ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް ތަރައްގީކުރަން 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް

'މިނިޓްސް އޮފް ޑިސްކަޝަން' ގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތު، މިނިސްޓާ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު (ކ) އަދި ޖައިކާ ޓީމްގެ ލީޑަރު ޖޮޓާރޯ ޓަޓަޔާމާ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް ތަރައްގީ ކުރުމަށް ޖަޕާނު ސަރުކާރުން ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭ ގޮތަށް ނިންމާފައިވާ ކަަމަށް ކޮމިއުނިކޭޝަންސް އޮތީރިޓީން (ކޭމް) ބުނެފިއެވެ.

ރާއްޖޭގައި އައިއެސްޑީބީ-ޓީ ނެޓްވޯކެއް ގާއިމުކުރުމުގެ މަޝްރޫ އާއި ބެހޭގޮތުން އެކުލަވާލި 'މިނިޓްސް އޮފް ޑިސްކަޝަން' ގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ޖާޕާނުގެ އެ މަޝްރޫއަށް ބޭނުންވާ ދިރާސާތައް ކުރިއަށްދާ ކަމަށެވެ.

"ޖަޕާނުގެ ފަރާތުން ދެއްވާ އެހީގެ މިންވަރު އެނގިގެން ދާނީ މިހާރު މި ކުރިއަށްދާ ތަފްސީލް ޑިޒައިނާ ސާވޭ ނިމުނީމަ، ނަމަވެސް މިހާރު އަންދާޒާ ކުރެވިފައި މި ވަނީ މިއީ ގާތްގަނޑަކަށް 20 މިލިއަން ޔޫއެސް ޑޮލާ ވަރުގެ އެހީއެއް ކަމަށް،" އިލްޔާސް ވިދާޅުވިއެވެ.

'މިނިޓްސް އޮފް ޑިސްކަޝަން' ގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

'މިނިޓްސް އޮފް ޑިސްކަޝަން' ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް އުމަރު ނަސީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ޓީމްގެ ލީޑަރު ޖޮޓާރޯ ޓަޓަޔާމާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެ މަޝްރޫއަކީ 2014 އަހަރު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިއަ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫގެ ސަބަބުން ބްރޯޑްކާސްޓް ހިދުމަތަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރި ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަރަށް ހެޔޮއަގުގައި އެ މީހުންގެ ސިގްނަލްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޮނުވިގެންދާނެ" އުމަރު ނަސީރު ވިދާޅުވިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހޯމް ޖައިކާ އާއި އެކު ހަރަކާތްތެރިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޚަލީލް ވިދާޅުވީ އެ މަޝްރޫއަށް ކުރަންޖެހޭ ސާވޭގެ ބޮޑު ބައި ނިމިފައިވާ ކަމަށެވެ. އެ ސާވޭކުރަމުންދަނީ ކޭމް އާއި ޕީއެސްއެމް އާއި ޖައިކާ ގުޅިގެންނެވެ.

'މިނިޓްސް އޮފް ޑިސްކަޝަން' ގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

"މިހާރު ޓަވަރުތައް ޖަހާނެ ރަށްރަށާއި ޓްރާންސްމީޓަރުތައް ބަހައްޓާނެ ރަށްރަށާއި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓެކްނިކަލް ޕްލޭންގެ ބޮޑު ބައި އޮތީ ގާތްގަނޑަކަށް އޮތީ ނިމިފައި" ޚަލީލް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޓަވަރު ޖެހުމާއި ޓްރާންސްމީޓަރުތައް ބަހެއްޓުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު މެދު ތެރޭ ފެށޭނެ ކަަމަށް ޚަލީލް ވިދާޅުވިއެވެ.

1979 ގައި ރާއްޖޭގައި ޓީވީ ބްރޯޑްކާސްޓިން ހިދުމަތް ފެށާފައި ވަނީ ވެސް ޖަޕާނުގެ ފަންނީ އެހީތެރިކަމާއި އެކީގައެވެ.

comment ކޮމެންޓް