"އެންމެފަހުން އަހަރެންގެ ލޯބީގެ ދުޝްމަން ކައިރިއަށް ސަލާމް ޖަހަން އަންނަން މިޖެހުނީ. ދަރިޔަކަށްޓަކާ މަންމައަކު ކޮށްފައިވާ ހުވައެއްވެސް އަނބުރާ ގެންދަފާނެ....." ނާޒްލީގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަ ފޮހެލިއެވެ. ދޮރުގެ އެއްކައިރީގައި ހުރި ޖަޕާނު ރޯޒް ވަށިގަނޑެއްގެ ރީތިކަމުން ބަލަން ހުއްޓާ މީހަކު ކަރުކެހިލިހެން ހީވެގެން އިސްއުފުލާފައި ބަލައިލިއިރު ހަތަރެސްފައި ފިނިވެލައިފިއެވެ. ނަމަވެސް އެތާ ހުރީ އޭނަ ހީކުރި ފަދައިން ނަތާލީއެއް ނޫނެވެ. ޒޯޔާއެވެ.

"ބަލަ ޒޯޔާ މިތާ ކީއްކުރަނީ؟ " ނާޒްލީގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ.

"މަންމަ ފެނިފައި ހަމަ ވަދެލީ، މިއީ ހާދަ ރީތި ގެއެކޭ، މަންމަގެ ފްރެންޑެއްގެ ގެތަ؟ "ޒޯޔާ ފެންޑާގައި ހުރި މާގަސްތަކާއި ކުޅެން ފަށާއިރަށް ނާޒްލީ ޒޯޔާގެ އަތުގައި ހިފާ ދަމާ ކޫއްތަމުންގޮސް އެގެއިން ބޭރަށް ނެރެފިއެވެ. މަންމަގެ އެކުއްލި ރުޅިގަނޑުގެ ސަބަބުން ޒޯޔާ ކުޑަކޮށް ޙައިރާންވެސްވިއެވެ. މަންމަ އެހާ ރުޅިއައިސްފަ ހުރި ސަބަބެއް ދެނެގަންނަ ހިތުން ޒޯޔާ ހުރީ ކެތްތެރިކަންކޮޅުން ލާފައެވެ. ގެއަށްވަދެފައި ރަނީން ކައިރީގައި " ނިކީވިލާ" އެއްގެ ބަގީޗާގެ ރީތިކަމާއި މަންމަ އެގެއިން ފެނުނު ވާހަކަ ބުނެލިއެވެ.

"ހިތަށް އެރި އިޒްޔަންގެ ބައްޕަގެ ގެ ކަމަށޭ ވާނީ، މަންމަ ސިއްރުން މީޓްކުރަނީއޭ......" ޒޯޔާ ވާހަކަދެއްކީ ވައި އަޑަކުންނެވެ. އޭނަގޮސް ދޮރުފޮތިތައް ދަމާލާފައި ބޭރަށް ބަލަންފެށިއެވެ.

"އިޒްޔަންއާއި އެމާގެ ބައްޕަ ޑިފެރެންޓްތަ؟ " ރަނީން އިނީ ބެލްކަނީގައި ހުރި ގޮނޑިއަކަށް ދެފައި އަރުވާލައިގެން ކަކޫމޭގައި ޖައްސާލައިގެންނެވެ. ކޮޓްން ގަމީހަކާއި ޖިންސެއްލައިގެން ސާދާކޮށް އިންއިރު މޫނުމަތި ހީވަނީ މޮޅިވެރިކަމުގެ ތަސްވީރެއްހެންނެނެވެ. ރޭގައި ލޮލުފިޔަޖަހާ ނުލައި ރޮއިފައިހުރިކަމަށް މޫނުމަތި ހެކިދެއެވެ.

"އިޒްގެ ބައްޕައާއި މަންމަގެ ގުޅުން އެހާ ރަގަޅެއްނޫން، އެމާގެ ބައްޕަވަނީ އެމާއަށް ބަނޑު ބޮޑުއިރު ކެންސަރުބަލީގައި މަރުވެފައި، ނުބުނޭތަ؟ " ޒޯޔާ އަހާލައިފިއެވެ.

"ނުދެނެހުރިން....." ރަނީން ދެރަވިއެވެ. ވީއިރު އެމާއަކީ ޔަތީމު ކުއްޖެއްތާއެވެ.

"ޕުއަރ ލިޓްލް ގާރލް...." ރަނީން އިތުރުކޮށްލާފައި އަނެއްކާވެސް ނިޔަފަތި ހަފަންފެށިއެވެ.

