ދިޔަމިގިލީ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ތ. ދިޔަމިގިލީ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. -- ސަން ފޮޓޯ: ނާހިދު

ކޮޅުމަޑުލު ދިޔަމިގިލީ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ދިޔަމިގިލީ ނަރުދަމާ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިއަދު ހަވީރު އެރަށުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމެވެ. މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދާއި ދިޔަމިގިލި ހިމެނޭ ތ. ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިންމަނިކު ދޮންމަނިކު ވެސް ބައިވެރިވެވަޑައިގަތެވެ.

ތ. ދިޔަމިގިލީ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެންޔަވަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހީމް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޓްވިޓާ

"ނަރުދަމާއިން އުއްމީދީ ދިރިއުޅުން Yageen#" މި ޝިއާރުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގައި ދިޔަމިގިލީ ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއެވެ. ޖެނުއަރީ 2015 އިން ނޮވެމްބަރު 2016އާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 28 މިލިއަން ރުފިޔާއެވެ.

ދިޔަމިގިލީ ކައުންސިލްގެ ރައީސް ނާހިދު އައްބާސް މިއަދު ސަންއަށް ވިދާޅުވީ، "ނަރުދަމާގެ މައްސަލައަކީ މިރަށަށް ދިމާވެފައިވާ ވަރަށް ސީރިއަސް މައްސަލައެއް. މިއަދު މިކަމުގެެ އަމަލީ މަސައްކަތް ފެށިގެން ދިއުމުން ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ހިނގައްޖެ" ކަމަށެވެ.

ނާހިދު ވިދާޅުވީ، މިއަދު ދިޔަމިގިލީގައި އަމަލީ މަސައްކަތް ފެށިގެން ދިޔަ ނަރުދަމާ މަޝްރޫއު ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިމާލެވޭނޭ ކަމުގެ ޔަގީންކަން މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިއުއެސްސީ އިން ދީފައިވާ ކަމަށެވެ.

comment ކޮމެންޓް