ޖަރުމަނުން އެކަނި ހަ ލައްކަ އަށް ވުރެ ގިނަ ރެފިއުޖީން ބަލައިގެންފި

ޗާންސެލާ އެންގެލާ މާކަލް ޖަރުމަނުގެ

ބާލިން (އޮކްޓޯބަރ 3) : ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންގެ ތެރެއިން ހަ ލައްކަ އަށްވުރެ ގިނަ ރެފިއުޖީން ފާއިތުވި ހަތަރު މަސް ތެރޭގައި ޖަރުމަނުން ބަލައިގެންފައިވާ ކަމަށާއި ނަމަވެސް ރެފިއުޖީންގެ މައްސަލަ ޖަރުމަނަށް އެކަނި ހައްލު ނުކުރެވޭނެ ކަމަށް އެގައުމުގެ ޗާންސެލާ އެންގެލާ މާކަލް ވިދާޅުވެއްޖެ އެވެ.

ޖަރުމަނަށް ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލައާބެހޭ ގޮތުން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި މާކަލް ވިދާޅުވީ ރެފިއުޖީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެމީހުންގެ މައްސަލަ ޖަރުމަނަށް އެކަނި ހައްލު ނުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމުގަ އެވެ. ރެފިއުޖީންގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް އިޝާރާތް ކުރައްވަމުން އެންގެލާ މާކަލް ވިދާޅުވީ އެހެންގައުމުތަކުގެ އެހީތެރިކަންނެތި ޖަރުމަނަށް އެކަނި އެމައްސަލަ ހައްލު ނުކުރެވޭނެކަން ދަނެ އެހެންގައުމުތަކުން ވެސް ރެފިއުޖީންގެ ޒިންމާ އުފުލަންޖެހޭ ކަމުގަ އެވެ.

ޔޫރަޕަށް ކޮންމެ ދުވަހަކު 10 ވަރަކަށްހާސް ރެފިއުޖީން ހިޖްރަ ކުރަމުން ގެންދާއިރު އޭގެތެރެއިން ގާތްގަނޑަށް 85 އިންސައްތަ ރެފިއުޖީން ބަލައިގެންފައިވާ ހަމައެކަނި ގައުމަކީ ޖަރުމަނެވެ. ފާއިތުވި ހަތަރު މަސްތެރޭގައި ޖަރުމަނުން ހަ ލައްކައަށްވުރެ ގިނަ ރެފިއުޖީން ބަލައިގަނެފައިވާއިރު އެމީހުންގެ ކެއިންބުއިމަށާއި ހިޔާވަހިކަމާއި އެނޫންވެސް އިންސާނީ އެހީއަށް ބޭނުންވާ ތަކެއްޗަށް މަހެއްގެ މައްޗަށް އެތައް ސަތޭކަ މިލިޔަން ޑޮލަރު ޖަރުމަނުގެ ސަރުކާރުން ޚަރަދު ކުރާ ކަމަށްވެ އެވެ. ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންގެ ތެރޭގައި ގިނައީ ސޫރިޔާގެ ރައްޔިތުންނެވެ.
ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީން ބަލައިގަތުމާ އިދިކޮޅު ރޫހެއް ވަނީ އިރުމަތީ ޔޫރަޕްގެ ގައުމުތައް ކަމަށްވާ ހަންގެރީ، ޕޮލެންޑް، ރުމޭނިޔާ، ޗެކް ރިޕަބްލިކް އަދި ސްލޮވޭކިޔާ އާއި ކްރެއޭޝިޔާ ފަދަ ގައުމުތަކުގައި އުފެދިފައެވެ. އަދި އެގައުމުތަކުން ގެންދަނީ ރެފިއުޖީންނަށް ހުރަސްއަޅައި އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ދެކޮޅު ހަދަމުންނެވެ.

މީގެ އިތުރުން ހުޅަނގު ޔޫރަޕްގެ ގައުމުތައް ކަމަށްވާ އިޓަލީއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ސްޕޭންފަދަ ބޮޑެތި ގައުމުތަކުން ވެސް ޖަރުމަނުން ކިޔާފަދަ މަރްހަބާއެއް ރެފިއުޖީންނަށް ކިޔުމަށްވަނީ ފަސްޖެހިފަ އެވެ. އެހެންކަމުން ޔޫރަޕަށް ހިޖްރަކުރާ ސޫރިޔާއާއި އިރާގުފަދަ ގައުމުތަކުގެ ރެފިއުޖީންނާ މުއާމަލާތް ކުރުމުގެ ހުރިހާ ބުރަތަކެއް އުފުލަމުން ގެންދާ ގައުމަކަށް މިހާރު ވެފައިވަނީ ޖަރުމަނެވެ.
ސޫރިޔާގެ ރެފިއުޖީން ބަލައިގެންފައިވާ އެހެން ގައުމުތަކުގެ ތެރޭގައި އެގައުމުގެ އަވަށްޓެރި އަރަބި ގައުމުތަކާއި ތުރުކީ ހިމެނެ އެވެ. ތުރުކީން ސޫރިޔާގެ ދެމިލިޔަން ރެފިއުޖީންނަށް ހިޔާވަހިކަން ދީ ދެލައްކައަށް ވުރެ ގިނަ ސޫރިޔާގެ ކުދިންނަށް ތައްލީމް ހާސިލް ކުރުމުގެ ފުރްސަތު ފަހިކޮށްދީފައިވާ އިރު އުރުދުންގައި ދޮޅު މިލިޔަން ރެފިއުޖީން އަދި ލުބްނާނުގައި ދޮޅު މިލިޔަން ރެފިއުޖީން ދިރިއުޅެމުން ގެންދެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު