އެމެރިކާ މީހުންނަށް އެންމެ ނުރައްކާ ބޮޑީ އަމިއްލަ ވަޒަނުގައި!

އޮކްޓޫބަރު 2، 2015: އެމެރިކާގެ އޮރިގަންގެ ރަށްފުށު ހިސާބެއްގައި ހުރި ކޮލެޖަކަށް މީހަކު ބަޑިން ހަމަލާދީ ނުވަ މީހުން މަރާލި ހާދިސާގައި ސަލާމަތްވި ބައެއް ދަރިވަރުން ބެލެނިވެރިންނާއެކު -- ފޮޓޯ/ އޭޕީ

ބަރަކް އޮބާމާ، 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، "ބަޑީގެ ހަމަލާތަކުގައި އެގައުމުގައި މީހުން މަރަމުންދާ ހާދިސާތަކާ ގުޅިގެން 15 ފަހަރެއްގެ މަތިން ވާހަކަފުޅުދައްކަވަން ޖެހިވަޑައިގެންފައި" ވެއެެވެ. އެގޮތުން އެންމެ ފަހުން ހިނގި އެފަދަ ހާދިސާއަކީ، ބުރާސްފަތި ދުވަހު އެމެރިކާގެ އޮރިގަންގެ ރަށްފުށު ހިސާބެއްގައި ހުރި ކޮލެޖަކަށް މީހަކު ބަޑިން ހަމަލާދީ ނުވަ މީހުން މަރާލި ހާދިސާގެ ވާހަކައެވެ. އެ ހާދިސާއާ ގުޅިގެން އޮބާމާ ވާހަކަފުޅު ދައްކަވާފައި ވަނީ، ހިތާމަކުރައްވާ ހާލުގައި ވަރަށް ބޮޑަށް ކޯފާވެ ހުންނަވައިގެން ނެވެ.

ބަޑި ޖެހުމުގެ ހާދިސާއެއްގައި އެމެރިކާގައި 9 މީހަކު މަރާލި ހާދިސާއާ ގުޅިގެން ރައީސް ބަރަކް އޮބާމާ، ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަލް ޖަޒީރާ

އޮރިގަންގެ ރޯޒްބާގް ނަމަކަށް ކިޔާ އަވަށުގައިވާ އުމްޕްކުއާ ކޮމިއުނިޓީ ކޮލެޖްގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި 10 މީހުން މަރުވެ، ހަތް މީހުން ޒަޚަމްވި އެވެ. އެއީ ހަމަލާދިން މީހާއާވެސް އެކުއެވެ.

ވަރަށް ބޮޑަށް މާޔޫސްވެ ހުންނަވައިގެން ބަޑިޖެހުމުގެ ހާދިސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ "މިފަދަ ޚަބަރުތައް މިހާރު މިވަނީ އާންމު ވެފައި" ކަމަށެވެ. އަދި ޕޯޑިއަމްގައި އެމަނިކުފާނު އެކަމާގުޅޭ ގޮތުން ވަހަކަދެއްކެވީމަ އެހިސާބުން އެކަން ނިމުނީ ކަމަށާއި ކަމާގުޅޭ ފަރާތްތަކުން އެކަމާ ދޭތެރޭގައި ފަހުން ނުވިސްނާ ކަމަށް އޮބާމާ ވިދާޅުވިއެވެ.

އޮކްޓޫބަރު 2، 2015: އެމެރިކާގެ އޮރިގަންގެ ރަށްފުށު ހިސާބެއްގައި ހުރި ކޮލެޖަކަށް މީހަކު ބަޑިން ހަމަލާދީ ނުވަ މީހުން މަރާލި ހާދިސާގެ ތެރޭން -- ފޮޓޯ/ އޭޕީ

އެމެރިކާގައި އާންމުން ބަޑި ގެންގުޅުމަށް ހުއްދަ ދިނުމުގައި މިހާރު އަމަލުކުރަމުންދާ ގޮތް އަލުން މުރާޖައާކުރުމަށް މީގެ ކުރިންވެސް އޮބާމާ ވަނީ ގޮވައިލައްވަވާފައެވެ. އެހެން ނަމަވެސް ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް، އިދިކޮޅު ރިޕަބްލިކަނުންގެ މެޖޯރިޓީ އޮންނަ ކޮންގްރެސްއިން އެއްބާރުލުން ނުދެއްވާތީ އޮބާމާ ވަނީ އެފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހިތުގައި އުފެދިފައިވާ އުދާސްތައް ބޭރުކުރެއްވި އެވެ.

"ހަމައެކަނި އެފަރާތްތަކަށް ހެޔޮ ދުއާކުރުމަކުން ނުފުދޭ،" އޮބާމާ ވިދާޅުވިއެވެ. "މިކަމުގައި އަހަރެމެންނަށް ކަންތަތަކެއް ކުރެވިދާނެ. އެކަމަކު އަހަރެމެން ޖެހެނީ ގާނޫނަށް ބަދަލުގެންނަން."

އޮބާމާ ވިދާޅުވީ، ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުން އެއީ އެމަނިކުފާނު އަމިއްލަފުޅަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ގޮތުން ހައްލުކުރަން ޖެހޭ ކަމެއް ކަމަށެވެ.

"މިކަމުގައި އަޅުގަނޑު ބޭނުންވޭ، އަޅުގަނޑާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ، ކޮންގްރެސް އަކާއި، ގާނޫނު ހަދާމީހުންނާއި ގަވަރުނަކުން ފަދަ ފަރާތްތައް،" މީހަކަށް ހަމަލާދޭން ބޭނުންވާ ކޮންމެ މީހަކަށް ފަސޭހަކަމާއެކު ބަޑި ލިބޭނޭގޮތަށް އޮތުން ނިމުމަކަށް ގެންނަން ޖެހޭކަން ފާހަގަކުރައްވައި އޮބާމާ ވިދާޅުވިއެވެ.

އެމެރިކާގެ ސްކޫލްތަކުގައި ބަޑި ޖެހުމުގެ ހާދިސާތައް އިތުރުވެ އެކަން އެގައުމުގެ ރައްޔިތުންނަށް މިހާރުވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. އެގޮތުން 2012 ވަނަ އަހަރު ނިއުޓައުންގެ ސޭންޑީ ހޫކް އެލިމެންޓަރީ ސްކޫލްގައި ހިނގި ބަޑިޖެހުމުގެ ނުރައްކާތެރި ހާދިސާގައި 26 މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި 20 ކުޑަކުދީން ހިމެނެ އެވެ. މިފަދަ ބިރުވެރި ހާދިސާ ތަކާ ގުޅިގެން ވޭތުވެ ދިޔަ އަހަރު ތަކުގައި އެމެރިކާގެ ކިޔަވައިދޭ ގިނަ ތަންތަނުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެފަރާތްތަކަށް ވަނީ މަޖުބޫރު ވެފައެވެ.

އޮކްޓޫބަރު 2، 2015: އެމެރިކާގެ އޮރިގަންގެ ރަށްފުށު ހިސާބެއްގައި ހުރި ކޮލެޖަކަށް މީހަކު ބަޑިން ހަމަލާދީ ނުވަ މީހުން މަރާލި ހާދިސާގެ ތެރޭން -- ފޮޓޯ/ އޭޕީ

ބަޑި ގެންގުޅުން ކޮންޓްރޯލު ކުރުމުގެ އިސްލާހެއް އޮބާމާގެ ސަރުކާރުން ކޮންގްރެސް އަށް ހުށަހެޅި އެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން މައުނަވީ އިސްލާހެއް އަންނާނެ ކަމުގައި އުންމީދުގައި ތިބި ރައްޔިތުންނަށް އޭގެ ހަތަރު މަސް ފަހުން ލިބުނީ އިތުރު ހިތް ނުތަނަވަސް ކަމެކެވެ. އޮންލައިން ކޮންނާއި ފިހާރަތަކުން ބަޑި ގަންނަ ފަރާތްތަކަށް ބަޑި ވިއްކުމުގެ ކުރީން އެފަރާތްތަކުގެ ކުށުގެ ރެކޯޑް ބެލުމާއި، އެފަދަ މީހުންނަކީ ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރު ބަލަން ޓެސްޓް ހަދަން މަޖްބޫރުކުރުވާ ގޮތަށް އޮތް އިސްލާހު ކޮންގްރެސްއިން ބޭރުކޮށްލިއެވެ. އެއީ އޮބާމާއަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވަމުންނެވެ.

މޮޅިވެރިކަމާއެކު ހުންނަވައި އޮބާމާ ދެއްވި 12 ވަރަކަށް މިނިޓްގެ ސްޓޭޓްމަންޓް ނިންމަވައިލެއްވި އިރުވެސް ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމުގެ ސިޔާސަތައް ދެން އަމަލުކުރައްވަން ގަސްދުކުރައްވަނީ ކިހިނެއްކަން އޮބާމާ ވިދާޅެއް ނުވެއެވެ. އެހެން ކަމުން 2017 ވަނަ އަހަރުގެ ޖެނުއަރީގައި ވައިޓްހައުސް ދޫކުރައްވައި އޮބާމާ ވަޑައިގަންނަވާއިރު ވެސް ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް އޭނާ ކުރައްވާ މަސައްކަތްޕުޅު ކާމިޔާބު ވެދާނޭ ކަމަށް ގިނަ ބަޔަކު ނުދެކެއެވެ.

އެންމެ ފަހުން އޮބާމާ ވަނީ އެގައުމުގެ މީޑިއާތަކުގެ އެހީއަށް ވެސް އެދިވަޑައިގެންފައެވެ. ޓެރަރިސްޓް ހަމަލާތަކުގައި މަރުވި އެމެރިކާ މީހުންގެ އަދަދާއި ބަޑިގެ ހަމަލާތަކުގައި އެމެރިކާގައި މަރާލެވުނު މީހުންގެ އަދަދުތައް އަޅައި ކިޔުމަށް މީޑިއާ ތަކަށް އޮބާމާ ގޮވައިލެއްވި އެވެ.

އެމެރިކާގައި ބަޑީގެ ހަމަލާތަކުގައި މަރުވާ މީހުންނާއި ޓެރަރިސްޓް ހަމަލާތަކުގައި މަރުވާ މީހުން އެނގޭ ގޮތަށް ސީއެންއެންއިން ތައްޔާރުކޮށްގައިވާ ގްރާފެއް --

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައި ވާގޮތުން، 2004 އިން 2013އަށް ބަޑީގެ ހަމަލާތަކުގައި އެގައުމުގައި މަރުވި މީހުންގެ އަދަދު 316,545 އަށް އަރައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ހަވަލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައި ވާގޮތުގައި، 2004 އިން 2013އާ ދެމެދު އެމެރިކާއިން ބޭރުގައި ޓެރަރިޒަމް ހަމަލާތަކުގައި މަރުވެފައިވާ އެގައުމުގެ ރައްޔިތުންގެ އަދަދަކީ 277 އެވެ. އަދި ހަމަ އެއާއެކު އެމެރިކާގައި ހިނގާފައިވާ ޓެރަރިސްޓް ހާދިސާތަކުގައި މަރުވެފައިވާ އެގައުމުގެ ރައްޔިތުންގެ އަދަދަކީ 36 އެވެ. އެހެންކަމުން 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކުގައި މަރުވެފައިވާ އެމެރިކާ ރައްޔިތުންގެ އަދަދު އަރަނީ 313 އަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެންމެ ބޮޑަށް ތަރައްގީ ވެފައިވާ ގައުމު ތަކުގެ ތެރޭން އެންމެ ގިނައިން އާންމުން ބަޑި ގެންގުޅޭ ގައުމަކީ އެމެރިކާއެވެ. އެގޮތުން ކޮންމެ 100 މީހުންގެ ތެރޭން 89 މީހުން ބަޑި ގެންގުޅޭ ކަމަށް ވެއެވެ. އެއީ ފުލުހުންނާއި އަސްކަރީ މީހުން ނުހިމަނައެވެ.

ބަޑީގެ ބިރުވެރި ހަމަލާތަކުން އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމަށް ހިންގާ ބްރެޑީ ކެމްޕޭންގެ ހޯދުންތަކުން ދައްކާ ގޮތުގައި، 2009 އަކުން 2013އަށް އެމެރިކާގައި ބަޑީގެ ތަފާތު ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު އަހަރެއްގެ ތެރޭގައި 32،000އަށް އަރައެވެ. އޭގެ ތެރޭގައި އަހަރަކު ގާތްގަނޑަކަށް 20،000 ވަރަކަށް މީހުންނަކީ އަމިއްލައަށް މަރުވާ މީހުންނެވެ.

އޮކްޓޫބަރު 2، 2015: އެމެރިކާގެ އޮރިގަންގެ ރަށްފުށު ހިސާބެއްގައި ހުރި ކޮލެޖަކަށް މީހަކު ބަޑިން ހަމަލާދީ ނުވަ މީހުން މަރާލި ހާދިސާގެ ތެރޭން -- ފޮޓޯ/ އޭޕީ

ބަޑީގެ ބިރުވެރިންކަން އެމެރިކާ ރައްޔިތުން ހިތްތަކުގައި އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާއިރު، ރައީސް އޮބާމާ ވަނީ، ސިޔާސީ ފަރާތްތަކުގެ އިތުރުން މި ބިރުވެރިކަމުން އަރައިގަތުމަށް އާންމުންގެ އެއްބާރުލުމަށް ވެސް އެދިވަޑައިގެންފައެވެ.

އެގޮތުން މައިން ކާރިސާއެއްގައި އެމެރިކާ މީހުންތަކެއް މަރުވެއްޖިއްޔާ، އެތަނަކުން މައިން ސާފުކުރުމަށް މަސައްކަތް ކުރާ ކަމަށާއި، ފެންބޮޑުވުމާއި ތޫފާނުގެ ސަބަބުން އެމެރިކާ ރައްޔިތުން މަރުވާނަމަ، އެ ސަރަހައްދެއްގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަން މިސާލު ޖައްސަވަމުން އޮބާމާ ވިޑާޅުވި އެވެ.

"މަގުތައް ހަލާކުވުމުން އަހަރެމެން މަގުތައް މަރާމާތުކުރަން. ދުއްވާ އުޅަނދުތަކުން އެކްސިޑެންޓް ތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް، ސީޓް ބެލްޓް އަޅަން ޖެހޭގޮތަށް ގާނޫނުގައިވޭ، އެއީ އަހަރެމެންނަށް އެނގޭ އޭގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތްވާކަން،" އޮބާމާ ވިދާޅުވި އެވެ.

ދުނިޔޭގެ ސުޕަ ޕަވަރުގެ ގޮތުގައި އޮތް އެމެރިކާއިން ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް އިންތިހާއަށް ނުފޫޒު ފޯރުވަމުން ދިޔަ ނަމަވެސް، ދާޚިލީ މައްސަލަތައް ހައްލުކުރުމުގައި އެމެރިކާ މިވަނީ ހަމަ ރަނގަޅަށް ވެސް މާޔޫސްވެ ގޮތް ހުސްވާ ހިސާބުގައި ކަން ބަރަކް އޮބާމާގެ ވާހަކަފުޅުން ދޭހަވެއެވެ. އެމެރިކާ ކިތަންމެ ބާރުގަދަ ނަމެވެސް އެމެރިކާގެ ރައްޔިތުން އެގައުމުގައި ދިރިއުޅެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

comment ކޮމެންޓް