"ލުކް ނިންނި، ނިންނި ކިތަންމެ ބޭނުންވިޔަސް އިޒް ދެން އަންނާނެހެން ހިޔެއްނުވޭ، އެންމެ ރަގަޅުވާނީ އޭނަމަތިން ހަނދާން ނައްތާލާފައި އާ ފެށުމަކުން ފަށަން، ނިންނިގެ ޢުމުރު އޮތްގޮތަށް ކުރިއަށް އޮތްވާ އިޒްޔަންއާއިހެދި އުޅުމުގެ ބޭނުމެއް ނިކަން ބުނެބަލަ، ސްކޫލްކުއްޖަކާއި ރައްޓެހިވާންވީނު، އެހެރަ ކަންމަތީ ފިހާރައިގާ އެއިންނަ ސޮރުވެސް ކިހާ ކިއުޓް. މާ ބޮލަށް ފަސޭހަވާނެ އެއިން ކުއްޖަކާއި ހެދި އުޅުނިއްޔާ......" ޒޯޔާ ހީހީފައި ކިޔާލިއެވެ. ރަނީން ގަބޫލުނުކުރާނެކަންވެސް އޭނައަށް އެނގެއެވެ. އޭނަވެސް އިޒްޔަންދެކެ ލޯބިނުވަނީއެއް ނޫނެވެ. އެކަން އެހެން މީހަކަށް އަންގަން ހިތް ނޭދުނީއެވެ.

ޒޯޔާގެ ވިސްނުން ހުރީ އެކަނިމާއެކަނި ނިކީވިލާއަށްގޮސް އެގޭގައި އުޅޭ ބަޔެއްގެ މަޢުލޫމާތު ހޯދުމެވެ. އޭރުން އިޒްޔަންގެ ބައްޕަގެ ހަގީގަތްވެސް ހޯދިދާނެކަމަށް އޭނަ އުއްމީދުކުރިއެވެ. އިޒްޔަންގެ ބައްޕައަކީ ކާކުކަން ނާޒްލީވަނީ އެ ޢާއިލާއަށްވެސް ސިއްރުކޮށްލާފައެވެ. ބައްޕަގެ ނަން ޢާއްމުކަމުން އަދި ނަން އެނގުނަސް އެމީހަކު އެނގޭނީ ކިހިނެއް ހެއްޔެވެ؟

ވާރޭކަނި ޖަހަމުންދާއިރު އިރުނުއޮއްސެނީސް އިރުގެ އަލިކަމުން ދުނިޔެ މަހުރޫމްކޮށްލާފައިވަނީ އަނދުންކުލައިގެ ބޮޑެތި ވިލާތަކުންނެވެ. ރަނީން ކާރުން ފޭބިގޮތަށް ދެއަތުން ކޮނޑުގައި ބައްދާލިއިރު ގައިން ހީބިހި ހަލުވާލައިފިއެވެ. މިގޭގެ މީހުންގެ ހުއްދަނެތި ވަނުމަކީ ރަގަޅުކަމެއް ހެއްޔެވެ؟ ނަސީބަކުން ވާރޭ ބޯކޮށްލިކަމުން އޭނައަށް ދައްކާނެ ބަހަނާއެއް ފެނުނެވެ. ވާރެއިން ސަލާމަތްވާން ވަދެވުނީކަމަށް ބުނެވިދާނެއެވެ. ދުވެލާފައި ކަހަލަގޮތަކަށްގޮސް އޭނަ ފެންޑާއަށް ވަދެފައި ސިއްރުވެރި ނަޒަރަކުން ބަލައިލިއެވެ. ރަނީން ކުއްލިއަކަށް ސިހޭގޮތްވީ މީހަކު ދޮރު ހުޅުވާލާފައި އޭނަ ވަންނަން ދަޢުވަތު ދިނުމުންނެވެ.

"ވާރެއާއި ހިޔާވެލަން ދޯ، އެތެރެއަށް ވަދޭ....." އެމީހެއްގެ މޫނު ފެނުމާއިއެކު ރަނީން ހަނދާންވިއެވެ. އެއީ ސެންޓްފިހާރައިން ފެނުނު ރީތި އަންހެނާއެވެ. މިވަގުތު ހުރީ ނުރަސްމީކޮށެވެ. ޓައިޓަކާއި ބާރު ޓޮޕެއްލައިގެން ހުރިއިރު ސިލިކަން ސާޖަރީ ހަދާފައިބާވައޭވެސް ހިތަށް އެރިއެވެ. ނޫނީ ހަމަ ރީތިކަމުގެ ބަޔެކެވެ. އަމިއްލަ ނަފުސާއި އަޅާކިޔާފައި ރަނީން ދެރަވިއެވެ. މިއީ އިޒްޔަންގެ ލޯބިވެރިޔާކަމަށް ވެދާނެކަމުގައި ރަނީންގެ ހިތަށް ވަނީ ހަމަ ކުއްލިއަކަށެވެ.

"ތެންކިއު....." ރަނީން އެތެރެއަށް ފައި އެޅިއިރު އޭނަގެ ހިތް މޭފަޅާލަފާނެހެން ހީއެވެ. އެހާ ފިނިވާގޮތްވިއެވެ. ގެ ހުރީ އޭސީކޮށްލާފައެވެ. ނޫނީ ހުރިހާ އިހުސާސްތަކެއް އެއްކޮށް ޖެހިގަތީ މިއީ އިޒްޔަންގެ ލޯބިވެރިޔާކަމުގައި ސިކުނޑި ސިގްނަލް ދޭންފެށީމަ ހެއްޔެވެ؟

"އިށީދެލަންވީނު...." ނަތާލީ މަސްނޫޢީ ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެތެރެއަށް ވަންގޮތަށް އައީ ހޫނު ކޮފީއަކާއި ޕިއްޒާއަކާއި ލުއިކާނާތަކެއް ހިފައިގެންނެވެ. މެހުމާންދާރީ އަދާކުރުމުގައި ވަރަށް ކުރީގައި އުޅޭމީހެއްކަން ރަނީންއަށް އެވަގުތު ވިސްނުނެވެ. ރަނީން މިގެއަށް އައީ ކާކަށް ނޫނެވެ. ނަމަވެސް ފިނި ދުވަހަކަށްވެފައި ކުޅުދިޔާވާފަދަ ރަހަމީރު އެއްޗެހި ތަބަކެއްގައި އަތުރާލާފައި ވުމުންނާއި ކާއެއްޗެއް އަރުން އެތެރެ ނުވާތާ ގިނައިރުވެފައި ހުރުމުން ރަނީން ކޮފީތަށީގައި ތުނބު ޖެހިއެވެ. ކޮފީގެ ރަހަ އެހާ މީރެވެ. ނަމަވެސް އިތުރަށް ކާހިތް ކެނޑުނީ ކުއްލިއަކަށް ކަންފަތުގައި ޖެހުނު ފިރިހެންވަންތަ ހުނުމުގެ އަޑުންނެވެ. އިޒްޔަން ނޫން ދެވަނަ މީހަކަށް އެ މުއްސަދި ހުނުން ލިބިފައެއް ނުވާނެއެވެ. ރަނީންގެ ކަރުތެރޭގައި ޕިއްޒާކޮޅު ތާށިވިހެން ހީވިއެވެ. ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނައަށް އައިސް މިވަދެވުނީ ދުޝްމިނެއްގެ ހަރަށެވެ. އިޒްޔަންއާއި އޭނަގެ ލޯބިވެރިޔާއާއި ދެމީހުން ބައިވެގެން އޭނައަށް ޒަހަރު ނުދޭނެކަމެއްވެސް ނޭގެއެވެ.

ރަނީން ބޭނުންވީ އަވަހަށް މިތަނުން ސަލާމަތްވެގެން އެތަނުން ދުވެފައި ދިޔުމަށެވެ. އެޚިޔާލުގައި ހުރެފައި ތެދުވާން އުޅުނަސް އޭނަ އިނީ ގާބުދެއްހެން ހިލަވެ ހަރަކާތް ހުއްޓިފައެވެ. ނަތާލީއާއި އިޒްޔަންގެ އުފާވެރި ހުނުމުގެ އަޑާއިއެކު ދެން އިވުނީ ސަކަރާތް ޖަހާ ދުވެފައި އުޅޭ އަޑެވެ. ރަނީންގެ ސިކުނޑީގެ ނާރުތައް ފަޅައިގެންގޮސްދާނެ ހެން ހީވިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެލާފައި އޭނަ ބާރަށް ހިނގައިގަތީ ދޮރާއި ދިމާލަށެވެ. ޖެހި ގުގުރިއަކާއިއެކު ރަނީންގެ ދެފައިގާ ކަސްތޮޅު އެޅުވިއެވެ. ކުޑަދޮރުގައި ދަމާފައިވާ ފަރުދާތައް އެއްފަރާތްކޮށްލާފައި ބަލައިލެވުނުއިރު ކަމަކުދާކަށް ނެތެވެ. ވިލާތަކުގެ ތެރެއިން ފާޅުވެގެން ދިޔަ ހުދު ރޮގުތައް ފެނުމާއިއެކު ރަނީންއަށް އަތްއަޅައިލެވުނީ ކަންފަތުގައެވެ.

"ވިއްސާރަކަމުގެ އިންތިހާ، ދެން ކިހިނެއް ހަދާނީ؟ " ރަނީން އިރުކޮޅަކުން ޓެކްސީއެއް ލިބޭތޯ އެކި ޓެކްސީސެންޓަރު ތަކަށް ގުޅަންފެށިއެވެ. ލައިންތައް ބިޒީއެވެ. ގުޅާލެވުނަސް ބުނަނީ މިވަގުތު ހުސް ޓެކްސީއެއް ނެތްކަމުގައެވެ. ނުވީތާކަށް ބޯކޮށް ވާރޭވެހިގަތްއިރު ފުރާޅުވެސް ފައިބައިގަތްހެން ހީވިއެވެ.

"ހޫމް، ދެޓްސް އޯލް އައި ނީޑް....."ރަނީން ބޯ ހޫރާލިއެވެ. މިއީ ހަމަ ފިލްމެއްގެ މަންޒަރެކެވެ. އޭނަ މިގޮތަށް މީހަކަށް ފާރަލައިގެން އުޅެނިކޮށް ތާށިވީއިރު އަދި މިވަދެވުނީ ލޯބިވާ މީހާއާއި ހިތާވެގެން އުޅޭ އަންހެންމީހާގެ ކައިރިއަށެވެ. މިވަރުގެ ބަދުނަސީބު ހާލަތެއް ދެން އަލުން ދިމާވާނެކަމެއް ނޭގެއެވެ. މިހާރު އިވެނީ ހަމައެކަނި ވާރޭގެ އަޑެވެ. ކަންފަތް ހުޅުވާލައިގެން އިނދެ އިނދެވެސް އިޒްޔަންގެ އަޑެއް ނީވުމުން ރަނީންގެ ކެތްތެރިކަން ކުޑަވެ އިޒްޔަން ދެކެލާހިތްވެއްޖެއެވެ. ފަހަރެއްގައި އިޒްޔަން ނޫން މީހަކަށްވެސް ވެދާނެއެވެ. ޔަގީންކޮށްލުމަކުން ގޯހެއް ނެތްތާއެވެ. އެވާނީ އަންހެންމީހާގެ ދަރިޔަކަށެވެ. ނޫނީ ފިރިމީހާއަށެވެ. އަޖައިބުވަނީ ނަތާލީވެސް އޭނަގެ މަތިން ހަނދާން ނައްތާލީމައެވެ.

ރަނީން ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކުރިން ހުނުމުގެ އަޑު އިވުނު ދިމާލަށް ބަލައިލިއިރު އެއީ ކާބައިކަން އެނގުނެވެ. މޭޒުމަތީގައި ކޮފީ ހުސްވެފައިވާ ދެމަގާއި ހެދިކާ ތަށިތައް ހުއްޓެވެ. ހިތްގައިމު ކުޑަ ކޮޓަރިއެކެވެ. އެދެމީހުން ކޮފީ ބޮއިގެން ދިޔައީ ކޮންތާކަށްހެއްޔެވެ؟ ތެޅިތެޅިވާހިތަކާއިއެކު އޭނަ ކުރިއަށް ހިނގައިގަތީ ހަގީގަތް ހޯދަން ބޭނުންވިލެއް ބޮޑުކަމުންނެވެ. މަތީބައިގެ ދޫލައަޅާފައިވާ ކޮރިޑޯއިން ދަމުން އެންމެ ކުރިން ޖެހުނު ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން އޭނަ ބަލައިލީ ކޮންމެހެން އެކަހަލަ މަންޒަރެއް ފެނިދާނެކަމުގެ އުއްމީދުގައެއް ނޫނެވެ. ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ގުގުރިޖެހި އަޑުއިވުނީވެސް ދިމާ ކައިރިންނެވެ. ރަނީންގެ މޫނަށް އަނދިރިވާގޮތްވިއެވެ.

