ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަން އުފައްދައިފި

ރައީސް އޮފީސް: ނޭޝަން އިންޓަގުރިޓީ ކޮމިޝަން ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ އުފައްދަވާފައި -- ސަން ފައިލް ފޮޓޯ

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަން މިއަދު އުފެދުމާއި ގުޅިގެން ޕޮލިސް އިންޓަގުރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓަގުރިޓީ ކޮމިޝަން ރައީސް ޔާމީން އުވާލައްވާފައިވާ ކަމަށެވެ.

ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަން ރައީސް ޔާމީން މިއަދު އައްޔަން ކުރެއްވިއިރު އެ ކޮމިޝަނަށް އެއްވެސް މެމްބަރަކު އަދި އައްޔަން ކުރައްވާފައެއް ނުވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނަށް ރައީސަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސަކު އައްޔަންކުރަން ޖެހެނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ބިލްގައި ބުނެފައިވެ އެވެ.

ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު