އާދޭސް

އެޖުމްލައިން ނާޒްލީއަށް ލިބުނު ޝޮކާއިއެކު ރަނީންގެ މައުސޫމްކަމުން ފުރިފައިވާ މޫނަށް ބަލައިލެވުނެވެ. އެކުޑަ މޫނުމަތީގައިވަނީ ކުށެއްނެތްކަމުގެ ހެކިތަކެވެ. އުޅޭ އުޅުމުން އަބަދު ފެނުނީ އިޒްޔަންދެކެ ވި ލޯތްބެވެ. ނާޒްލީ ހައިރާންވިއެވެ. ބުނާނެ އެއްޗެއް ނޭގިފައި ބަލަން އިނދެލާފައި ރަނީންގެ މޫނަށް ފައިބައިގަތް އިސްތަށިކޮޅުތައް އަތުން އެއްފަރާތްކޮށްލަދިނީ މަޔަކުވެސް ކޮށްދޭނެހާ އޯގާތެރިކަމާއިއެކުގައެވެ. އަމިއްލަ ފިރިހެން ދަރިފުޅު އެކުއްޖާއާއިމެދު ކުރި ތުހުމަތުތަކުންވެސް ނާޒްލީގެ ހިތުގައިވާ ލޯތްބަށް ފަނޑުކަމެއް ނައެވެ. ނާޒްލީގެ ލޮލުން ކަރުނަ އަންނަން ފެށީ އެވަގުތު އައި ފޯނުކޯލަކުންނެވެ. ނާޒްލީ ޓިޝޫފޮށިން ޓިޝޫއެއް ނެގިއެވެ.

ދޮރުމަތިން މީހެއްގެ ހިލަންވިހެން ހީވެފައި ނާޒްލީގޮސް ދޮރު ހުޅުވާލުމާއިއެކު ފިޔަވަޅުތައް ގަނޑުވިއެވެ. ނަސީބަކުން އެމީހަކު ފޯނު ކަންފަތުގައި ޖަހާލައިގެން ހުރުމުން ނާޒްލީއާއި ދިމާލަށް ބަލައިނުލާ ގޮސް ލިފްޓަށް ވަނީއެވެ. ޒޯޔާއާއި ޒީކާ އައުމުން ނާޒްލީ ނަމާދުކުރަންވެގެން ގެއަށް ދާންކަމަށް ނުކުތްއިރު ޚިޔާލު ބޮޑުވެގެންގޮސް ސިކުނޑި ފަޅައިގެންދާފާދަ ގޮތެއްވެފައި ވެއެވެ. އެތައް ޒަމާނަކަށްފަހުގައި އޭނަގެ ކުރީގެ ފިރިމީހާ ފެންނަން ފެށީއެވެ. ހުވަފެނުގައި ތަކުރާރުކޮށް ފެންނަމުންދާތީ އެސުވާލު ހިތުގައި އުފެދިފައި ހުއްޓާ ތަޢުބީރުވާން އުޅެނީއެވެ.

ރަނީންގެ ޙާލާއިމެދު ބައްޕަ ހިތާމަކުރާވަރުން ރަނީން ގަދަކަމުން ތެދުވެ އެހެންމީހުންގެ ކުރިމަތީގައި އުފާވެރި ކުއްޖަކަށްވާން އަޒުމް ކަނޑައެޅީއެވެ. އެގޮތުގައި އުޅޭތާ ހަފްތާއެއްވީއިރު އިޒްޔަންގެ މަތިން ހަނދާންވިނަމަވެސް ކަރުނަތައް ހުސްވެއްޖެއެވެ. ހިތުގެ ކަނަކުން ހުސްކަން އިހުސާސްކުރެވުނަސް އެ އަނިޔާވެރިޔާގެ ލަފުޒްތަކަށްޓަކާ ނަފްރަތު ހިތުގައި އުފައްދަން އޭނަ އެބަ ބޭކާރު މަސައްކަތްވެސް ކުރެއެވެ. ރީއްޗަސް އިޒްޔަންގެ ހިތްހަރުކަމާއި އަނިޔާވެރިކަން ވަނީ އަންގާފައެވެ. އެހުރިހާކަމަކަށް ވުރެވެސް ބޮޑުވީ އިޒްޔަން އޭނަގެ ލޯތްބަށް ގަދަރެއްނުކުރި ކަމެވެ. އެއާދޭސްތަކުގައި ކޮޅުފައިންޖެހި ކަމެވެ. އަންހެންކުއްޖަކަށްވެ ހުރެ ހުރިހާ އުސޫލުތަކެއް ނައްތާލަން މަޖުބޫރުކުރުވީ ހިތުގައި އޮތް މަތިވެރި ލޯތްބެވެ.