"އިޒްޔަން އައި ހޭޓް ޔޫ....." ރަނީން އަނބުރާލާފައި ދުވަމުން ދުވަމުންގޮސް ބޯ ވާރޭގެ ތެރެއަށް ނުކުތްއިރު ލޮލުން އޮހިގަތް ހޫނު ކަރުނަތައް ވާރެއާއިއެކުވާން ފެށިއެވެ. ރަނީންގެ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތީގައި އޮތް ޕާކުގައިވާ ހިލަގޮނޑިއަކާއި ކައިރިވެލާފައެވެ. ގުގުރިއާއި ވިދުވަރުގެ ތޫފާންދެކެ ބިރުން އުޅޭ އަންހެންކުއްޖާއަށް މިއަދު އެކަމުގެ ބިރަށްވުރެ ހިތާމައިގެ އިހުސާސް މާ ބޮޑުވިއެވެ. ފިނިގަދަކަމުން ރޫރޫއަޅަމުން ދިޔައިރުވެސް ހިލަގޮނޑިއަށް ދެފައި ލައިގެން އިނފެ ގިސްލަގިސްލާފައި އޭނަ ރުޔެވެ. އަނދިރިކަން ޖައުނު ވަށައިލިގޮތަށް ރަނީން ފެންނަން ފެށީ ހިޔަންޏެއްގެ ސިފައިގައެވެ.

އިޒްޔަންއާއި ނަތާލީ ފެންވަރާލައިގެން ތައްޔާރުވާން ތިބިއިރުވެސް ނަތާލީ އިރުއިރުކޮޅާ އިޒްޔަންގެ ތެތްކަން އެކުލެވިފައިވާ ރީތި އިސްތަށިގަނޑުގައި އަތް ހިންގާލައެވެ.

"މިއޮތް ވިއްސާރައިރު ކިހާ ދިގު ދަތުރެއްކުރަން މިޖެހުނީ، ފްލައިޓް ކެންސަލް ނުވާނެތަ؟ " ނަތާލީ އިޒްޔަންގެ ގަމީހުގެ ގޮށްތައް އަޅުވާދޭންފެށިއެވެ. އެކަމުގައި އުޅުނުއިރުވެސް އެތަނަވަސްމޭމަތީގައި އަތުން ފިރުލާމައެވެ. ކުދިކުދި ބޮސްތަކުން އިޒްޔަންގެ ހިއްސުތަކާއި ކުޅެލައެވެ.

"ނަތާއަށް ރަގަޅަށް އެނގޭނެ، ވިއްސާރަވާއިރަށް ފްލައިޓްތައް ޑިލޭވަންޏާ ދެން އެކުންފުނިތަކަށް ކިހާ ގެއްލުންވާނެ. ނަތިން ވިލް ހެޕެން ގޯޑް ވިލިން، ސްޓިލް ބިރުން ދޯ......." އިޒްޔަން މެކްބުކް ލާފައިވާ ދަބަސް ބުރަކަށީގައި އަޅުވާލިއެވެ. ނަތާލީގެ ހިތް ހާސްފަހަރު ތަޢުރީފުކުރިއެވެ. އޭނަ މިހާ ކާމިޔާބުވާން ކުރެވުނީ ކޮންކަމެއްބާވައޭ ހިތާ ހިތުން ސުވާލުކުރެވުނެވެ.

"އަބަދުވެސް ނާވަސްވޭ، އަހަރެމެން މިހާ ދުރުގައި ދިރިއުޅުމެއް ފަށާއިރު އަދި މާބިރުގަންނާނެއްނު، އަހަރެން ބޭނުމެއްނޫން އިތުރު މީހެއްގެ އެސްފީނާ ޖެހެން، މަންމަމެންނަށް ގުޑްބައި ކިޔާލާކަށް ނުދާނަންތަ؟ " ނަތާލީ ކުޑަ ހިނިތުންވުމަކާއިއެކު އަހާލިއެވެ.

"ހޫމް، ފޮގެޓް އިޓް، އަހަރެންގެ އެއްވެސް މީހަކު ދުނިޔޭގައި އުޅޭކަން އަހަރެން ހަދާން ނައްތާލައިފިން، އުމުރަކީ ކުރު އެއްޗެއް، އެންޖޯއިކޮށްފައި ދުނިޔެއިން ދިޔައީމަ މާ ރަގަޅު، އެގޭގައި އުޅުނުއިރު އަބަދު ހާސްކަމެއްގައި އުޅުނީ، ނޭގޭ، ކޮބާ ދަބަސްތައް ތިރިއަށް ގެންދަން ރަމީޒަށް ގޮވާބަލަ ބޭބީ......." އިޒްޔަން ނަތާލީގެ ޖެކެޓް ލައްވާލަދީފައި ސަމާސާއެއްކޮށްލިއެވެ. ނަތާލީ ދާން ހިނގައިގަތުމުން ކުޑަކޮށް އަރިއަޅާލުމުންވެސް އޭނަ އެހީވާން ދިޔަގޮތުން ލޯބިވާވަރު ހާމަކޮށްދިނެވެ. ނަތާލީގެ ހިތް ލޯބިން ފުރާލަދޭން ފެށުމުން ނަތާލީގެ ހިތަށް ލިބިފައިވަނީ ބަޔާންނުކުރެވޭފަދަ އުފަލެކެވެ. އޭނަ ބޭނުންވާފަދަ ފިރިޔަކަށް އިޒްޔަން ވެއްޖެއެވެ. ހަޔާތުގެ ހުރިހާ އުއްމީދުތަކެއް ފުރިހަމަވެއްޖެއެވެ.

ރަމީޒު ދަބަސްތައް ތިރިއަށް ބޭލިއިރުވެސް ވާރޭ ހުއްޓައެއްނުލައެވެ. ނަތާލީ އިރުއޮއްސުނު އިރު އެގެއަށް ވެއްދި އަންހެންކުއްޖާގެ މަތިން ހަނދާންވީ އަދި ކިރިޔާއެވެ. އެކުއްޖާ އަމިއްލައަށް ދިޔައީކަން ނޭގެއެވެ. އިޒްޔަންގެ ސަބަބުން އޭނަ ދުނިޔޭގެ އެހެން ކަންތައް މަތިން ހާދަ އަވަހަށް ހަނދާން ނައްތުވާލައެވެ. ބޮބްކަޓެއްނަގާފައިވާ އެކުއްޖާ ފެނިފައި އޭނަ ކުރިން ހީކުރީވެސް ޕާކިސްތާނު ހިސާބު އަންހެންކުއްޖެއްކަމުގައެވެ. މާލޭ ކުއްޖަކާއި ވައްތަރެއް ނޫނެވެ. އެހާ ލޯތްބެވެ. އެ މުށިދެލޮލުގެ މަތިން ހަނދާން ނައްތާލާކަށް އަންހެނަކަށްވެހުރެވެސް ފަސޭހައެއް ނުވިއެވެ. އިޒްޔަންގެ ކައިރީގައި އެކުއްޖާގެ ވާހަކަ ބުނަން އުޅެފައިވެސް ނަތާލީ ޚިޔާލުން އެކުއްޖާ ނެރެ އެއްލާލައިފިއެވެ.

ވިއްސާރައިގެ ސަބަބުން ގަސްތައްވެސް މޮޔަވެގެން އުޅޭހެން ހީވެއެވެ. ނަތާލީ އިޒްޔަންގެ އަތުގައި އަތްއަޅުވާލައިގެން ނިކަން ލޯބިން ވާހަކަދައްކަމުން ދިޔައިރު އިޒްޔަންގެ ރީތި ދެލޮލުން ފެންނަމުންދިޔައީ ލޯތްބާއި އަޅާލުމެވެ. އެރީތި ދެލޮލުގެ ބެލުން ޚާއްސަކުރެވިފައިވީ ހަމައެކަނި ނަތާލީއަށެވެ. ރަމީޒު ކާރު ފެންޑާއާއި ކައިރިކޮށްލާފައި ދަބަސްތައް ޑިކީއަށް ލިއިރު އިޒްޔަންއާއި ނަތާލީ ކާރުގެ ފަހަތު ސީޓަށް އަރައިފިއެވެ.

ރަމީޒް ކާރު ދުއްވާލަމުން އިނގިރޭސި ލަވައެއް ޖަހާލުމުން އިޒްޔަން އިނީ ނަތާލީ ގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ނަތާލީއަށް ފޮނިނުވެވޭވަރެއް ނޫނެވެ.

"މައިގޯޑް، ހީޒް ސޯ ހޮޓް، އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާވަރު އެބަވޭ......" ނަތާލީގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ރަމީޒުއަށް ފަރުވާލެއްނެތި ނަތާލީއާއި އިޒްޔަން އުޅުނީ ކުދި ކުދި ސަމާސާކުރުމުގައެވެ.

"ރަމީޒު ޓެކްސީ ހުއްޓަބަލަ، އެގަސްދަށުގައި އެއިނީ އަންހެންކުއްޖެއްތަ؟ "ނަތާލީގެ ނަޒަރުގައި ހިލަ ގޮނޑީގައި އިން އަންހެންކުއްޖާ އަޅައިގަތުމުން އޭނައަށް ބުނެވުނެވެ.

"ކޮން ކުއްޖެއްތަ؟ ބޭބީ ބިރުން އުޅޭތީ ވާހާ ކަންތައްތަކޭ......" އިޒްޔަންވެސް އެދިމާލަށް ބަލައިލިއެވެ. އޭނައަށް ފެނުނީ އެކުއްޖަކު ގަހާއި ނިވާވިތަނެވެ. ހެދުމުގެ ކުޑަތަންކޮޅެކެވެ. ކާރުގެ ދުވެލި މަޑުކޮށްލިއެވެ.

"ނޫނޭ މަޑުކުރާނެކަމެއްނެތް...." ނަތާލީގެ ޚިޔާލު ބަދަލުކުރީ ގަޑި ކައިރިވެފައިވާތީއެވެ. ކައުންޓަރ ބަންދުކޮށްފިއްޔާ ލަނޑެއް ލިބިދާނެއެވެ. އިޒްޔަން އޭރު އިނީ ޚިޔާލެއްގައެވެ. އެއީ ރަނީން ހެއްޔެވެ؟ ރަނީންގެ އިސްކޮޅެވެ. ކުރުކުރު އިސްތަށިކޮޅެވެ. އެކަމަކު މިހާ ވިއްސާރައިގާ ރަނީންއަށް އެކަނިމާއެކަނި އެތަނުގައި އިނުމަކީ ކުރެވޭނެކަމެއް ނޫނެވެ. އެވާނީ ކޮންމެވެސް އެހެން ކުދި ބަޔަކަށެވެ. ދެލޯބިވެރިން ސިއްރުން ބައްދަލުކުރަން ތިބެފައި ގަހުގެ ނިވަލަށް ވަނީކަމަށް ވެދާނެއެވެ. ރަނީން ކޮބާހެއްޔެވެ؟ އެކުއްޖާ އަދިވެސް އޭނަމަތިން ހަނދާން ނައްތާނުލަނީހެއްޔެވެ؟ އެނގިދާނެތާއެވެ. އޭނަ ފުރުމުގެ ކުރިން ތަންކޮޅެއް ހަރުކަށިކޮށް މެސެޖްކޮށްލާނީއެވެ. އޭނަދެކެ ނަފްރަތުކުރާވަރު ކޮށްލާނީއެވެ. އެނޫންގޮތަކަށް އެކުއްޖާގެ އުދަގޫކުރުން ހުއްޓުމަކަށް ނުގެނެވުނުވިއްޔާއެވެ.

އިޒްޔަންގެ އެކުއްލި ވަކިވުމުން އަސަރުކުރީ އެކަނި ނާޒްލީއަކަށް ނޫނެވެ. ރަނީންގެ ދުނިޔެވެސް ކުނޑިކުނޑިވެގެން ފައިބައިގަތްފަދަ އިހުސާސްތަކެއް ކުރެވުނެވެ. ރަނީން ގެ ގަޔަކު ސްކޫލަށް ދާނެ ވަރެއް ނެތެވެ. ނުކައި ނުބޮއި ހިތާމަކުރަމުން ގޮސް ޙާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކުރާން ޖެހުނެވެ. އެމާވެސް އޭރު އެހާ ބައްޔެވެ. ދޭތެރެއަކުން ހުން އައިސް ބަލިވެގެން އޮންނައިރު ދޮންބެ ގެނެސްދޭށޭ ކިޔާފައި ކަރުނަ އޮއްސާނެއެވެ. އިޒްޔަން މަރުވެދިޔަސް އެންމެން ހިތާމަކުރާނީ އެހާ ވަރަށެވެ.

އެހާވަރުން ކުރި އިންތިޒާރު ފެނަށްވުމުން އޭނަ ހެއްދެވިފަރާތުން މަދަދަށް އެދުނެވެ. ނަމަވެސް ދުވަސްކޮޅެއްވީ އިރަށް މާޔޫސްވެ ދުޢާކުރުން ހުއްޓާލާފައި ނަމާދަށް ފަރުވާކުޑަކޮށްލެވުނީއެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލި އެހެން ކަންތަކާއި މަޝްޣޫލުވެވުނީއެވެ. ލޯބީގައި ލިބުނު ނާކާމިޔާބު އޭނަ ދައްކަމުން އައީ ރަނީންއާއި ތަފާތުކޮށެވެ. އޭނަގެ ކެއުން މަދުވުމުގެ ބަދަލުގައި ގިނަވިއެވެ. ފަލަވާން ފެށީ ހިތަށް ނާރާހާ ހަލުވިކޮށެވެ. އެކުވެރިންނާއިއެކު ރެސްޓޯރެންޓްތަކަށް ދަމުން ވަޒީފާއެއްވެސް ހޯދައިފިއެވެ. ހޮޓަލެއްގެ ރިސެޕްޝަނުން ލިބުނު ވަޒީފާ ނާޒްލީއަށް ކަމުނުދިޔަ ނަމަވެސް ޒޯޔާ ހުރީ ދޫކުރާގޮތަކަށް ނޫނެވެ. އޭނަ އަމިއްލައަށް އުޅެވޭނީ ފައިސާ ހުރެގެންނެވެ.

ރަނީން އޮތް އެނދުގެ ކައިރީގައި ގޮނޑިއެއް އަޅައިގެން ނާޒްލީ އިނދެލާފައި ރަނީންގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. ހުންތަންކޮޅެއް މަޑުވިޔަސް ތުންފަތް ރަތްކަމުން އަނދާކަހަލައެވެ. ރަނީންގެ ފޯނު ހުޅުވާލާފައި އޮތުމުން ނާޒްލީ ބަލައިލާހިތްވިއެވެ. ރަނީން އުޅޭލެއް ސިއްރުވެރިކަމުން އެކުއްޖާގެ ޚާއްސަމީހަކު ހުއްޓަސް އެނގެނީއެއް ނޫނެވެ.

މެސެޖްތައް ހުޅުވާލުމާއިއެކު ނާޒްލީއަށް ފެނުނީ އިޒްޔަން އެންމެފަހުން ފޮނުވާފައިވާ މެސެޖެވެ. އިޒްޔަން އެހާ ރަހުމް ކުޑަވާން ވެދާނެހެއްޔެވެ؟ އެދެކުދިންގެ ދޭތެރޭގައި ގުޅުމެއް ހިނގިކަންވެސް ރޭކާލީ އެމެސެޖުންނެވެ. ނާސިއެކޭ ކިޔައިގެން ރަނީންއަށް މަލާމާތްކޮށްފައިވާއިރު އިޒްޔަންއަށް އެހެރީ ކީއްވެފައިބާވައެވެ. ނާޒްލީގެ މޫނަށްވެސް ރަތްކުލަވެރިވިއެވެ.

"އެދުވަހު އަހަންނަށް އެނގުނޭ ތީ ވާޖިންއެއް ނޫންކަމާއި އެތައް ފިރިހެނުންނާއިއެކު އުޅެފައިވާ އަންހެނެއްކަން، އިނޮސެންޓް ސިފައެއްގައި ހުރި ނާސިއެއް ތީ، ދުނިޔެއަށްވެސް ބަދުނާމުކުރާނަން، ސޯޝަލް މީޑިއާގައި އެވާހަކަ އޮންނާނެ. ދެރަވެއްޖެ ދޯ، ސޮރީ އެކަމަކު އަހަރެން ބޭނުން އެހެން މީހުން އެވެއަރ ކުރަން، ނޫނީ ތި މައުސޫމް ކުއްޖާގެ ޝިކާރައިގާ އަހަރެންކަހަލަ ކިތައް މީހުން ޖެހޭނެތަ؟ ފޮޓޯއާއި އެކުގައި ދެން މަޝްހޫރުކުރާނީ....." އެޖުމްލައިން ނާޒްލީއަށް ލިބުނު ޝޮކާއިއެކު ރަނީންގެ މައުސޫމްކަމުން ފުރިފައިވާ މޫނަށް ބަލައިލެވުނެވެ. އެކުޑަ މޫނުމަތީގައިވަނީ ކުށެއްނެތްކަމުގެ ހެކިތަކެވެ. އުޅޭ އުޅުމުން އަބަދު ފެނުނީ އިޒްޔަންދެކެ ވި ލޯތްބެވެ. ނާޒްލީ ހައިރާންވިއެވެ. ބުނާނެ އެއްޗެއް ނޭގިފައި ބަލަން އިނދެލާފައި ރަނީންގެ މޫނަށް ފައިބައިގަތް އިސްތަށިކޮޅުތައް އަތުން އެއްފަރާތްކޮށްލަދިނީ މަޔަކުވެސް ކޮށްދޭނެހާ އޯގާތެރިކަމާއިއެކުގައެވެ. އަމިއްލަ ފިރިހެން ދަރިފުޅު އެކުއްޖާއާއިމެދު ކުރި ތުހުމަތުތަކުންވެސް ނާޒްލީގެ ހިތުގައިވާ ލޯތްބަށް ފަނޑުކަމެއް ނައެވެ. ނާޒްލީގެ ލޮލުން ކަރުނަ އަންނަން ފެށީ އެވަގުތު އައި ފޯނުކޯލަކުންނެވެ. ނާޒްލީ ޓިޝޫފޮށިން ޓިޝޫއެއް ނެގިއެވެ.

ދޮރުމަތިން މީހެއްގެ ހިލަންވިހެން ހީވެފައި ނާޒްލީގޮސް ދޮރު ހުޅުވާލުމާއިއެކު ފިޔަވަޅުތައް ގަނޑުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު