ނައިފަރު ދަނޑުގައި ޓާފް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ޅ. ނައިފަރުގައި އަލަށް އިމާރާތްކުރާ ޓާފް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

ކަނުހުރާ ރިސޯޓްގެ ފަރާތުން ޅ. ނައިފަރުގައި އަލަށް އިމާރާތްކުރާ ޓާފް ދަނޑުގައި އަޅާ ޓާފް ސަޕްލައިކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު ލެމަން ގްރާސް ފިފްތުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ޓާފް ސަޕްލައިކޮށްދޭ ކުންފުނި، އެސިސްޓެންސް މޯލްޑިވްސް އާއި ދަނޑު އެޅުމަށް ހަވާލުވި ކަނުހުރާ މޯލްޑިވްސްއެވެ. މި އެއްބަސްވުމުގައި އެސިސްޓެންސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނައީމެވެ. އަދި ކަނުހުރާ މޯލްޑިވްސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ރިސޯޓުގެ ޗީފް ފައިނޭންޝަލް އޮފިސަރު މރ. ނިގޭލްއެވެ.

ދެވަނަ އެއްބަސްވުމުގައި ސޮއިކުރީ ކަނުހުރާ މޯލްޑިވްސްއާ ދަނޑުހެދުމަށްފަހު އެ ރިސޯޓުން ދަނޑު ހަދިޔާކުރާ އެފްއެޗް ފައުންޑޭޝަނެވެ.

މި އެއްބަސްވުމުގައި ކަނުހުރާ މޯލްޑިވްސްގެ ފަރާތުން މރ. ނިގޭލް ސޮއިކުރެއްވިއިރު، އެފްއެޗް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ފައުންޑާ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމެވެ.

ނައިފަރުގައި އަޅާ އެޓާފްދަނޑަކީ ކަނުހުރާ ރިސޯޓުގެ ފަރާތުން އިޖުތިމާއީ ޒިންމާގެ ދަށުން އަޅަން ނިންމި ދަނޑެކެވެ.

ނައިފަރު ފުޓުބޯޅަ ދަނޑުގައި ޓާފްދަނޑު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ޝިޔާމް ވަނީ އެ މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތް ތަކަށް ޝުކުރު އާދާކުރައްވާފައެވެ.

"މި ދަނޑު ގެ ސަބަބުން ނައިފަރު ގެ ޒުވާނުންނަށް އެހެން ލެވަލްއެއްގައި ފުޓްބޯޅަ ކުޅުމަށް ހުޅުވިގެންދާނެ ވަރަށް ބޮޑު މަގަކަށް ވެގެން ދާނެ. އަދި މާލޭގެ ބޮޑެތި ކުލަބްތަކުން ވެސް ނައިފަރުގައި މެޗް ކުޅެލުމަށް އައުމުގެ ފުރުސަތު މި ވަނީ ވަރަށް ބޮޑަށް ފަހިވެފައި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ދަނޑުގެ ސަބަބުން ނައިފަރު ރައްޔިތުންގެ އިތުރުން ޅ. އަތޮޅުގެ އެހެން ރަށްތަކަށް ވެސް ވަރަށް ބޮޑަށް ފައިދާ ވެގެން ދާނެކަމަށެވެ.

ކުރިއަށްއޮތް ތިން މަސް ތެރޭގައި ޓާފް ސަޕްލައިކޮށްދޭނެކަމުގެ ޔަގީންކަން އެސިސްޓެންޓް މޯލްޑިވްސް އިން ވަނީ ދީފައެވެ.

comment ކޮމެންޓް