ސުޕްރީމް ކޯޓާއި ހައިކޯޓު ނުލައި ސުޕީރިއާ ކޯޓުތަކުގައި ނުނިމިހުރި މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފި

ސުޕްރީމް ކޯޓާއި ހައިކޯޓު ނުލައި، ހަމައެކަނި ސުޕީރިއާ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ވެބްސައިޓުގައި އާންމުކޮށްފައި ވަނީ ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓު އަދި ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ތަފާސް ހިސާބެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރާއި މި އަހަރުގެ އޯގަސްޓު މަހުގެ ނިލިޔަލަށް ބަލާއިރު ޖުވެނައިލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު 57 ޕަސެންޓު ވަނީ ދަށްކުރެވިފައެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް 14 މައްސަލައެއް ޖުވެނައިލް ކޯޓުގައި ނުނިމިހުރި އިރު، މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެ ކޯޓުގައި ނުނިމިހުރީ އެންމެ ހަ މައްސަލައެވެ.

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފެމިލީ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 37.1 ޕަސެންޓު ވަނީ އިތުރުވެފައެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް 396 މައްސަލަ އެ ކޯޓުގައި ނުނިމިހުރި އިރު، މިއަހަރުގެ މިހާތަނަށް 543

މައްސަލަ އެ ކޯޓުގައި ނުނިމި އެބަހުއްޓެވެ.

ޑީޖޭއޭ އިން ބުނީ ފެމެލީ ކޯޓުގައި ނުނިމި ހުރި މައްސަލަތައް އިތުރުވެފައި ވަނީ ސިވިލް ކޯޓުން ބަލަމުން ދިޔަ ތަރިކައާއި ހިބައިގެ މައްސަލަތައް ފެމިލީ ކޯޓަށް ހުށަހަޅައިގެން ބަލަންޖެހޭގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސުމުން ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2014 ވަނަ އަހަރާ އަޅާބަލާއިރު 21.3 ޕަސެންޓު ވަނީ މަދުވެފައެވެ.

ސިވިލް ކޯޓުގައި 2014 ވަނަ އަހަރު ނުނިމި 1404 މައްސަލަ ހުރި އިރު، މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެ ކޯޓުގައި ނުނިމިހުރީ 1105 މައްސަލަ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ޑްރަގް ކޯޓުގައި 1167 މައްސަލަ ނުނިމިހުރި އިރު މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެ ކޯޓުގައި ނުނިމި ހުރީ 937 އެވެ. އެހެންކަމުން އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 19.7 ޕަސެންޓަށް ވަނީ ދަށްކުރެވިފައެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ނުނިމި ހުރި މައްސަލަތައް ވަނީ ވަރަށް ބޮޑުތަނުން މަދުކުރެވިފައެވެ. މިދިޔަ އަހަރު އެ ކޯޓުގައި ނުނިމި 1723 މައްސަލަ ހުރި އިރު، މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 847 އެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު ވަނީ 50.8 ޕަސެންޓު ދަށްކުރެވިފައެވެ.

ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހުރިހާ ކޯޓުތަކަށް އަންގާފައެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެންގިއިރު އެ ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ވެސް އެބަހުއްޓެވެ. ބައެއް މައްސަލަތަކަކީ ކޯޓަށް މައްސަލަ ހުށަހެޅިފަހުން އެއްވެސް އަޑުއެހުމެއް ބާއްވާފައިނުވާ މައްސަލަތަކެވެ.

comment ކޮމެންޓް