4 ގާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ހަތަރު ގާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ވަނީ ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް

ހަތަރު ގާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ސިޓިޒެންޝިޕުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަވާ ކަމަށެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން ފީ ނެގުމާ ގުޅޭ ކަންކަން އެ ގާނޫނުގައި ހިމެނުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާގުޅޭ އައު އުސޫލުތަކެއް ޤާއިމުކުރުމާއި، ބޭރުގެ ފަރާތްތަކުގެ އުޅަނދުތަކާއި، ބޭރު ޤައުމުތަކުގައި ރަޖިސްޓަރީކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވޭނެ އައު އުސޫލުތައް ޤާއިމުކުރުމަށާއި، ދިވެހިރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކުރާ ކަންކަން ތަންފީޛުކުރުމަށްޓަކައި އެކަންކަމާގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ކަމާބެހޭ މިނިސްޓްރީއަށް ލިބިދިނުމަށް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ އެ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގައި ހިމެނޭ ވަޒީރުންގެ ބަދަލުގައި ބައެއް ވުޒާރާތަކުން، މިނިސްޓަރު ފޯ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަޤާމެއްގައި ހުރި ފަރާތެއް ޢައްޔަންކުރެވޭ ގޮތަށް ކައުންސިލް އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މުދަލާއި ހިދުމުގެ އަގުން ޓެކުސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅީ ކުޑަކުދިން ނުވަތަ ބަލި މީހުން ބަލަހައްޓައި ދިނުމަށް ހުންނަ ޑޭކެއާ ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ކަމަށެވެ.

ސިޓިޒެންޝިޕު ގާނޫނަށް އިސްލާހު ކުރަނީ ޤާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގެ (ނ)ގައި ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ ގޮތުގެ މަތީން ދިވެހިރައްޔިތުކަން ދޫކޮށްލެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ޤާނޫނެއް މިހާތަނަށް ވުޖޫދުގައި ނެތް ކަމަށްވާތީ، ދިވެހިރައްޔިތުކަން ދޫކޮށްލެވޭނެ އިޖުރާޢަތުތައް ބަޔާންކުރުމުގެ ގޮތުން އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް