ވަދެ، އެ ކަންކަމާ ބެހެން ގޮވައިނުލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކަކީ ރައްޔިތުން އެކަމުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ މުއާހަދާތަކެއް ކަމަށެވެ. އަދި އެފަދަ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމަކާ ނުލާ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އާމިރު ވިދާޅުވީ ދައުލަތް ހިންގަން ހުންނަ ފަރާތުން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ގޮވާލުމަކީ ގައުމަށް އިހުލާސްތެރި ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީޖީ ގުރޫޕުން ވެސް މިދަނީ މަސައްކަތް ކުރަމުން ގައުމަށް ދެރަގޮތްތައް ކުރިމަތި ކުރުމަށް ގޮވާލާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ހަމަތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ގާއިމު ކުރާނަން،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މި ފަދަ ޣައިރު ގާނޫނީ، ގޮވާލުން ތަކާ މެދު ފިޔަވަޅު އެޅޭނެ ހަމަތަކެއް އެކުލެވޭ ގާނޫނެއް ވެސް ވަރަށް އަވަހަށް މަޖލީހަށް އަންނާނެ ކަމަށެވެ.

comment ކޮމެންޓް