ރިޔާސީ ލޯންޗުކޮޅުގެ ގޮވުމަކީ ރާވައިގެން ދިން ހަމަލާއެއް: ލަންކާ ތަހްގީގު ޓީމް

ސެޕްޓެމްބަރު 28، 2015: ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޔާމީން ހުޅުލެއިން މާލެވަޑައިގަންނަވަނިކޮށް ލޯންޗުކޮޅުގައި އެއްޗެއްގޮވައި ހިނގި ހާދިސާގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގެ ގޮވުމަކީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާ ތަހްގީގުކުރަން ރާއްޖެއައި ސްރީ ލަންކާގެ ތަހްގީގު ޓީމުން ހާމަކޮށްފި އެވެ.

ލަންކާގެ ސީއައިޑީ ދެ އޮފިސަރުން ހިމެނޭގޮތަށް ޖުމުލަ ހަތަރު މީހުންގެ ތަހްގީގު ޓީމާ ހަވާލަދީ އެގައުމުގެ ޑެއިލީމިރާގައި ބުނެފައި ވަނީ، ރިޔާސީ ލޯންޗުކޮޅުގެ ގޮވުމަކީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއްކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

މައުލޫމާތުދިން ފަރާތާ ހަވާލާދީ އެ ނޫހުން ބުނީ، ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައި ވަނީ ފިނިފެންމާ ލޯންޗުގެ ކެޕްޓަން އިންނަ ސީޓުގެ ދަށުން ވީއައިޕީ ކެބިން ތެރޭގައި ކަމަށެވެ. އަދި އެ މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

"އަހަރެމެން ގަބޫލުކުރާ ގޮތުގައި މިއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ނޫން، އެކަމަކު ރައީސަށް ދިން އިންޒާރެއް. މިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފައިނަލް ރިޕޯޓް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ލަންކާ ސަރުކާރާ ހަވާލުކުރެވޭނެ،" މަސްދަރާ ހަވާލާދީ ޑެއިލީ މިރާގައި ވެއެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގާފައި ވަނީ ހައްޖުގެ އަޅުކަމަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލެ ވަޑައިގަތުމަށް ލޯންޗުކޮޅު އިއްޒުންދީން ފާލަމާއި ކައިރިކުރަނިކޮށެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އޭޖެންޓަކު ވަނީ ހަމަ އެދުވަހުގެ ރޭ މާލެ އައިސްފައެވެ. އަދި ޖެހިގެން އައިރޭ އެފްބީއައިގެ ހަތަރު އޭޖެންޓަކު ރާއްޖެ އައިސްފައިވާއިރު، އެ ތަހުގީގުގައި ދިވެހި ފުލުހުންނަށް އެހީތެރިވެދިނުމަށްޓަކައި ސައުދީ ނުވަ މީހުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ޓީމެއް ވެސް ވަނީ އައިސްފައެވެ. އަދި އޭގެ ފަހުން ސްރީ ލަންކާގެ ހަތަރު މީހުންގެ މައްޗަށް އެކުލެވޭ ފޮރެންސިކް ޓީމަކާއި، އިންޑިއާގެ ފޮރެންސިކް ޓީމެއް ވަނީ ރާއްޖެ އައިސް އެ ތަހުގީގުގައި ބައިވެރިފެވައެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސަށް ގެއްލުމެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މައިބަދައާ ގުޅުން ހުރި ކަށިތަކަކަށް ވަނީ ގެއްލުން ވެފައެވެ. އަދި ރައީސްގެ ޕްރޮޓްކޯލް ހެޑް، ފާތުމަތު ސޯލިހާއި، ބޮޑީގާޑު އަބްދުއްނާސިރަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލައިފައި ވާއިރު، އެ ހާދިސާގައި ތުހުމަތުކުރެވޭ ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް