ރާއްޖެ މެޗަކީ ކޮލިފައިންގައި ނަތީޖާއެއް ނެރުމަށް ބޫޓާނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު: ބޫޓާން ޓީމް

ބޫޓާން ގައުމީ ޓީމު. އެޓީމުގެ މެނޭޖަރު ބުނީ ރާއްޖެ މެޗަކީ ކޮލިފައިންގައި ނަތީޖާއެއް ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް --- ފޮޓޯ/ ބޫޓާން ފުޓްބޯލް އެސޯސިއޭޝަން

ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއާ ޒޯންގެ ގުރޫޕް 'ސީ' ގައި މަދަމާ ރާއްޖެއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ ކޮލިފައިންގައި ނަތީޖާއެއް ހޯދުމަށް ބޫޓާނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ބޫޓާން ޓީމްގެ މެނޭޖަރު ހެޝީ ޝެރިންގް ބުނެފިއެވެ.

މާދާމާގެ މެޗާ ބެހޭގޮތުން މިއަދު ބޭއްވި ޕްރީ މެޗް ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ހެޝީ ބުނީ، ގަތަރާއި ޗައިނާއާއި ހޮންކޮންގްއާ އަޅައިބަލާއިރު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ހަމަހަމަ މެޗެއް ކަމަށާއި ފިޒިކަލީގޮތުން ބެލިޔަސް ދެޓީމަކީ އެއްވަރުގެ ދެޓީމު ކަމަށެވެ.

އެކަމުގެ ސަބަބުން ބޫޓާނަށް އެއް ލެވަލެއްގައި މެޗް ފެށޭނެ ކަމަށް ހެޝީ ބުންޏެވެ.

އޭނާ ބުނީ، މީގެ ދެ ހަފުތާ ކުރިން އެގައުމުގެ ގައުމީ ލީގް ނިމުނު ހިސާބުން ޓީމުން ރަނގަޅު ޕްރެކްޓިސް ތަކެއް ކޮށްފައިވާ ކަމަށާއި އަދި އެންމެ ފަހުން ގަތަރާއި ދެކޮޅަށް ކުޅުނު މެޗްގައި އަނިޔާވުމުގެ ސަބަބުން ޓީމުގައި ނުހިމެނުނު ދެ ޑިފެންޑަރުން ކަމަށްވާ ކިންލޭ ވާންޗުކްއާއި ޑަވާ ގަޔުލްޗުންއަށް ރާއްޖޭގެ މެޗްގައި ކުޅެވުމަކީ ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ. އެކަމުގެ ސަބުން މެޗް ފެށިގެން ނިމެންދެން ބޫޓާން ޓީމު އެއް ރޫހެއްގައި ކުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ހެޝީ ބުންޏެވެ.

ޕްްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބޫޓާންގެ ކޯޗް ޖަޕާނުގެ ނޮރިއޯ ސްކިޓާޓޭ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ވަކި ޚާއްސަ ފަރިތަކުންތަކެއް ކުރިއަން ނުގެންދާ ކަމަށާއި ނަމަވެސް އާދައިގެ ޓެކްނިކްސްއާއި ޓެކްޓިސްތަކަށް ސަމާލުކަން ދީގެން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

"އަހަންނަކަށް ނޭނގެ މެޗްގެ ނަތީޖާ ނިކުންނާނެ ގޮތެއް. އެކަމަކު އަހަރެމެން މެޗްގައި އެޓޭކްކޮށް ޑިފެންސް ކުރުމަށް ތައްޔާރު. ރަނގަޅު ޕާސްތަކެއްކޮށް އަހަރެމެންގެ 100 ޕަސަންޓް މެޗަށް ދޭނަން،" ސްކިޓާޓޭ ބުންޏެވެ.

ބޫޓާނުން ވަނީ މާދަމާގެ މެޗަށް ނިކުންނައިރު ޓީމުގައި ހިމެނޭ ކުޅުންތެރިން ބޭނުން ކުރާ ޖޯޒީ ނަންބަރުތައް އެކުޅުންތެރިންނަށް ޚާއްސަކޮށްފައެވެ. އެންމެ ފަހުން އެޓީމު ކުޅުނު މެޗްގައި ބައެއް ކުޅުންތެރިން ބޭނުންކޮށްފައިވަނީ އާންމުކޮށް ބޭނުން ކުރާ ނަންބަރުގެ ބަދަލުގައި އެހެން ނަންބަރުތަކެވެ.

މެނޭޖަރު ހެޝީ ބުނީ މިއީ ޓީމުގެ ކުޅުންތެރިން ހިތްހަމަޖައްސައި ދިނުމަށް ކުރެވުނު މުހިންމު ކަމެއްކަމަށް ގަބޫލު ކުރާ ކަމަށެވެ.

ރާއްޖެއާ ބުޓާން ކުޅޭ މެޗް އޮންނާނީ ބޫޓާންގެ ވެރިރަށް ތިމްޕޫގެ ޗާންގްލިމިތޭންގ ސްޓޭޑިއަމްގައެވެ. މިމެޗް ފެށޭނީ ރާއްޖޭ ގަޑިން މަދަމާ ހަވީރު 5:00 ގައެވެ.

comment ކޮމެންޓް