ރާއްޖެއާ ދެކޮޅަށް ނިކުންނައިރު، ސަޕޯޓަރުންގެ ފޯރިގަދަކުރަން ބޫޓާނުގައި ޚާއްސަ ކަންތައްތަކެއް!

މިއަދުގެ މެޗްގައި ބޭނުން ކުރުމަށް ބޫޓާނުން އެގައުމުގައި މިހާތަނަށް ތައްޔާރުކޮށްފައިވާ އެންމެ ބޮޑު ދިދަ ސްޓޭޑިއަމަށް ވައްދާފައި ---- ފޮޓޯ: ކްސެލް އޮންލައިން، ބޫޓާން

ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއާ ޒޯންގެ ގުރޫޕް 'ސީ' ގައި މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗްގައި ބޫޓާންގެ ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށް ޚާއްސަ ކަންތައްތަކެއް ހިންގާނެ ކަމަށް އެޓީމް ސަޕޯޓަރުންގެ ގޫރޫޕަކުން ބުނެފިއެވެ.

ސަޕޯޓަރުންގެ ގޫރޫޕް މެންބަރެއް ކަމުގައިވާ ޓްރެގްސެލް ބޫޓާންގެ ނޫސްވެރިންނަށް މައުލޫމާތުދެމުން ބުނީ ފުޓުބޯޅައިން އެގައުމުގެ ރައްޔިތުން އެކުވެރި ކުރުވާ ކަމަށާއި މިއަދުގެ މެޗްގައި ބޫޓާނުން ގޯލް ޖަހައި ސަޕޯޓަރުންގެ ފޯރި ގަދަ ކުރާނެ ކަމަށް އުންމިދު ކުރާކަމަށެވެ.

"ގޯލެއް ޖަހައިފިނަ ސަޕޯޓަރުންގެ ފޯރި އިންތިހާއަށް ގަދަ ވެގެންދާނެ. މެޗް ނިމެންދެން ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށް ދަނޑުގައި ޚާއްސަ ކަންތަކެއް ހިންގާނަން،" ޓްރެގްސެލް ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗަށް ޚާއްސަކޮށްގެން މިހާތަނަނަށް ތައްޔާރުކޮށްފައިވާ ބޫޓާންގެ ގައުމީ ދިދައިގެ އެންމެ ބޮޑު ދިދަ ދަނޑަށް ގެންދާނެ ކަމަށެވެ. ހަމައެހެންމެ ޕޮމްޕޮމް އާއި ޗިއާ ޕްރޮޕްސް ވެސް ދަނޑުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ދިދައިގެ ދިގު މިނުގައި 25 މީޓަރު ހުރިއިރު ފުޅާ މިނުގައި 16 މީޓަރު ހުންނާނެ ކަމަށާއި މެޗްގައި ފޯރި ގަދަ ކުރުމަށް ޗިއާ ޕްރޮޕްސް ފޯރުކޯށްދީފައިވަނީ ޗައިނާގެ ގުރޫޕަކުން ކަމަށް ޓްރެގްސެލް ބުންޏެވެ.

މީގެ އިތުން މިއަދުގެ މެޗްގައި ޚާއްސަ ބީޓަކަށް ޕެއާ އިންފެޓަބަލް ސްޓިކް ޖެހުމަށްޓަކައި ސަޕޯޓަރުންގެ ގުރޫޕަކުން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.

ޓްރެގްސެލް ބުނީ ބަލިވިޔަސް އަދި މޮޅުވިޔަސް މިއަދުގެ މެޗު ނިމެންދެން ބޫޓާނުން ސަޕޯޓަރުންގެ ފޯރި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ފުޓުބޯޅަައިގައި ފޯރިގަދަކުރުމަށް، ބޫޓާންގެ ގައުމީ ކުޅިވަރުގެ ތެރޭގައި ހިމެނޭ ދުނިދަނޑީގެ ކުޅިވަރެއް ކަމުގައިވާ 'އާޗަރީ' ގެ ކުޅިވަރު އެގައުމުގައި މިފަހަކަށް އައިސްދަނީ އިތުރުވަމުންނެވެ.

ރާއްޖެއާ ބުޓާން ކުޅޭ މެޗް އޮންނާނީ ބޫޓާންގެ ވެރިރަށް ޓިމްޕޫގެ ޗާންގްލިމިޓޭންގ ސްޓޭޑިއަމްގައެވެ. މިމެޗް ފެށޭނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:00 ގައެވެ.

comment ކޮމެންޓް