ފުޓްބޯޅައިގެ ފަހަތުގައި އޮތް ބޫޓާން ސަރަހައްދުގެ ބާރަކަށް ވަނީ

ބޫޓާން ގައުމީ ޓީމުގެ ކުޅުންތެރިން އުފާ ކުރަނީ، --- ފޮޓޯ/ ނަމާޒީ

ހިމާލިޔާ ފަރުބަދައިގެ ދެކުނު ސަރަހައްދުގައި އޮންނަ ބޫޓާންގެ ގައުމީ ކުޅިވަރަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ފުޓްބޯޅައެއް ނޫނެވެ. އަދި އެ ގައުމާ އިންވެގެން އޮންނަ އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ އާއި ބަންގުލަދޭޝް އޮންނަ ފަދައިން ކްރިކެޓެއް ވެސް ނޫނެވެ.

ބޫޓާންގެ ގައުމީ ކުޅިވަރަކީ ދުނިދަނޑީގެ ކުޅިވަރެއް ކަމުގައިވާ 'އާޗަރީ'އެވެ. ނަވާރަސަތޭކަ ހަތްދިހަ އެއް ވަނަ އަހަރު އެ ގައުމަށް އދ ގެ މެންބަރުކަން ލިބުމުން އެގައުމުގެ ގައުމީ ކުޅިވަރެއްގެ ގޮތުގައި އެގައުމުން ހަމަޖެއްސީ އާޗަރީއެވެ.

އަންނަ އަހަރު ބްރަޒިލްގެ ރިއޯޑީ ޖެނީރިއޯގައި ބައްވާ ހޫނު މޫސުމުގެ އޮލިމްޕިކް ގޭމްސްގައި އާޗަރީން ރަން މެޑަލް ހޯދުމަށް އެ ގައުމުން ވަނީ އަމާޒު ކަނަޑައަޅާފަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުޓްބޯޅަ ކުޅުންތެރިންނަށް ބޮޑު މަގުބޫލު ކަމެއް ލިބޭއިރު ބޫޓާންގައި އާޗަރީގެ ހުނަރުވެރިންނަކީ ވަރަށް މަގުބޫލު ބައެކެވެ.

ފުޓްބޯޅައިގައި އެ ގައުމު ފަޚްރުވެރިވާ ވަރުގެ ކާމިޔާބެއް ކުރިއަކުން ލިބިފައެއް ނުވެ އެވެ. ބޫޓާންގެ ފުޓްބޯޅައިގެ ވާހަކަ ދެކެވުނަސް އެ ގައުމު ސިފަ ކުރަނީ ދުނިޔޭގެ އެންމެ ދަށް ފުޓްބޯޅަ ޓީމުގެ ގޮތުގަ އެވެ. ދެކުނު އޭޝިއާގެ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ސާފު ޗެމްޕިއަންޝިޕްގައި އަހަރުތަކެއް ކުރިން އެ ޓީމު ވާދަކުރާ ކޮންމެ ފަހަރަކު މުބާރަތުގެ އެންމެ އަވަހަށް ކަޓައިގެންދާ ޓީމަކީ ބޫޓާނެވެ. ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑީއާ ފަދަ ގައުމުތަކުން ބޫޓާން ކޮޅަށް ގިނަ ޢަދަދެއްގެ ލަނޑު ޖަހާފައި އެބަހުއްޓެވެ. އެހެންވެ ސަރަހައްދީ ލެވަލްގައި ވެސް ކާމިޔާބެއް ނުލިބޭތީ އެ ގައުމުގައި ފުޓްބޯޅަ ކުޅުންތެރިންނަށް މާބޮޑު ގަދަރަކާއި މަގުބޫލު ކަމެއް ލިބިގެން ނުވެ އެވެ.

ދުނިޔޭގެ ރޭންކިންގައި ބޫޓާން އަދަދު ކުރެވެނީ ދުނިޔޭގެ އެންމެ ފުލުގައި ހިމެނޭ ގައުމުތަކުގެ ލިސްޓުންނެވެ.

އެއީ ފުޓްބޯޅައިގައި ބޫޓަންގެ ތާރީޚެވެ. ނަމަވެސް ހާލަތު ބަދަލު ވެއްޖެއެވެ. ބޫޓާންގެ ފުޓްބޯޅަ ކުޅުންތެރިންގެ އަގު އެގައުމުގައި އަރައިގެން ހިނގަޖެއެވެ. ކުރިން ފުޓްބޯޅަ ކުޅުންތެރިންނަށް މާބޮޑު މަގުބޫލު ކަމެއް ނުލިބޭ ބޫޓާންގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިންނަކީ ގައުމީ ބަތަލުން ކަމަށް ވެގެންދިޔައީ ހަމަ އެންމެ އޯވާ ނައިޓަކުންނެވެ.

ބޫޓާން ގައުމީ ފުޓްބޯޅަ ޓީމް. އެތީމުގައި ހިމެނޭ ކުޅުންތެރިންނާމެދު ބޫޓާންއިން ދެކެނީ ގައުމީ ބަތަލުން ފަދައިން ---- ފޮޓޯ/ ބީއެފްއެފް

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގެ ޕްރިލިމިނަރީ ބުރުން ކުރިން ސާކުގެ ފުޓްބޯޅައިގައި ބާރުގަދަ ގައުމެއްގެ ގޮތުގައި އޮތް ޝުރީ ލަންކާ ބަލިކޮށް ކޮލިފައިން ބުރަށް ކޮލިފައިވި ހިސާބުން ބޫޓާންގައި ފޫޓްބޯޅައިގެ ފޯރި ގަދަ ވެގެން ދިޔައެވެ. އެގައުމުގެ ގައުމީ ޓީމުގައި ހިމެނުނު ކޮންމެ ކުޅުންތެރިޔަކާ މެދު އެގައުމުގެ ރައްޔިތުން ދެކެނީ ގައުމީ ބަތަލުންގެ ގޮތުގައެވެ.

ބޫޓާންގެ ކުޅުންތެރިންނަކީ ފިޒިކަލީ ބަލާއިރު ދަށް ބައެކެވެ. ފުޓްބޯޅައިގެ ތަޖުރިބާ މަދު ކުޅުންތެރިންނެވެ. އެގައުމުގެ މަޝްހޫރު ފުޓްބޯޅަ ކުޅޫންތެރިންނަކީ ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނެވެ. އެކުޅުންތެރިންގެ ޕްރޮފިޝަނަލް ކެރިއައަކީ ފުޓްބޯޅައެއް ނޫނެވެ. ގިނަ ކުޅުންތެރިންނަކީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންނެވެ. އުމުރުގެ ގޮތުން ބެލިޔަސް ބޫޓާންގެ ޓީމަކީ ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ.

ބޫޓާން ގައުމީ ޓީމުގެ މިޑްފީލްޑާ އުމުރުން 20 އަހަރުގެ ބެރިއަން ބާސްނެޓްއަކީ އެގައުމުގެ ރޯޔަލް ޓީމްޕޫ ކޮލެޖުގެ ދަރިވަރެކެވެ. ވޯލްޑްކަޕް ކޮލިފައިންގެ މެޗްތައް ކުޅުމަށްޓަކައި އޭނާ ވަނީ ކޮލެޖުގައި ކިޔަވަމުންދާ ކޯސް ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

"އަހަރެން ކޮލެޖުގައި އުޅޭއިރު ކުލަބަށް ކުޅެން. ކިޔަވަމުން ފުޓްބޯޅަ ކުޅެމުން އެއީ މެނޭޖު ކުރަން ވަރަށް އުނދަގޫ ހާލަތެއް. ބޫޓާންގެ ކްންސެލް އޮންލައިންއަށް މިދިޔަ މަހު ދީފައިވާ އިންޓަވިއުއެއްގައ ބެރިއަން ބާސްނެޓް ބުނެފައިވެއެވެ.

އޭނާ ބުނީ ކޮލިފައިންގެ މެޗްތައް ނިމެންދެން ކޮލެޖްގެ ކޯސް މެދުކަނޑާލުމަށް ނިންމީ އޭނާގެ މައިންބަފައިންނާ ކޮލެޖުގެ ލެކްޗަރާއިންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ބެރިއަން އެކޭ އެއްގޮތަށް ގައުމީ ޓީމުގައި ޖިގްމީ ޝޭރިންއާއި ޝީރިން ޑޯޖިއަކީވެސް ޓިމްޕޫ ރޯޔަލް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

މީގެ އިތުން ބޫޓާންގެ ގައުމީ ޓިމުގައި ހިމެނޭ އުމުރުން 17 އަހަރުގެ ލަންގުޓަކް ޑާވާ އަކީ ރޯޔަލް ކޮލެޖުގެ ފުރަތަމަ އަހަރުގައި ކިޔަވަމުންދާ ދަރިވަރެކެވެ. އޭނާވެސް ވަނީ ކޮލިފައިންގައި ކުޅެން ޖެހޭ އަށް މެޗް ކުޅުމަށްޓަކައި ކިޔެވުން ފެށިތާ ކުރީ ކޮޅު، ވަނީކޯސް މެދު ކަނޑާލާފައެވެ.

މިއަދު ބޫޓާންގައި ފޫޓްބޯޅަ ވަނީ މަގުބޫލު ކުޅިވަރެއް ކަމުގައި ވެފައެވެ. އެގައުމުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި މަހަކު 10000 ބޫޓާނީސް އިންގަލްޓްރަމް ދެއެވެ. އަދި އިންޓަނޭޝަނަލް ލެވަލްގައި ކުޅެން ބޭނުންވަ ސާމާނުވެސް ޓީމުގެ ކުޅުންތެރިންނަށް ބޫޓާންގެ ފުޓްބޯލް ފެޑްރޭޝަނުން ފޯރުކޮށްދެއެވެ.

ގައުމީ ޓީމުގައި ގިނަ އަދަދެއްގެ ކޮލެޖު ދަރިވަރުން ހިމެނޭތީ އެކުޅުންތެރިންނަށް އެގައުމުގެ ކޮލެޖުތަކުން ސްކޮލާޝިޕް ފުރުސަތުތައް ފުޓްބޯޅާ ފެޑްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ. އަދި ކުރިއަށް ތަނުގައި ފުޓްބޯޅައިގެ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ޖިމްއާއި ގައުމީ ޓީމުގެ ކުޅޫންތެރިންގެ ކެއުމުގެ ކަންކަން ޑައިޓް ޕްރޮގުރާމްގެ ތެރެއިން ގެންދިއުމަށް ޑައިޓަރީ ސާވިސް ދޭ ރެސްޓޮރެންޓެއް ހުޅުވުމަށްވެސް އެގައުމުގެ ފެޑްރޭޝަނުން ވަނީ ޕްލޭންކޮށްފައެވެ.

ބޫޓާންގެ ސީއާރް ސެވަން

ބޫޓާންގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ އެގައުމުގައި ކްރިސްތިއާނާ ރޮނާލްޑޯގެ ނަމުން މަޝްހޫރު ވެފައިވާ ޗެންކޯ ޖަޔަލްޝަންއެވެ. ބޫޓާންގެ މީޑިއަތަކުގައި އޭނާއަށް ނިސްބަތް ކުރެވެނީ ބުޓާންގެ 'ސީއާރް ސެވަން' ގެ ނަމުންނެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ލަންކާ އާ ދެކޯާލށް ކުޅުނު މެޗްގައިލަންކާ ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށްފަހު ޗެންކޯ ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ/ ފޮކްސް ސްޕޮޓްސް

ބޫޓާންގެ ފުޓްބޯޅައިގެ ސަޕޮޓަރުން ދެކޭ ގޮތުގައި އުމުރުން 19 އަހަރުގެ ޗެންކޯއަކީ މިހާތަނަށް އެގައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. ބޫޓާންގެ ކުޅުންތެރިޔަކު މީގެ ކުރިން ނުހޯދާ ކާމިޔާބު އޭނަ ވަނި ހޯދާފައެވެ. ތައިލެންޑްގެ ދެ ވަން ޑިވީޝަންގެ ކުލަބު ސްރިން ސިޓީ އެފްސީއަށް ޗެންކޯ ކުޅުމަކީ އެގައުމުގެ ފުޓްބޯޅައަށް ލިބުނު ބޮޑު ކަމިޔަބެއްކަމަށް އެގައުމުން ގަބޫލުކުރެއެވެ.

ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ މެޗްގައި ބޫޓާން 2-1 ނަތީޖާއަކުން މޮޅުވިއިރު ބޫޓާންގެ ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޗެންކޯއެވެ. ޕްރިލިމިނަރީ ބުރުގައި މޮޅު ކުޅުމެއް ދެއްކި ހިސާބުން ޗެންކޯއަކީ އެގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވަނީ ވެފައެވެ. އަދި އޭނާއަކީ ބޫޓާންގެ އެންމެ ސަޕޮޓަރުން ގިނަ ކުޅުންތެރިޔާވެސް މެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ލަންކާ ކީޕަރު ނައްޓުވާލުމަށްފަހު ޗެންކޯ ލަންކާގެ ގޯަލށް ބޯޅަ ފޮނުވަލަނީ --- ފޮޓޯ/ ފީފަ

ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ގުރޫޕް 'ސީ' ގައި މިއަދު ރާއްޖެއާ ދެކޮޅަށް ނިކުންނައިރު އެގައުމުން އާމާޒަކީ ރަނގަޅު ނަތީޖާއެއް ހޯދުމެވެ.

ކުރިން ރާއްޖެއިން ބޫޓާން ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވި ކަމުގައިވިޔަސް މިއަދު އެގައުމުގެ ޓީމުންވެސް ރަނގަޅު ފައިޓެއް ރާއްޖެއަށް ދޭނެއެވެ. ކުރިން ޖެހިވަރަށް ލަނޑު ޖަހަން އުނަދގޫ ވާނެކަން ބޫޓާން ވަނީ އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ކުޅެ ސާބިތުކޮށްދީފައެވެ. ފީފާ ރޭކިންނަކީ ހިސާބު ނަންބަރުތަކެއް ނަމަވެސް ބޫޓާން އޮތީ ރޭކިންގައި ރާއްޖެއަށްވުރެ ކުރީގައެވެ.

ކުރިން ފުޓްބޯޅައިގައި މާބޮޑު މަގުބޫލުކަމެއް ނެތް ބޫޓާނުން އެންމެ ރެއަކުން މުޅި ގައުމުގައި ފުޓްބޯޅައިގެ ފޯރި ހިއްޕާލިއިރު، މިއަދުގެ އަމިއްލަ ސަޕޯޓަންގެ ކުރިމަތީގައި އެޓީމުން ކުޅޭ މެޗް ރާއްޖެއަށް އެހާ ފަސޭހަ ވެދާނެ ކަމަށް ގަބޫލެއް ނުކުރެވެވެ. އެއީ ދުނިޔޭގެ އެންމެ ދަށް ގައުމުގެ ގޮތުގައި އޮވެ ބޫޓާން ފުޓްބޯޅައަށް ގެނައި ބަދަލުތަކުން ފުޓްބޯޅަ ފޯރި އިތުރުވެ ޒުވާން ކުޅުންތެރިންގެ ހުނަރުރު ހަލުވި ސްޕިޑެއްގައި ތަރައްޤީވެފައިވާތީ އެވެ. ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ކުލަ ޖެހެމުންދަތީ އެވެ. މިއަދު އެގައުމު އޮތީ ފުޓްބޯޅައިން ދެކުނު އޭޝިއާގެ ސަރަހައްދީ ބާރަކަށް އަދި ނުވިއަސް ދެކުނު އޭޝިއާގެ ފުޓްބޮޅައިގެ ބާރަކަށްވުމުވުމުގެ މަގުމަތީގައެވެ.

comment ކޮމެންޓް