އުރީދޫ އިން އެންމެ ފަހުގެ އައިފޯނު ވިއްކަން ފަށައިފި

އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މިއަދު އެއްމެ ފުރަތަމަ ކަސްޓަމަރަށް އުރީދޫގެ ފަރާތުން އައިފޯން 6 އެސް ޕްލަސްއެއް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެޕަލް އިން އަލަށް ތައާރަފުކޮށްފައިވާ އައިފޯން 6 އެސް އަދި 6 އެސް ޕްލަސް އުރީދޫ އިން ވިއްކަން ފަށައިފި އެވެ.

އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ރޭ 12 ޖެހުމާ އެކު ޕްރީ އޯޑަރުކޯށްފައިވާ ފަރާތްތަކަށް އައިފޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.

އުރީދޫ އަށް ޖުމްލަ އަގު ދެއްކުމަށް ފަހު އައިފޯނު ގަންނަ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެއް ޖީބީގެ ޑޭޓާ އަދި 100 މިނިޓްގެ ހިލޭ ކޯލް ލިބޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

އައިފޯނުގެ އެންމެ ފަހުގެ ވައްތަރުތައް ވިއްކަން ފެށުމަށް އުރީދޫ އިން ބޭއްވި ރަސްމިއްޔާތުގައި ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

އުރީދޫ އިން ވަނީ އިންސްޓޯލްމެންޓަށް އައިފޯނު ވިއްކަން ވެސް ފަށައިފަ އެވެ. އެގޮތުން ޑައުންޕޭމެންޓްގެ ގޮތުގައި 3،999 ރުފިޔާ ދެއްކުމަށް ފަހު ދެން ކޮންމެ މަހަކު 549 ރުފިޔާ ދައްކަން ޖެހޭ އިންސްޓޯލްމެންޓް ޕްލޭނެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފަ އެވެ. އެހެންނަމަވެސް އިންސްޓޯލްމެންޓަށް ފޯނު ގަންނަ ފަރާތްތަކުން އުރީދޫގެ ޕޯސްޓް ޕެއިޑް ޕެކޭޖް 499 ނުވަތަ 999 ނަގަން ޖެހެ އެވެ.

"ޕޯސްޓް ޕެއިޑް 499 ނުވަތަ ޕޯސްޓް ޕެއިޑް 999 މެދުވެރިކޮށް ޕެކޭޖް ނެގުމުން އުރީދޫ ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލްސް އަދި އަންލިމިޓެޑް އެސްއެމްއެސް އަދި މަހަކު ދިހަ ޖީބީ އާއި ހަމައަށް ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެ،" ނޫރާ ވިދާޅުވި އެވެ.

ފޯނުގެ ޖުމްލަ އަގު ދައްކާފަ އުރީދޫގެ ޕޯސްޓް ޕެއިޑް 499 ޕެކޭޖް ނުވަތ ޕޯސްޓް ޕެއިޑް 999 ނަގާ ފަރާތްތަކަށް ފޯނުގެ އަގުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ އިން 16 ޖީބީގެ އައިފޯން 6 އެސް އެއް ވިއްކަނީ 13،499 ރުފިޔާ އަށެވެ. އަދި އައިފޯން 6 އެސް ޕްލަސް 16 ޖީބީގެ ފޯނެއް ވިއްްކަނީ 15،499 ރުފިޔާ އަށެވެ.

އައިފޯނުގެ އެއްމެ ފަހުގެ ވައްތަރުތައް ވިއްކަން ފެށުމަށް އުރީދޫ އިން ބޭއްވި ރަސްމިއްޔާތިގެ ތެރެއިން. އެ ކުންފުނިން ވަނީ އިންްސްޓޯލްމެންޓް ޕްލޭންތަކެއް ވެސް އެކުލަވާލާފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

އުރީދޫ އިން ވަނީ މިއަދު އެއްމެ ފުރަތަމަ އެ ކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރަށް ދިޔަ ކަސްޓަމަރަށް ހިލޭ އައިފޯން 6 އެސް ޕްލަސް އެއް ހަވާލުކޮށްފަ އެވެ.

އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް އެޕަލް އިން ފުރަތަމަ ލޯންޗް ކުރީ 12 ގައުމެއްގަ އެވެ. އެ ގައުމުތަކުން ފޯނު ގަނެގެން ގެނެސް ރާއްޖޭގެ މާކެޓުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ މީގެ ދުވަސް ކޮޅެއް ކުރީން ފެށިގެން އެ ފޯނުތައް ވިއްކަމުންނެވެ.

comment ކޮމެންޓް