ރަނީންގެ މަގުސަދަކަށްވެފައިވަނީ އޯލެވެލްއިން މަތީ ވަނައެއް ހާސިލުކުރުމެވެ. ބައްޕަ ފަޚުރުވެރިފާދަ ކުއްޖަކަށްވުމެވެ. އަމިއްލަ ނަފުސްދެކެ ފޫހިވެފައި ވިޔަސް ބައްޕަމެންގެ އުފަލަށްޓަކާ އޭނަ މިހިރީ ކޮންމެފަދަ ކަމެއްވެސް ކުރާށެވެ. ހުވަފެންތަކުގެ ގަނޑުވަރު ބިމާއި ހަމަވިޔަސް އެހެންމީހުންނަށްޓަކާ ރަނީން ހިނިތުންވާނެއެވެ. ރަނީން ކިޔަވަން އިންނަނީވެސް އެންމެނަށް ފެންނަ ހިސާބުގައި ބެލްކަނީގައެވެ. ބައެއްރޭރޭ މޭޒުގައި ބޯ އަޅާލައިގެން އޮވެ ނިދެއެވެ. ގަޑިން ނަމާދުކޮށް ބަދިގޭގެ މަސައްކަތުގައި ނާޒްލީއާއި އެހީވެއެވެ. އެހެން އުޅެމުންދާއިރު އޭނަގެ ހަލާކުވެފައިވާ ހިތުގެ އަޑު އިވޭނެ އެއްވެސް މީހެއްނެތެވެ. ނާޒްލީއަށް އޭނަގެ ހަޔާތުގެ ބޮޑު ސިއްރެއް އެނގިފައިވާކަމެއް ނުދަނެއެވެ. ރަނީން ބަލިވެއުޅެން ފެށުމުން ނާޒްލީއަށް ޝައްކުތަކެއް ކުރެވިގެން އެހާ ހާސްވެފައި ހުރިކަމެއްވެސް ނޭގުނެވެ. އެމާ ގޮވައިގެން އިތުރު ފަރުވާއަށް ބޭރަށް ދާން ޑޮކްޓަރ ލަފާ ދިނުމުން ފައިސާ ހޯދުމުގައި ބައްޕަ އަވަދިނެތި އުޅޭތަން ފެނުމުން ރަނީން އެކަމާ ވިސްނައެވެ. ފައިސާގެ މުހިއްމުކަން އިހުސާސްކުރެވެނީ ބޮޑު ބޭނުމެއް ޖެހުނީމައެވެ.

ރަނީން ފެންވަރާލައިގެން ނުކުތްއިރު މުޅި ސިޓިންރޫމްތެރެވަނީ އިރުގެ އަލިން ޖަރީވެފައެވެ. ބިއްލޫރި ދޮރުފަތްތައް ހުޅުވާލާފައި ހުރުމުން ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ވަންނަމުންދިޔައެވެ. ފިނިފިނި ވައިގެ ބީހިލުމާއިއެކު ރަނީންގެ ނޭފަތުގައި ޕާން ފިހޭވަސް ޖެހުމުން އެއްޗެއް ކާހިތްވިއެވެ. ރޭ ނުކައި ނިދާފައި ހެނދުނުވެސް ބޯލީ ކިރުތަށްޓެކެވެ. ނާޒްލީ އެމާއާއި މާމައާއި އެހީވާން އުޅެން ހަދައިގެން ރަނީން އުޅޭ ނޫޅޭގޮތެއް ބަލާނުލެވޭތާ ދެތިން ދުވަހެއްވީއެވެ.

