މަޝްހޫރު ވާހަކަ ސީރީޒް "ނޭންސީ ޑްރޫ"ގެ ޓީވީ ސީރީޒް އެއް އުފައްދަނީ

ނޭންސީ ޑްރޫގެ ފިލްމެއްގެ މަންޒަރެއް: މަޝްހޫރު ތަރި އެމާ ރޮބާޓްސް ވަނީ ނެންސީ ޑްރޫގެ ރޯލު ކުޅެފައި---

ކެރޮލިން ކީނީގެ މަޝްހޫރު ވާހަކަ ސީރީޒް "ނޭންސީ ޑްރޫ"ގެ މައްޗަށް ޓީވީ ސީރީޒް އެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޗެނަލް އެއް ކަމަށްވާ "ސީބީއެސް" އިން ބުނެފި އެވެ.

ސީބީއެސް އިން ނެންސީ ޑްރޫ ވާހަކައިގެ ސީރީޒް އެއް ތައްޔާރުކުރުމަށް ނިންމާފައިވާއިރު ސީރީޒްގެ މައިގަނޑު ޕްލޮޓުން ފެނިގެން ދާނީ 30 އަހަރުގެ އަންހެނެއްގެ ޑިޓެކްޓިވް އެއްގެ ވާހަކަ އެވެ. ނިއު ޔޯކް ޕޮލިސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ޑިޓެކްޓިވް އެއް އޭނާގެ ކަންތައްތައް ދެނެގަތުމުގެ ހުނަރާއެކު މައްސަލަތައް ހައްލު ކުރާގޮތް ސީރީޒް އިން ފެނިގެންދާނެ ކަމަށް ސީބީއެސް އިން ބުންޏެވެ.

ސީބީއެސްގެ ސީރީޒް އަށް ސްކްރިޕްޓް ތައްޔާރު ކުރުމަށް ހަވާލުކޮށްފައިވަނީ މަޝްހޫރު ޓީވީ ސީރީޒް "ގްރޭސް އެނެޓޮމީ"ގެ އެގްޒެކިއުޓިވް ޕްރޮޑިއުސަރުން ކަމަށްވާ ޖޯއަން ރޭޓާ އާއި ޓޯނީ ފެލާން އެވެ. އޭގެ އިތުރުން ސީރީޒް އާ ބެހޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސީރީޒްގެ މެއިން ކެރެކްޓަރު ޑްރޫގެ ރޯލުން ފެނިގެންދާނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ސީބީއެސް އިން ބުންޏެވެ.

ވޭތުވެ ދިޔަ ތަނުގައި ނެންސީ ޑްރޫއަށް ފަސް ފީޗާ ފިލްމު ތައްޔާރުކޮށްފައިވާއިރު ތިން ޓީވީ ޝޯއެއް ވަނީ ތައާރަފުކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް އުފެއްދުމަކީ ބޭނުންވި ވަރުގެ ކާމިޔާބީތަކެއް ލިބިފައިވާ އުފެއްދުންތަކެއް ނޫނެވެ.

comment ކޮމެންޓް