މައިކްރޯސޮފްޓްގެ އުފެއްދުންތައް ދައްކާލާ ބޮޑު އިވެންޓް އަންގާރަ ދުވަހު!

އަންގާރަ ދުވަހު، މައިކްރޯސޮފްޓްގެ ގިނަ އުފެއްދުންތަކެއް ދައްކާލުމަށް ނިއު ޔޯކްގައި ބާއްވާ އިވެންޓަކީ އެކުންފުނިން ބާއްވާ އެންމެ ބޮޑު އިވެންޓު ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

މައިކްރޯސޮފްޓުން މި ހަފްތާގެ އަންގާރަ ދުވަހު ބާއްވަން ނިންމާފައިވާ ވަރުގެ އިވެންޓެއް މީގެ ކުރިން އެ ކުންފުނިން ބާއްވާފައެއް ނުވެއެވެ. އެ ކުންފުނީގެ އޮޕަރޭޓިން ސިސްޓަމް "ވިންޑޯސް 10" ކްރޮސް ޕްލެޓްފޯމް ނުވަތަ އެކި ވައްތަރު ޑިވައިސްތަކަށް ބޭނުން ކުރެވޭ ގޮތަށް ބަދަލުކޮށް ބާއްވާ އިވެންޓަކީ މައިކްރޯސޮފްޓްގެ އާ ފެށުމެކެވެ.

ވިންޑޯސް 10ގެ ބާރުގައި މަސައްކަތް ކުރާ ގިނަ ޕްލެޓްފޯމުގެ އުފެއްދުންތަކެއް ދެއްކުމަށް ހަމަޖެހިފައިވާ އިވެންޓުގައި މަދުވެގެން އެ ކުންފުނީގެ އާ ތިން އުފެއްދުމެއް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މައިކްރޯސޮފްޓް ލުމިއާ 950 އަދި 950XL

ލުމިއާ 950 އާއި 950XLގެ ރެންޑާކޮށްފައިވާ ލީކެއް---

ލުމިއާ 950 ސީރީޒްގެ ދެ ފޯނަކީ މައިކްރޯސޮފްޓުން ފޯނު އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ ނޮކިއާ ގަތުމަށްފަހު އަމިއްލަ ކުންފުނީ ނަމުގައި ފުރަތަމަ ފަހަރަށް ފްލެގްޝިޕް ކޮށް ނެރޭ ފޯނެވެ. އެ ފޯނަކީ އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު މައިކްރޯސޮފްޓުން ނެރޭ ފުރަތަމަ ފޯނެެވެ.

އަންގާރަ ދުވަހު ދައްކާލެވޭނެ ކަމަށް ބުނެވޭ ލުމިއާ 950 ސީރިޒް ދެ ފޯނަކީ ގާތްގަނޑަކަށް އެއް ސްޕެސިފިކޭޝަނެއް ހިމެނޭ އެހެން ނަމަވެސް ސްކްރީން ސައިޒް ތަފާތު ދެފޯނެވެ. އެ ޑިވައިސްވެސް ޕަވާ ކުރާނީ ވިންޑޯސް 10 ބޭނުންކޮށްގެނެވެ.

ވިންޑޯސް ހެލޯ އާއި ކޮންޓިނިއުއަމް

ވިންޑޯސް ހެލޯ

"ވިންޑޯސް ހެލޯ" އާއި "ކޮންޓިނިއުއަމް" އަކީ ވިންޑޯސް 10 އިން އަލަށް ތައާރަފު ކުރާ ދެ ހިދުމަތެވެ.

ވިންޑޯސް ހެލޯ ފީޗާ ބޭނުން ކޮށްގެން މީހާގެ މޫނު ނުވަތަ ލޮލުގެ ކަޅި ޑިވައިސްތަކުގެ ޕާސްވޯޑަށް ހަދާލެވޭނެއެވެ. އެ ހިދުމަތުގެ ތައާރަފު ކުރުމާއެކު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން ވަނީ އާ ހާޑްވެއާތަށްވެސް ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރުތަކަށް އިތުރު ކުރަން ފަށާފައެވެ.

އަލަށް ތައާރަފު ކުރާ ދެ ފޯނުގައި ވިންޑޯސް ހެލޯގެ ހިދުމަތް އިންޓަގްރޭޓް ކުރުމަށް އިންފްރާ ރެޑް އައިރިސް ސްކޭނަރެއް ހަރު ކުރެވިފައިވާ ކަމަށް ބައެއް އެތެރޭގެ ލީކްތަކުން ބުނެ އެވެ.

ކޮންޓިނިއުއަމް ފީޗާ ބޭނުންކޮށްގެން ވިންޑޯސް 10ގެ ފޯނުތައް ފުރިހަމަ ކޮމްޕިއުޓަރެއް ފަދައިން ބޭނުން ކުރެވޭނެ ކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފައެވެ. އެ މަސައްކަތް ކުރާގޮތް އަންގާރަ ދުވަހުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ސާފޭސް ޕްރޯ 4

ސާފޭސް ޕްރޯ 4 ގެ ލީކް އިން ބުނާގޮތުން ނަމަ ހައިބްރިޑް އިންނާނެ ގޮތް--

މައިކްރޮސޯފްޓުން ނެރެމުން އަންނަ ސާފޭސް ޕްރޯ ލެޕްޓޮޕް/ޓެބްލެޓް "ހައިބްރިޑް" ސީރީޒްގެ އުފެއްދުންތައް ކޮންމެ އަހަރަކު އަންނަނީ ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރަމުންނެވެ. އެގޮތުން މިއަހަރު ދައްކާލުމަށް ހަމަޖެހިފައިވާ ސާފޭސް ޕްރޯ 4 އަށް ގިނަ ބަޔަކު ތިބީ ކެތް މަދު ވެފައެވެ.

އަލަށް ދައްކާލުމަށް ހަމަޖެހިފައިވާ ސާފޭސް ޕްރޯގައި "އަލްޓްރާ ތިން ބެޒެލް" ނުވަތަ ސާފޭސްގައި އިންނަ ހުސްތަން ކުޑަވާނެ ކަމަށް މި ހަފްތާގެ ލީކް އަކުން ބުނެއެވެ. އެ ސާފޭސް އާއެކު ކުންފުނިން ނެރޭ ކީބޯޑާއި ސްޓައިލަސްގެ ފެންވަރުވެސް ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށްވެސް ލީކްގައި ބުނެފައިވެއެވެ.

މައިކްރޯސޮފްޓް ބޭންޑް 2

މައިކްރޯސޮފްޓް ބޭންޑް 2 އިންނާނެ ކަމަށް ބެލެވޭގޮތުގެ ނަމޫނާއެއް

ފިޓްނަސް ޓްރެކާއެއްގެ ގޮތުގައި މައިކްރޯސޮފްޓުން ނެރުނު ފުރަތަ ބޭންޑުގައި އުނދަގޫތަކެއް ހުރި ކަމުގައިވިޔަސް އެއަށް ވަނީ ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައެވެ.

އަލަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ބޭންޑުގެ ޑިސްޕްލޭ އިންނާނީ އަތް އިންނަ ގޮތަށް "ކާވް"ކޮށްފައި ކަމަށް ލީކްތަކުން ބުނެއެވެ.

މައިކްރޯސޮފްޓްގެ އަކީ އެ ކުންފުނީގެ ގިނަ އުއްމީދުތަކެއްވާ އިވެންޓެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަަމަވެސް މައިކްރޯސޮފްޓަކީ ކަސްޓަމަރުން ދެރަކޮށްލުމަށް މަޝްހޫރު ކުންފުންޏެކެވެ. އުފެއްދުންތަކުގެ ލީކްތަކުގެ ސައްހަ ކަމެއް ނުވަތަ ނޫން ކަމެއް އެނގިގެން ދާނީ އަންގާރަ ދުވަހު އެވެ.

comment ކޮމެންޓް