ގިނައިރުވާންދެން އެއެއްޗެއް ނުކައި ހުރެފާ އެއްފަހަރާ ގިނައިން ކެއުމުން ރަނީންއަށް ހޮޑުލެވުނުތަން ފެނިފައި ނާޒްލީ ލުނބޯ ފަނިތަށްޓެއް ގިރާލާފައި ރަނީންގެ ކައިރީގައި ބެހެއްޓިއެވެ. މޫނުގައި ފިނިފެންކޮޅެއް އުނގުޅާލަދިނެވެ. ކަރަންފުލެއް ގެނެސްދިނެވެ.

"ރަނީންއަށް މިހެންވާން ފެށީ ކޮންއިރަކުންތަ؟ "ނާޒްލީ އެހިއެވެ.

"ވީކެއް......" ރަނީން ބަލިގޮތަކަށް ބުނެލިއެވެ.

"އިތުރުކަމެއް ނުވޭތަ؟ ހެނދުނު ހޭލެވޭއިރު ބޮޑަށް އުދަގޫވެ ވަރުބަލިވެސް ވޭ ދޯ......" ނާޒްލީގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. ރަނީން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި ލުނބޯ ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. ނާޒްލީ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންއިރު މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެންނާން ހުއްޓެވެ. ދެލޯ ކައިރީގައި ކަޅު ދާއިރާއެއް ހެދިއްޖެއެވެ. އޭނަވެސް އެކި ކަންތައްތަކާ އަވަދިނެތި އުޅެން ހަދައިގެން ލޮޑުވާވަރުވެއްޖެއެވެ. ޝަކުވާއެއް ބަހެއް ނުބުނެ ހުރެ ވެވުނުވަރަކުން އާއިލާގެ އެންމެންނަށް އަޅާލުމާއި ލޯބިދޭން ނާޒްލީ ކެނޑިނޭޅި މަސައްކަތްކުރެއެވެ. ދެއަތްތިލަ މޭޒުމަތީގައި ބާއްވާލިގޮތަށް ރަނީންއަށް ބަލަން އިނދެވުނީ ވިސްނުމެއްގައެވެ. ރަނީންގެ މޫނަށް ބަލާލެވޭ ކޮންމެ ފަހަރަކު އެމޫނުން މައުސޫމްކަން ފެނެއެވެ.

"ވިޝާމްގެ ޚަބަރެއްނުވޭތަ؟ "ނާޒްލީން ކުއްލިއަކަށް އަހާލައިފިއެވެ.

"ރޭވެސް ޓޯކްކުރިން..." ނާޒްލީގެ ހިތުގައި އޮތް އެއްޗެއް އެނގުމަކާއި ނުލައި ރަނީން އަވަހަށް ޖަވާބުދިނެވެ.

"އޭނަ އަންނާކަށް ނޫޅޭތަ؟ " ނާޒްލީ ދެއަތް ދެއަތާ މޮޑެން ފެށިއެވެ. އެވަރުންވެސް އަތް ހީވީ ގަނޑުފެންގަޑެއް ހެންނެވެ.

"ނެކެސްޓް ޔިއަރ ޖޫންގަޔޯ ދެން އާދެވޭނީ...." ރަނީން ކުޑަކޮށް ހީލަމުން އެ ރީތި ދެލޮލުން ނާޒްލީގެ މޫނަށް ބަލައިލިއެވެ. އިރުގެ އަލީގެ ސަބަބުން ލޮލުގެ ތޫނުފިލިކަން އިތުރުވެފައިވެއެވެ.

ނާޒްލީ ވިސްނަމުން ދިޔައީ ދެން ހަދާނެގޮތަކާއި މެދުގައެވެ. އަޒީޒުކައިރީގައި ބުނަންވީ ހެއްޔެވެ؟ މުއްސަދި ނޫނަސް އަޒީޒުއަކީ އަބުރުވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކަށްވީ ހިނދު ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ތިމާގެ އަންހެން ދަރިފުޅު ނަހަލާލަށް ބަލިވެއިންކަން އެނގުމަކީ ދިރިހުއްޓާ ވަޅުލުމަށްވުރެ ބޮޑު ޢަޒާބެކެވެ. އަޒީޒު ރަނީންދެކެ ވާ ލޯބި އޭނައަށް ކިތަންމެ ފަހަރަކު ހާމަވެފައިވެއެވެ. ރަނީންއަކީ އަޒީޒުގެ ފުރާނައެވެ. އެދަރިފުޅުގެ އުމުރުން އެހާ ހަނގެވެ. އަޒީޒުއަށް ވީވަރަކުން އެކުއްޖާއަށް ޙިމާޔަތްދޭންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ރަނީން ކަތިފިޔަވަޅެއް އެޅީއެވެ. ނާޒްލީގެ ޚިޔާލަށް އައީ ވިޝާމްއެވެ. ވިޝާމް އެގެއަށް އައިސް އުޅުނުއިރު ދެކުދިން އުޅެމުންދިޔައީ ފުދޭވަރަކަށް ގާތްކޮށެވެ. އެކޮޓަރިއަށް ވަނަސް އަޒީޒުވެސް އަޅައެއްނުލައެވެ. ގާތްކުއްޖަކަށް ވިޔަސް އެހާ އިތުބާރުކުރަން ވެދާނެހެއްޔެވެ؟ އެ ޢުމުރުގައި ކުދިންނަށް މިނިވަންކަން ދިނުމުން ވާންވީގޮތް އެވީއެވެ.

ނާޒްލީއަށް އެނގެއެވެ. އޭނަ ކިތަންމެވަރަކަށް ފޮރުވަން އުޅުނަސް ބޭޒާރުވާނެ ދުވަހެއް އަންނާނެއެވެ. އެހެން ހިތަށް އެރުމާއިއެކުވެސް ނާޒްލީގެ މުޅި ގައިން ހީބިހިނަގާ ފިނި ދަލެއް ހިއްލާލައިފިއެވެ.

އެރޭ އެންމެ ފަހަރަކުވެސް ނާޒްލީއަށް ލޮލު ފިޔަޖެހުނުކަމަކަށް ނުވިއެވެ. ހުރިހާ ފަރާތަކުން ހިތްދަތިކަން ވަށާލާފައިވެއެވެ. ކުރީގެ ފިރިމީހާ ލޮލަށް ފެނުމަށްފަހު މާޒީގެ ހަނދާންތައް އާވެ ދެލޮލުގައި ހަރުލާފައިވާ ތަސްވީރަކީ އެއީކަމުގައި ވެއްޖެއެވެ. އެމާގެ ބަލީގެ ސަބަބުންނާއި ދަރިފުޅަށް ފަރުވާ ލިބުން ލަސްވުމުގެ ހިތާމަ ބޮޑެވެ. މަންމަވެސް "ޑިމެންޝިއާ" ބަލީގެ ކުރީކޮޅުކަމަށް ޑޮކްޓަރވަނީ ބުނެފައެވެ. ރަނީންއާއި ލައިގަނެގެން އެއުޅެނީ އާދައިގެ ކަމަކާއި ނޫނެވެ. އިޒްޔަންގެ މެސެޖު ނުފެނުނުނަމަ ނާޒްލީއަށް ރޭކާވެސް ނުލީހެވެ. އެމެސެޖުން އެދެމީހުންގެ އޮތް ގުޅުން ކިތަންމެ ރަގަޅަށްވެސް ހާމަކޮށްދީފިއެވެ.

އެމާ ނިދަން އޮވެފައި ތެދުވެގެން އައިއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ބޮޑުދެލޮލުން ކަރުނައިގެ އަސަރު ފާޅުވެއެވެ. އެއައިގޮތަށް ނާޒްލީގެ އުނގުގައި ބޯ އަޅާލުމުން ނާޒްލީ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ދޮންބެގެ ހުވަފެނެއް ފެނުނީ....." އެމާގެ އެ ޖުމްލައިން އެންމެ ފުން އަސަރެއް ކުރުވީ ރަނީންގެ ހިތަށެވެ.

"އެމާ، މަންމަ ބުނެފިން ދޮންބެ ހުރީ ޔޫކޭއަށް ކިޔަވަން ގޮސްފައޭ....." ނާޒްލީ މަޑުމަޑުން ބުނެލިއެވެ.

"ނޫން މަންމާ، ދޮންބެއަށް ކޮންމެވެސް ކަމެއްވެއްޖެ، ޑްރީމްގައި ދޮންބެ ގެއްލުނީ، އައި ނޯ، ދުވަހަކު ދޮންބެ ދެން ނާންނާނެ....ޕްލީޒް މަންމާ، ދޮންބެ ގެނެސްދީ، އައި މިސް ހިމް.....އެލޮޓް..." އެމާގެ ދެލޮލުގައި ކަރުނައިގެ އަސަރެއް ނެތަސް އެދެލޮލުގައިވާ މާޔޫސްކަން އެއްވެސް ފޮރުވުމެއްނެތި ހާމައަށް ހުއްޓެވެ. ނާޒްލީ އެމާއަށް ވިސްނައިދޭން މަސައްކަތްކުރަމުންގޮސް ފެންކަޅިވިއެވެ. އެމާ ސޯފާގައި ބައިންދާފައި އޭނަ ކޮޓަރިއަށްވަނީ މާމައަށް ކޮޓަރިން ކޮންމެވެސް އެއްޗެއް ފެނިގެން އެކަނި ނީދެވިގެން ގޮވަންފެށީމައެވެ. އިރުއިރުކޮޅާ ފާޚާނާއަށް ދާންވެސް މާމަ ޖެހެއެވެ. ވަރުބަލިވިޔަސް އެކަން ނުދައްކާ ނާޒްލީ އޭނަގެ ވާޖިބު އަދާކުރުމުގައި ދެމިހުރެއެވެ. ޒޯޔާ ގެއަށް ވަންގޮތަށް ކަންނެތްކޮށް ސޯފާއަށް ވެއްޓިގެން ޝަކުވާކުރަން ފެށިއެވެ.

"ގޯޝް، މިއަށް ވުރެ ފޫހި ދިރިއުޅުމެއް ބަޔަކަށް ލިބޭނެތަ؟ ފޫހިކަމުގެ އިންތިހާ، ފޫހިކަމުގެ މައްޗަށް ފޫހިކަން އިތުރުވެ ޑަލް މޮނޮޓަނަސް ލައިފެއްގައި އުޅެން މިޖެހުނީ، މިއޮތް ބޮޑު ދުނިޔޭގައި ބަލަން ޖެހޭ އެތައް ތަނެއްވޭ، ކުރަން ޖެހޭ އެތައްކަމެއް އެބަހުރި، އެކަމަކު ހަމަ މިހެން ހެނދުނު ހޭލާފައި ކޮލެޖަށް ގޮސްފައި ކައިގެން ނިދުން ނޫންކަމެއް ނެތް، މިންވަރުކުރެއްވި ގޮތޭ ކިޔާފައި މިހެން ތިއްބަސް ލައިފް ޗޭންޖެއްނުވާނެ، ޑްރީމްތައް ފުރިހަމަކުރަން ކޮންމެވެސް ކަމެއް ކުރަންޖެހޭނެ، ނޫންތަ ނިންނި، ބުނެބަލަ، ކިހިނެއް އަހަރެމެންގެ ސްޓޯރީ ތަންކޮޅެއް ހެޕެނިންގޮތަކަށް ގެންދާނީ؟ " ޒޯޔާ އިސްތަށިގަނޑު ސޯފާގެ އަތްގަނޑުމަތީގައި ފަތުރާލައިގެން އޮތެވެ. އަތުގައިވާ ބަބްލީއިން ފަހަރަކު އެތިކޮޅެއް ދަހިކޮށް ކާލާފައި ލޮވެލައެވެ. ނާޒްލީ އެވަރަށް އަޑުލާއިރުވެސް އެއާދަ ދޫކޮށެއްނުލިއެވެ.

"ނޭގޭ....." ރަނީން ފާޑަކަށް ބުނެލިއެވެ.

"ނިންނި ތިހެން މީހަކާއި ހެދި ހަލާކުވެގެން ދިޔަސް އަހަރެމެން އަމިއްލަ ނަފުސްދެކެވެސް ލޯބިވޭ، ރޫޙެއްނެތި އެކަކަށްޓަކާ އެންމެން ތިބުމުގެ ބަދަލުގައި މި ކުރު ކުރު ލައިފް އެންޖޯއިކުރަންވީ އޭ މަގޭ ހިތް އެބަބުނޭ، އެކަމަކު ފަށަންވީ ގޮތެއް ނޭގެނީ، މީހަކާއި އިންނަންވީދޯ، ތަންކޮޅެއް މުއްސަދިމީހަކާއި އިނދެލާފައި ލާރިގަނޑު އަތުއަޅުވާލެވުނީމަ ވަރިވެގެން ލޯބިވާ މީހަކާއި އިންނާނީ، އޭނަވެސް އުޅެނީ އެހެން ވިއްޔަ....." ޒޯޔާ އެބުނީ ކާކުގެ ވާހަކައެއްކަން ކުޑަ ކުޑަ އެމާއަށް ރޭކާ ނުލިޔަސް ރަނީންއަށް ވިސްނުނެވެ. ޒޯޔާ އިޝާރާތްކުރީ އިޒްޔަންއަށެވެ. ރަނީން އެވަރުންވެސް ހިމޭންކަން ޚިޔާރުކުރިއެވެ. ޒޯޔާ ފޫހިވާގޮތްވިއެވެ. މިގެއަށް ވަނުމުން ތޮބީޢަތު ޚަރާބުވުން ނޫންކަމެއް ނުވެއެވެ.

ރަނީން ލައްވާ އެމާ އިސްތަށިގަނޑާއި ކުޅުވާތަން ފެނުމުން އެކަމާއި ޒޯޔާ ޖޯކުޖެހިއެވެ. ރަނީން އިޒްޔަން ކޮޕީކުރަނީއޭ ކިޔައިގެން ދިމާކުރިއެވެ.

އެމާއަށް ލޭގެ ކެންސަރު ޖެހިފައިވާކަން ޔަގީންވުމުން މުޅި ޢާއިލާއަށް ލިބުނު ކުއްލި ސިހުމަކަށްވިއެވެ. އެމާ އެހާ ޅައިރު އެހާ ބޮޑު ބައްޔެއް ކުރިމަތިވިކަމީ ޢާއިލާއަށް ލިބިފައިވާ ހިތާމަ އެތައްގުނަ އިތުރުކުރުވިކަމެކެވެ. ޒޯޔާ ކިތަންމެ ތޮޅުނަސް އެމާއަކީ ފެށުނީއްސުރެން ކޮއްކޮއެއްގެ މަޤާމު ދެވިފައިވާ ކުއްޖަކަށްވާތީ ޒޯޔާއަށްވެސް ކުރި އަސަރަކުން ނުރޮވުނީ ހަމަ ކިރިޔާއެވެ. އެމާއަށްޓަކާ އޭނަ ކޮށްދޭންވީކަމަކާއިމެދު ވަރަށް ވިސްނިއެވެ.

އެމާ އެޑްމިޓްކޮށްފައި އޮތްއިރު ޒޯޔާ ގިނަވަގުތު ހޮސްޕިޓަލުގައި ހޭދަކުރެއެވެ. އެތަނުން ތަންކޮޅެއް އަޅައިގަންނަ ދެލޮލެއް ލިބިފައިވާ ޒުވާނެއް ފެނިގެން ޚަބަރު ބަލައިލިއިރު އެކުއްޖާގެ ނަމަކަށް ކިޔަނީ ދާނަޝްއެވެ. އޭނަގެ މަންމަވެސް ބަލިވެގެން އެތާ އޮތުމުން ދާނަޝް ގިނަގިނައިން ފެންނަނީއެވެ. ޒޯޔާގެ ލަނޑުދަޑިއަކަށް މިހާރު ވެފައިވަނީ އަވަހަށް ހަޔާތުގެ ބައިވެރިޔަކު ހޯދުމެވެ. ދާނަޝްފަދަ ޒުވާނަކު ލިބިއްޖެއްޔާ ކިތަންމެ ގިނަ ހުވަފެންތައް ވެސް ފުރިހަމަވެދާނެއެވެ. އެންމެ ރީތި ނުވިޔަސް ދިގު އިސްކޮޅަކާއި ރީތި ދެލޮލެއް ހުރުމުން ޒޯޔާއަށް ފުދޭނެއެވެ.

ޒޯޔާއާއި އެކުވެރި ކުއްޖަކު ކެންޓީނުގައި ސްމޫތީ ބޯން ތިބިއިރު ދާނަޝް އެކަނިމާއެކަނި ކަޅު ކޮފީއެއް ބޯން އިށީދެލައިގެން އިނެވެ. ކަޅު ނޫކުލައިގެ ޓީޝާޓް ގަޔަށް ހިފާލާފައިވާއިރު ވަރަށް ފުރިހަމައެވެ.

"އެއީ ވަރަށް ރިޗްމީހެއްގެ ދަރިއެއް، ތިގޮތަށް ހިތާވާން ހަދައިގެން ލަނޑެއް ލިބިދާނެ. ދަންނަންތަ ޑޮކްޓަރ މަންސޫރު، ވަރަށް މަޝްހޫރު ނިއުރޯސާޖަންއެއްނު، އެފެމިލީ ކުއްޖެއްކަމަށްވަނީ އެކަމަކު ހިތުގައި އަތް އަޅައިގެންވެސް މިވާހަކަ އަޑުއަހާ، ބުނަންތަ؟ ހީޒް ގޭ..........." އެކުވެރިޔާ އާއި ޒޯޔާ ހުސް މޭޒެއް ހޯދާލައިގެން ޖައްސާލިއިރު ޒޯޔާ މަސައްކަތްކުރީ ދާނަޝްގެ ސަމާލުކަން އަތުލާށެވެ. ދާނަޝް ފޯނާއި ކުޅެން އިންއިރު ވަރަށް ސީރިޔަސްއެވެ.

"ވަޓް ދަ......" ޒޯޔާ ދިޔައީ ސިއްސައިގެންނެވެ.

"ހަހަ......" އެކުވެރިޔާ ހިނިގަނޑެއް ޖަހާލިއެވެ.

"ހުވާ މިބުނީ، އަހަރެންގެ ބެލްކަނީގައި ހުންނައިރު އެގޭގެ ރޫމެއް ރީތިކޮށް ފެނޭ، ހުސް ވަގުތެއް ލިބިއްޖެއްޔާ އަހަރެން ބެލްކަންޏަށް ނުކުމެ ބަލަން ހުންނަން، ދާނަޝްގެ ކައިރިއަށް އަންނަ ފިރިހެނާ އަދި ވަރަށް ހެންސަމް. ޒޯ ތިހާ ލައިކްވަންޏާ ޓްރައި ކުރެވިދާނެ، އެކަމަކު ހިޔެއްނުވޭ އެހިތް ބަދަލުވާނެހެނެއް، އެންމެ ފަހަރަކުވެސް އަންހެންކުއްޖަކާއި ދިމާލަށް ބެލިތަނެއް ނުފެނޭވިއްޔަ، ފޮނި ފިރިހެނުންވެސް ތިބޭ، އެކަމަކު އެވަރެއް މަވެސް ނުދެކެން، އޭނަ ހިތާވެގެން އުޅޭ ފިރިހެނާވެސް އެހާ ގޮތްކޮޅު ބޮޑު...." އެކުވެރިޔާ ހީވަނީ ހުރިހާ މަޢުލޫމާތެއް ހޯދައިގެން އުޅޭހެނެވެ.

"ޗީ ޗީ. ގޮސް މޫނުމަތީގައި އެތިފަހަރެއް އަޅާފައި އެންމެންގެ ތެރޭގައި ބަވާލާހިތް ވެއްޖެ........." ޒޯޔާއަށް ބުނެވުނެވެ.

"ޒޯއަށް ކުރިމައްޗަށް އަރާފައި އެހެން ބުނަން ކެރިދާނެތަ؟ ތިކަހަލަ ގޭއި މީހަކާއި ދިމާލަށް ބަލައިލާކަށްވެސް ބޭނުމެއް ނުވެއޭ ކިޔާފައި އެއްޗެހި ގޮވާލަން ކެރިދާނެތަ؟ އޭރަށް މަ ބުނާނަން ޒޯ ތީ ކެރޭ މީހެކޭ....." އެކުވެރިޔާގެ ސަބަބުން ޒޯޔާއަށް ކުޑަހިތްވަރެއް ލިބުނެވެ.

"މަ އެއްޗެހި ނުގޮވިޔަސް ގޮތެއް ހަދާލާނަން، ބަލައްޗޭ...." ޒޯޔާ އެއްލޯ މަރާލިއެވެ.

ދާނަޝް ކޮފީތަށި ހުސްކޮށްލާފައި ތެދުވެގެން އައިސް ޒޯޔާމެން ތިބި މޭޒާއި އަރާހަމަވުމާއިއެކު ޒޯޔާ ފައިދަމާލީ ނުދެނެހުރިކަމަށް ހަދާފައެވެ. ދާނަޝް ނުވެއްޓި ސަލާމަތްވީ އޭނަގެ ހުޝިޔާރުކަމުންނާއި މޭޒުގައި ހިފެހެއްޓުނުކަމުންނެވެ. ޒޯޔާ މާފަށް އެދިފައި އޭނައަށް އޮޅިގެން ފައިދަމާލެވުނީކަމަށް ބުނެލިޔަސް ދާނަޝް އެކަން ގަބޫލުކުރިހެން ހިޔެއްނުވެއެވެ. އޭރު އެހެން މޭޒުތަކުގައި ތިބި މީހުންގެ ނަޒަރު އެދިމާލަށް ހުއްޓިފައިވިއެވެ.

"އިޓްސް އޯކޭ، ކޮންނަމެއް ކިޔަނީ؟ "ދާނަޝް ހީލިއެވެ.

"ޒޯ......" ޒޯޔާ ސަލާމް ކުރަން އަތްދިއްކޮށްލަމުން އެދެލޮލަށް ބަލައިލުމާއިއެކު ގައިން ހީބިހި ނެގިއެވެ. ވެމްޕަޔަރުންގެ ލޮލަށް ބަލައިލުމުން އިންސާނާގެ ވިސްނުމާއި ކުޅެލައޭ ބުނާފަދައިން ދާނަޝްގެ އެރީތި ދެލޮލުގެ ރީތިކަމާއިމެދު ހަސަދަވެރިވިއެވެ. އެއީ ލޯތްބެއް ނޫންކަން ޒޯޔާއަށް އާ ގުޅުމެއް ދުނިޔެއަށް އުފަންވީއެކޭ އޭރަކު ހިތަކަށް ނާރައެވެ. ހަޔާތުގެ ބައިވެރިޔާއާއި އިންސާނުން ދިމާވާން ވުމާއިއެކު ކޮންމެވެސް ކަހަލަ ހާދިސާއެއް ހިނގާނެއެވެ. ކޮންމެވެސް ގޮތަކަށް އެދެމީހަކު އެއްތަންވާނެއެވެ. ދާނަޝްފަދަ މުއްސަދި ޒުވާނަކަށްޓަކާ ގުޅުމުގެ ހުވަފެން ދެކޭނެ އަންހެންކުދިން މަދެއްނުވާނެއެވެ. ނަމަވެސް ނަސީބު ލައްވާނީ ކޮންމެވެސް އެކަކަށެވެ. ޒޯޔާއަށް ދާނަޝްގެ ފިރިހެންވަންތަ އަދި ސިއްރުވެރި ދެލޮލުގެ ފަހަތުގައި ފޮރުވިފައިވާ ޒުވާނާގެ ހަގީގަތް އެއްވެސް ވަރަކަށް ނޭގިހުރެ ދާނަޝް ޙަޔާތުގެ ބައިވެރިޔަކަށް ވުމުގެ ހުވަފެން ދެކެން ފެށީ އެދެލޮލަށް އެންމެ ފަހަރަކު ބަލައިލާފައެވެ.

އިރުގެ އަލިގަދަ ދޯދިތައް ބިއްލޫރިތައް ފުރާނާފައި ކޮޓަރިތެރެއަށް އެޅެން ފެށުމުން ރަނީން ދެލޯ ހުޅުވާލާފައިވެސް ތެދުވާ ހިތެއްނުވިއެވެ. ބާލީހުގައި ބައްދާލައިގެން އިރުކޮޅަކު އޮވެލާފައި ފޯނު ނަގައިގެން އެފްބީއަށް ވަދެލީ އާދައިގެ މަތިން އެކުވެރިން ލިޔެފައިވާ ސްޓޭޓަސް ތަކާއި ފޮޓޯތައް ބަލާލުމަށެވެ. ރަނީންގެ ހިތަށް ސިހުމެއް ލިބުނީ އޭނަ ޓެގްކޮށްލާފައި ކޮންމެވެސް މީހަކު ލިޔެފައިވާ ޢިބާރާތްކޮޅު ފެނިފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު