އައްޑޫ ސިޓީ ގަމުގެ ބޮޑު ފާލަން ހަލާކުވެއްޖެ

ގަމުގެ ބޮޑު ފާލަމުން ޝީޓެއް ވެއްޓިފައި-- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގެ ގަމުގެ ބޮޑުފާލަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.

އެފާލަމަކީ ދެ ވަނަ ބޮޑު ހަނގުރާމައިގައި މުދާބާލަން ބޭނުންކުރި ފާލަމެކެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު މިރޭ ސަން އަށް ވިދާޅުވީ ފާލަމުގެ މެދެއްހާ ހިސާބުން ޝީޓެއް ބިންދައިގެންގޮސް މުޅި ފާލަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ވަނީ ރޭގެވަގުތެއްގައި ކަމަށެވެ.

"ފާލަން އިތުރަށް މަރާމާތުނުކޮށް ކުރިއަށް ނުގެންދެވޭވަރަށް ވެއްޓިފައި ވަނީ. ވަރަށް ބޮަޑަށް ހަލާކުވެފައިވަނީ. މުޅި ޝީޓް އިންގޮތަށް ވެއްޓިފައިވަނީ. ހަމަ ބިންދައިގެންގޮސް" ތޮއްޔިބު ވިދާޅުވިއެވެ.

އެހެންނަމަވެސް ފާލަން ހަލާކުވީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ގަން އެއާޕޯޓަށް ގެންދާ ތަކެތި އެފާލަން ބޭނުންކޮށްގެން ބާލަމުންދާއިރު އެ މަސައްކަތަކީ ފާލަމުގެ ކެޕޭސިޓީއަށްވުރެ ބުރަ މަސައްކަތެއް ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ އެފާލަން ހަލާކުވިނަމަވެސް ގަމަށް އެއްޗެހި ބޭލުމަށް ދަތިނުވާނެ ކަމަށާއި ރަށުގެ ބަނދަރުތައް އެއްޗިހި ބޭލުމަށް ބޭނުންކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް