ކުދިން ބަލަން ގޭގައި އިނުމުން ކައިވެންޏަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެތަ؟

24 ގަޑިއިރު ކުދިން ބަލަން ގޭގައި އަނބިމީހާ ހުންނަންޖެހުމުން އޭގެ ނޭދެވޭ އަސަރު ކައިވެންޏަށް ކޮށްފާނެ ބާވައެވެ. ތިރީގައި މިވަނީ އެކަމުގެ ސަބަބުން ކައިވެނި ރޫޅޭވަރު ވެފައިތިބި ދެމަފިރިއެއްގެ ހަގީގީ ވާހަކަ އެވެ. ސައިކިއޭޓްރިސްޓް އަދި މެރިޓަލް ތެރަޕިސްޓް ޑރ. ރޮނީ ފުޗްސް ގެ ކޭސްފައިލަކުން ނަގައި، މީޑިޔާ އާއި ހިއްސާކޮށްފައިވާ އިންޓަވިއުތަކާއި މައުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

ތިރީގައި މިވާ ލިޔުމުގައި ވަނީ މީހުންގެ ނަންތަކާއި ބައެއް އެހެން ކަންކަން ބަދަލުކުރެވިފައެވެ. މި ވާހަކަ ގެނެވިގެންދާނީ "މަރީ"، "އަލީ"، އަދި އޭގެ ފަހުން ޑރ. ރޮނީ ގެ ނަޒަރުންނެވެ.

މަރީ:

އަހަރެން އަބަދުވެސް ހީކުރީ އަހަރެން ވަޒީފާ ދޫކޮށް ގޭގައި ކުދިންބަލަން ހުންނަން ބޭނުންވާނެ ކަމަށް. އެކަމު އަހަރެން ހިޔެއް ނުކުރަން މިއީ އެހާ ވަރުބަލި ވާނެ ކަމެއް ކަމަށް. އެކަނިވެރިކަމުގެ އިހުސާސު ކުރެވޭނެ މިންވަރު. އެކުގައި އޮފީހުގައި އުޅުނު ރައްޓެހިންގެ މަތިން ހަނދާންވާނެ މިންވަރު. އަދި ރަނގަޅަށް ވަޒީފާ އަދާކުރެވުމުން އެކަން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ބުނާ ބަސްކޮޅުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމުގެ މިންވަރު. އަހަރެން މިކަމާ އެއްބަސްވާކަށް ބޭނުމެއް ނުވޭ، އެކަމަކު އަހަރެން ފިރިމީހާ ވަޒީފާ އަށް ގޮސްއުޅޭތީ އެކަމާ ހަސަދަވެރިވަން. އަހަރެން ވަޒީފާ ދޫކޮށްލި ހިސާބުން ފެށިގެން ކައިވެންޏަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ.

އަލީ އަކަށް ނުވިސްނޭ އަހަރެން އަބަދު ވަރުބަލިވެ، ހިތްހަމަނުޖެހި، ސްޓްރެސް ވެފަ ހުންނަ ސަބަބެއް. އޭނަ ބުނަނީ އަހަރެން މާ ކަންތައް ބޮޑު ކޮށްލަނީ އޭ. އަދި އަހަރެން އަހަރުމެންގެ ދެ ކުދިން ބަލަން ގޭގައި ހުރުން އެއީ އެދެކުދިންނަށް އެންމެ ފައިދާހުރި ގޮތް ކަމަށްފެނި ދެމީހުން އެއްބަސްވި އެއްބަސްވުމުގެ މަތިން ހަނދާންކޮށްދޭ. އެކަމަކު އަލީ އަށް ހީވަނީ އެކުދިން ބެލުމަކީ 24 ގަޑިއިރު ހަމައެކަނި އަހަރެންގެ ޒިންމާ އެއް ކަމަށް.

އަހަންނާ އަލީ ދިމާވީ ކޮލެޖުން. ދެމީހުންވެސް މާސްޓާޒް ހަދަންއުޅުމުގެ ތެރޭގަ. އޭނަގެ ވިސްނުން ތޫނު ކަމާ ސަކަ މިޒާޖުގެ ސަބަބުން އަހަންނަށް އޭނަ ވަރަށް ކަމުދިޔަ. އަހަރުމެން ދެމީހުން ދެމެދުގަ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި. ދެމީހުންގެ ވެސް އާއިލާ އެހާ ބޮޑު. އަދި ދެމީހުންވެސް އެކި ތަންތަނަށް ދަތުރުކުރަން އެހާ ޝައުގުވެރިކަން ހުރޭ.

ކައިވެންޏަށް ތިން އަހަރަށްފަހު އަހަރެން ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވި. އަހަރުމެން އުޅުނު ކުޑަކުޑަ އެޕާޓްމަންޓުން ނިކުމެ އެއަށްވުރެ ބޮޑު ތަނަކަށް ބަދަލުވިން. އަލަތު މަންމައެއްގެ ހައިސިއްޔަތުން އަހަރެންގެ ދުވަސްތައް ދިޔައީ ދަރިފުޅަށް ގާތުން ކިރު ދިނުމާއި، ނެޕީ ބަދަލުކުރުމާއި، އެއްޗިހި ދޮވުމާއި، ގޭތެރެ ސާފުކުރުމުގެ ތެރޭ. އަހަރެން ހުރީ ވަރަށް ހާސްވެފަ. އަދި އާއިލާގެ އެއްވެސް މީހެން ނޫނީ ރަހުމަތްތެރިއެއް ނެތުމުން ގޮތްހުސްވެފަ.

އަހަރެންގެ ވަޒީފާ އާ ނުލާ އަހަރެން ކުރާނެ ކަމެއް ނޭނގުނު. އެ އިހުސާސް އަހަންނަށް އަދިވެސް ކުރެވޭ. އަހަރެން ވަރަށް ހަނދާންވޭ ކޮންމެ ދުވަހަކު އޮފީހަށް ދާން ތައްޔާރު ވުމާ، ބައްދަލުވުންތަކަށް ދިޔުމާ، އަހަންނާ އެއް އުމުރުގެ މީހުންނާ އެކީ އުޅުމާ، ވަޒީފާ އަދާކުރުމާ، ރަނގަޅަށް ވަޒީފާ އަދާކުރެވުމުން އެ ލިބޭ ހިތްހަމަޖެހުމާ، އަދި ޝައްކެއްވެސް ނެތް ގޮތުގައި – ލިބޭ މުސާރަ. އަހަރެންގެ ދަރިންނަކީ އަހަރެންގެ ލޮލުގެ ނޫރު. އެކަމަކު އަހަރެންބޭނުންވޭ އަހަރެންގެ ސިކުނޑި ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ހިތްހަމަޖެހުން ލިބިގަންނަން.

ކޮންމެ ރެޔަކު އަހަރެން ހުންނަނީ ވަރުބަލިވެގެންގޮސް ވެއްޓެން ކައިރިވެފަ. އަހަންނަށް ލުއި ވާ ވަރުގެ އެއްވެސް އެހީ އެއް ނުލިބޭ. އަލީ އަހަރުމެންނަށް ދެވަނަ ކުއްޖެއް ލިބުނު ފަހުން ކުރިއަށްވުރެ ބޮޑަށް އެހީވޭ. އެކަމަކު އަހަންނަކަށް އަސްލު އަރާމު ކޮށްލާނެ ވަގުތެއް ނުލިބޭ. އަލީ އަހަރުމެންގެ ދޮށީ ދަރިފުޅު އަހުމަދު ދެކެ ކިތަންމެ ލޯތްބެއް ވިޔަސް އެހާ ގިނައިރު އޭނަ އާ އެއްކޮށް ވަގުތު ހޭދަކުރާކަށް ބޭނުމެއް ނުވޭ. އަހުމަދު ތުއްތު އިރު އަހަރެން ދާން އުޅޭ އިރަށް ރޮއެ ހަޅޭއް ލަވަން ފައްޓާނެ. އަލީ ބިރުގަނޭ އަހުމަދު ހަމައަކަށް ނޭޅެންޏާ ރުޅި ގަދަ ކުރެވިދާނެތީ.

އަހަރުމެން ދެމެދުގަ ކިތަންމެ މައްސަލަ ގޯސްވެފަ އޮތް ނަމަވެސް ދެމީހުންވެސް އިތުރު ކުއްޖަކު ހޯދަން ބޭނުންވި. އެގޮތުން ދެވަނަ ދަރިފުޅު އައިޝާ ލިބުމުން ދެމީހުންވެސް ވަރަށް އުފާވި. އަހަރެން ކިތަންމެ ވަޒީފާ އަކަށް ދާން ބޭނުންވިޔަސް އަހަރެން ނިންމީ ކުދިން ތަންކޮޅެއް ބޮޑުވެ ސުކޫލަށް ދާން ފަށަަންދެން ގޭގަ އެކުދިން ބަލަން އިންނަން.

އަހަރުމެން ތިބީ އިތުރު ކުއްޖެއް ލިބުމުން އަހަރުމެންގެ ކައިވެންޏަށް ކޮށްފާނެ އަސަރަކަށް ތައްޔާރުވެގެންނެއް ނޫން. އަދި ކުރަންޖެހޭނެ އިތުރު މަސައްކަތަކަށް ވެސް ތައްޔާރު ވެގެންނެއް ނޫން. އަހަރުމެން ދެމެދުގައި ކޮންމެ ދުވަހަކުހެން ކުދިން ބަލައި ބޮޑު ކުރަންވީ ގޮތާއި މެދު ޒުވާބުތައް ހިނގާ. އަލީ ދެކެނީ އަހަރެން މާ ހަރުކަށިވަނީއޭ. އަހަރެން ދެކެނީ އަލީ މާ ކަންފަސޭހަ ކޮށްލަނީ އޭ. ބާޒާރުކުރުން ކަހަލަ ކަންކަން ކުރަން އެކުދިން އަލީ އާ ހަވާލުކޮށްފަ ގޮސްފި ނަމަ އޭނަ ހަދާ ގޮތަކީ އެމީހުންނާ އެއްކޮށް ކުޅެ ހެދުމުގެ ބަދަލުގައި ޓީވީ ހުޅުވާފަ އެދެކުދިން ޓީވީ ކުރިމަތީ ބައިތިއްބަނީ.

ފައިސާ އަކީ ދެމީހުން ދެމެދުގަ މައްސަލަ ޖެހޭ އަނެއް ކަންތައް. އެކަކަށް ލިބޭ މުސާރައިން ފުއްދުމުގެ ގޮތުން އަހަރެން އެއްވެސް ބޭކާރު ހަރަދެއް ނުކުރަން. އަމިއްލަ މީހާ އަށް ކުރާ ހަމައެކަނި ހަރަދަކީ ކޮންމެ ހަފްތާ އަކު ތެރަޕިސްޓެއް ކައިރިއަށް ދިއުން. އަހަރެންގެ ބައްޕަ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް އަދި މަންމަ އަކީ އެހާ ލޯބި ފާޅުކުރާ މީހެއް ނޫން. ތެރަޕިސްޓު ކައިރިއަށް ދަނީ އެމީހުންނާއެކު އުޅެބޮޑުވުގެ ތެރޭގައި ކޮށްފަ ހުރި ނަފްސާނީ އަސަރުތަކަށް ފަރުވާ ހޯދަން. އަލީ ބުނަނީ ތެރަޕިސްޓަކަށް ދިޔުން އެއީ ބޭކާރު ހަރަދެކޭ، އެކަމަކު އަގުބޮޑެތި ފޯނު އެއްޗިހި ގަންނާކަށް ފަހެއް ނުޖެހޭ.

އަހަރުމެންގެ ދެމެދުގަ ހިނގާ ދެބަސްވުންތައް އަހަންނަށް ސިފަކުރެވެނީ އަލިފާންގަނޑެއްހެން. އެހާ އަވަހަށް ފަށަނީ، އަދި އެހާ އަވަހަށް ކޮންޓްރޯލުން ނައްޓައިގެންދަނީ. އެއްފަހަރު އަހުމަދު ރޯގާ ޖެހިގެން އުޅުނު ދުވަސްކޮޅަކު ތެރަޕީ ސެޝަނަކަށް ދިޔައިމަ އަލީ އަހަންނާ ދިމާލަށް ބުނި އަހަރެން މީ ވަރަށް ގޯސް މަންމައެކޭ. އެއީ އަހަރެން މުޅި ހަޔާތުގަވެސް މީހަކު އަހަންނާ ދިމާލައް އެއްޗެކޭ ބުނެގެން އަހަރެން އެންމެ ދެރަވި ދުވަސް. އަހަރެން ވަކި ރަނގަޅެއް ނޫން. ކުރީ ހަފްތާއަކު ދެމީހުން ޒުވާބު ކުރަމުން ގޮސް އަލީ އާ ދިމާލަށް ޓީވީ ރިމޯޓުވެސް އެއްލުނު. ބައެއްފަހަރު އަހަރުމެން ތިބެން އެތައް ދުވަހެއް ވަންދެން އެކަކު އަނެކަކާ ވާހަކަ ނުދައްކާ. އަހަރެން ހަނދާނަކަށް ނާދޭ އެންމެ ފަހުން އަހަރުމެން އަނބިފިރިކަމުގެ ގުޅުން ހިންގި ދުވަހެއް ވެސް.

އަލީ:

މަރީ އެ ދެއްކީ ރަނގަޅު ވާހަކައެއް. އަހަރުމެން ދެމީހުން ދެމެދު މައްސަލަ އުފެދެން ފެށީ މަރީ ވަޒީފާ ދޫކޮށް ކުދިންބަލަން ގޭގަ އިންނަން ފެށި ފަހުން. އެއީ އަހަރުމެންގެ ކުދިންނަށް ވަރަށް ފައިދާ ހުރި ގޮތެއް. އެކަމަކު އަހަރުމެންގެ ކައިވެންޏަށް އޭގެ ނުރަނގަޅު އަސަރު ކުރި ކަމެއް.

އަހަރެން އަންހެނުން ވަޒީފާގަ އުޅުނުއިރު އޭނަ ހުންނަނީ ވަރަށް އުފާވެފަ. އަދި މަޖާ ކަންކަން ކުރުމަށް ވަރަށް ފޯރި ހުރޭ. މިހާރު އެކަމަކު އޭނަ ކަންކަމާ ވަރަށް ފާޑު ކިޔާ. ހީވަނީ އޭނަ އަށް ހެން އެންމެ ރަނގަޅަށް ހުރިހާ ކަމެއް އިނގެނީ. ހުންނަނީ ޒުވާބު ކުރަން ތައްޔާރަށް. އޭނަ އަށް ހީވަނީ އޭނަ އަށް ހެން ކުދިން ބެލުމާ ސިޔާސީ ކަންކަން އެންމެ ރަނގަޅަށް އިނގެނީ. އަހަރެން ކުޑަ ކުޑަ ކަމަކާ ވެސް އޭނަޔާ ހިޔާލު ތަފާތުކަން ފާޅު ކުރާ ހިސާބުން ހަޅޭއް ލަވައި އެއްޗިހި ކިޔަން ފަށާ. ކޮންމެ ގޮތެއް ވިޔަސް އަހަރެން އަމިއްލަ ނަފްސުގެ ދިފާއުގަ ވާހަކަދައްކަން ޖެހޭނެތާ. މިހާރަކަށް އައިސް ކުދިން ކުރިމަތީވެސް ޒުވާބު ކުރެވޭ. އަހަންނަށް އިނގޭ އެއީ ރަނގަޅު ކަމެއް ނޫންކަން.

އަހަރުމެންގެ ކައިވެނި ފުރަތަމަކޮޅު ވަރަށް އުފާވެރި. އެކަމަކު ދަރިން ލިބުނު ހިސާބުން ހުރިހާ ކަމެއް ބަދަލުވި. އަހަރެން ގަބޫލުކުރަން އަހަރެންމީ ދުނިޔޭގެ އެންމެ ރަނގަޅު ބައްޕަ އެއް ނޫން ކަން. އަހަންނަށް ހީވަނީ އެއީ އަހަރެންގެ ބައްޕަ ގޮތަށް ކަންތައް ކުރެވިދާނެކަމުގެ ބިރު ހީވާތީ ހެން. އަހަރެންގެ ބައްޕަ ވަރަށް ރުޅިގަދަ ވާނެ. އަދި އަހަރުމެންދެކެ ރުޅިއައިއްސިއްޔާ ބެލްޓުން ތަޅައި އަނިޔާ ކުރާނެ.

އަހަރެންވެސް ބައްޕަ ފަދައިން ރުޅިގަދަ. ކުދިން ރޮއެ ހަޅޭއް ލަވަން ފެށީމަ އަހަންނަށް ވަރަށް އުނދަގޫ ރުޅިމަޑުކުރަން. އެމީހުން ވަރަށް ގިނައިން ރޮއެ ހަޅޭއް ލަވާ. އެހެންވެ އަހަރެން އެހާ ދުރުދުރުން އުޅެނީ. އަހަރެން އެކުދިންދެކެ ވަރަށް ލޯބިވޭ. އަދި ދުވަހަކުވެސް އަތެއް އިހެއް ނުކުރާނަން. އެކަމަކު ވަރަށް އުނދަގޫ އެމީހުންނާ ދިމާލަށް ހަޅޭއް ނުލަވާ ހުންނަން. ހަޅޭއް ލެވުމަކީވެސް އެކުދިންނަށް އެހާ ނޭދެވޭ އަސަރު ކުރާނެ ކަމެއް. އަހަރެން އަހުމަދު ދެކެ ވަރަށް ލޯބިވޭ. އެކަމަކު އޭނަ ގެންގުޅެން ވަރަށް އުނދަގޫ. އަދި އޭނަ ބޭނުމެއް ނުވޭ އަހަންނާ އެއްކޮށް އުޅޭކަށް. އޭނަ އާ އެއްކޮށް އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން އުޅޭ އިރަށް އޭނަ ގެ މަންމަ އަށް ގޮވަން ފަށާނެ. އަހުމަދު ހަމައެކަނި އަހަންނާއެކު ވަގުތު ހޭދަކުރަން ބޭނުން ވާހެން ހީވަނީ ހެނދުނު ކާޓޫން ބަލާ ގަޑީ. އެއީ މަރީ ވަރަށް ރުޅި އަންނަ ކަމެއް. ކުޑަކޮށް ޓީވީ ބަލާލިއޭ ކިޔާފަ އޭނަގެ ސިކުނޑި ހަލާކުވާނީކީ އެއް ނޫނެއްނު! އަހަރެން އުންމީދުކުރަނީ ކުދިން ބޮޑުވީމަ މިހާރަށް ވުރެ ރަނގަޅު ގުޅުމެއް އަހަންނާ އެކު އޮންނާނެ ކަމައް. އެކަމު އަހަންނަށް ހީވަނީ އަހުމަދު އަބަދުވެސް އަހަންނަށްވުރެ ގާތް ވާނީ އޭނަގެ މަންމަ އާ ހެން.

އަހަރެން ވަރަށް ރުޅިގަދަވޭ އަހަރެން ގެއަށް ދާއިރަށް މަރީ އޭނަ ވަރުބަލި ވާ ވާހަކަ އާ އުޅޭލެއް ބުރަ ކަމުގެ ވާހަކަ ދައްކާ ޝަކުވާ ކުރަން ފަށާތީ. އަހަރެންވެސް ގެއަށް އަންނަ އިރު ހުންނަނީ ނުލާހިކު ވަރުބަލިވެފަ. އޭނަ އަށް ހީވަނީ އޭނަ ގޭގަ ބުރަކޮށް އުޅޭ އިރު އަހަރެން އޮފީހަށް ގޮސް މަޖާ ކޮށްކޮށްފައޭ އަންނަނީ. އަހަންނަށް އޭނަ އެ ވިސްނާ ގޮތް އެއްގޮތަކަށްވެސް ކަމަކު ނުދޭ. އެއީ އަހަރެން އޭނަ ތެރަޕިސްޓު ކައިރިއަށް ދާން ހިންހަމަ ނުޖެހޭ އެއް ސަބަބު. ތެރަޕީ އަށް ދާ ހަރަދު އެއްފަރާތް ކޮށްލުމަށް ފަހު ބުނާނަމަ އަހަންނަކަށް ހިޔެއް ނުވޭ އެކަމަކުން އޭނަ އަށް މާ ބޮޑު ފައިދާ އެއް ކުރާ ހެނެއް.

އަހަރެން ބޭނުމެއް ނޫން ދިރިއުޅުމުގެ ބާކީ އޮތް ހުރިހާ ދުވަހެއް އަހަރެންގެ އަންހެނުންނާ ޒުވާބު ކުރުމުގެތެރޭގަ ނިމިގެންދާން. އެކަމަކު އަހަރެން އޭނަގެ ޝަކުވާތައް އަޑު އަހާ އަހާ ވަރުބަލިވެއްޖެ. ކައުންސަލިންގް ގެ ސަބަބުން އަހަރުމެންގެ ދެމެދުގައި ކުރިން އޮތް ލޯބި އަނބުރާ އައުމުގެ ފުރަސަތެއް އޮތަނަމަ އަހަރެން މިހިރީ މިކަން ކުރަން ތައްޔާރަށް.

ޑރ. ރޮނީ:

ދަރިން ބަލަން ގޭގައި އިނުމަކީ ވަޒީފާ އަށް ދާ އަންހެނެއްގެ ދުނިޔެ އެއްފުށުން އަނެއްފުށަށް ޖެހޭ ވަރު ކަމެއް. ކުއްލިއަކަށް އޭނާ އެކަނިވެ ދަރިފުޅުގެ ހުރިހާ ކަމަކާ ހަވާލުވެގެން މި ހުންނަން ޖެހެނީ. އޭނާ އާ އެއްކޮށް އޮފީހުގައި މަސައްކަތްކުރި ރަހުމަތްތެރިން މަތިން ހަނދާންވެ، މުސާރަ ލިބުމުން އެ ލިބޭ ހިތްހަމަޖެހުން މަތިން ހަނދާން ވާނެ. މަންމަ އަކަށް ވުމަކީ އޭނާ އަށް އެހާ ރަނގަޅަށް ކުރެވޭ ކަމެއް ނޫން ކަމަށް ހީވެދާނެ. އަދި ފިރިމީހާ ވަޒީފާ އަށް ދާތީ އެކަމާ ހަސަދަވެރިވާން ފަށާފާނެ. މަރީ ވަޒީފާ އަދާކުރާ މީހެއްގެ ރޯލުން ގޭގައި ދަރިން ބަލަން އިންނަ މަންމަ އެއްގެ ރޯލަށް ބަދަލުވިއިރު ދިމާވި މައްސަލަތަކަކީ އެފަދަ ކަމަކުން އާންމުކޮށްވެސް ނިކުންނަ މައްސަލަ މައްސަލަ. އޭނާ އަށް އެހީތެރިވާނެ އާއިލާ މެމްބަރެއް ނޫނީ ރަހުމަތްތެރިއެއް ކައިރީގައި ނެތުމަކީ އޭނާގެ މާޔޫސްކަން އިތުރުވި ސަބަބު.

އަހަރެން ގަބޫލުކުރިން އެދެމަފިރިންނަށް އެއްކޮށް އުޅެވޭނެ އޭ. އެއީ ދެމީހުންވެސް ދެމީހުންނަށް ކުރެވޭ ނޭދެވޭ ކަންތައްތައް ފޮރުވަން ނޫޅެ ހާމަކުރި. އަދި ދެމީހުންދެމެދުގަ އޮތް ގުޅުން ރަނގަޅުކުރަން ބޭނުން ވާހަކަ ބުނި. ފުރަތަމަ އެމީހުންނަށް ޖެހުނީ ދެމީހުން މުއާސަލާތު ކުރާ ގޮތް ބަދަލު ކުރަން. މިކަން ވީ ދެމީހުންވެސް އުޅެބޮޑުވި ގޮތުގެ ސަބަބުން ބަދަލު ކުރަން އުނދަގޫ ކަމަކަށް. މަސްތުވާތަކެތި ބޭނުންކުރާ ބައްޕަ އަކާއި ލޯބި ފާޅުނުކުރާ މަންމައެއް ކައިރީ އުޅެބޮޑުވުމުގެ ސަބަބުން މަރީ އަކަށް އެއްވެސްވަރަކަށް އޭނާގެ އިހުސާސުތައް ހިއްސާކޮށް ރީތިކޮށް އެހީތެރިވުމަށް އެދޭކަށް ދަހެއް ނުވޭ. ޒުވާބުުކުރުމުގެެ ތެރޭގައި އަލީ އާ ދިމާލަށް ހާޅޭއްލަވައި އެއްޗިހި ކިޔުން އެއީ މަރީ އުޅެބޮޑުވިއިރު އޭނާގެ މައިންބަފައިން ކަންތައްކުރާތަން ފެނިފައިވާ ގޮތް.

އަނެއްކޮޅުން އަލީ އަށް ވަނީ އޭނަގެ ބައްޕަގެ ރުޅިގަދަކަން ލިބިފަ. އެކަމަކު ނަސީބަކުން އޭނަގެ ބައްޕަހެން އަތް އިސްކޮށެއް ނަހަދާ. އޭނަގެ މައިންބަފައިންގެ ފާޑުކިޔުންތައް އަޑުއަހާއަހާ މީހަކު އޭނައަށް ފާޑުކިޔާހެން ހީވިއަސް ރުޅިގަދަވޭ.

އަހަރެން އެދެމަފިރިންނަށް އިރުޝާދު ދިނީ ކޮންމެ ރެޔަކު 15 މިނިޓު ކަނޑައަޅަން ކޮންމެ ދުވަހަކު ދިމާވާ ހިތްހަމަނުޖެހޭ ކަންކަމުގެ ވާހަކަ ދައްކައި މަޝްވަރާކުރަން. އެއްޗިހިކިޔުމާ، ހަޅޭއްލެވުމާ، އެއްޗިހި އުކުމާ، އެކަކު އަނެކަކާ ވާހަކަ ނުދައްކައި ތިބުމާ، ކުދިން ކުރިމަތީ ޒުވާބުކުރުން ހުއްޓާލުުމަށް. އެތައް މަހެއް މަތިން ރީތިކޮށް ކަންކަން މަޝްވަރާ ކުރަން ދަސްކުރި.

އެއަށްފަހު އެމީހުންނަށް ޖެހުނީ ކުދިން ބެލުމުގެ ކަންތައް ކުރިއަށްވުރެ ހަމަހަމަ ނިޒާމެއްގެ ދަށުން ކުރިއަށްގެންދަން. އަލީގެ ވިސްނުން ހުރީ މަރީ އޭ ކޮންމެ ދުވަހަކު 24 ގަޑއިރު ކުދިން ބަލަން ހުންނާނީ. އެކަމަކު އަހަރެން ބުނިން އެއީ އަލީ ގެ ޒިންމާއޭ ރޭގަނޑުގެ ވަގުތުތަކުގައާ، ހަފްތާ ބަންދުތަކުގަ އާ، ޗުއްޓީ ތަކުގަ ކުދިންބެލުން. އެހެން ހެދުމުން މަރީ އަށް އަރާމު ކުރަން ވަގުތު ލިބި، އަލީ އާ ކުދިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ވެގެންދާނެ ކަމަށް ބުނިން. ރުޅިގަދަވީމަ ރުޅި މަޑުކުރަން ދެތިން މިނިޓު ވަންދެން އެހެން ތަނަކަށް ގޮސް ރުޅި ކޮންްޓްރޯލް ކުރަން އަލީ ދަސްކުރި. އަދި ރުޅި ކޮންޓްރޯލު ނުކުރެވިގެން ކުދިންނާ ދިމާލަށް ހާޅޭއް ލަވައިގަނެވިދާނެ ކަމަށް ހީވި ބިރު އެއްކޮށް ފިލައިގެން ދިޔަ.

އަލީ ކުދިންބަލާގޮތާ މެދު ހިތްހަމަނުޖެހި މަރީ އަބަދު ކިޔަމުންދިޔަ ފާޑުކިޔުންތަކަކީވެސް އަލީ އާ އޭނަގެ ކުދިން ދުރުވާން މެދުވެރިވި އެއް ސަބަބު. ކުދިން ބެލުމުގައި ކުރިއަށްވުރެ ބޮޑު ދައުރެއް ކުޅުވަން ބޭނުންނަމަ މަރީ އަށް ޖެހުނީ އަލީ ކުދިންބަލަން ގެންގުޅޭ އުސޫލު ގަބޫލު ކުރާން. މަޑުމަޑުން އަލީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑު ވި. އަދި މައިންބަފައިންގެ ޒުވާބު އަޑުއެހުމަށް ނުޖެހުމާ، އަލީ އާ އެއްކޮށް ވަގުތު ހޭދަކުރަން ފަސޭހަވުމުން ކުދިންގެ އަހުލާގުވެސް ރަނގަޅު ވާން ފެށި.

ދެން އެދެމަފިރިންނަށް ޖެހުނީ އެމީހުންގެ ހުސްވަގުތާއި ރައްކާ ކޮށްފައި ހުރި ފައިސާ ބޭނުން ކުރާނެ ގޮތަކާމެދު ސުލްހަވެރި ހައްލަކަށް އައުމަށް. އަލީ ބޭނުންވޭ ބޭރަށް އޭނަ ރަހުމަތްތެރިންނާ ބައްދަލު ކުރަންވެސް ދާން. ދެމީހުން އެއްބަސްވީ ހަފްތާ ބަންދުތެރޭ ވަގުތުކޮޅަކަށް އޭނަގެ ރަހުމަތްތެރިންނާ ބައްދަލުކުރަން ހޭދަކުރިޔަސް އާއިލާ އާ އެއްކޮށްވެސް ވަގުތު ހޭދަކުރަންވާނެކަމަށް.

ދެމަފިރިން އަތުގައި ހުރި ފައިސާ އަށް ބަލައި ނިންމީ ކޮންމެ މަހަކު ހުރިހާ ހަރަދަކާއި ރައްކާ ކުރަންބޭނުންވާ ފައިސާގެ އަދަދު ކަނޑާލައި ބާކީ ހުރި ފައިސާ ދެމީހުންގެ މެދުގަ ހަމަހަމައަށް ބަހާލަން. އަދި އެ ފައިސާ އެމީހަކު ހިތްހަމަޖެހޭ ގޮތަކަށް ހަރަދުކުރަން.

އެ ދެމީހުންގެ މުޅި ދިރިއުޅުން އެނބުރެނީ ކުދިން ވަށާ. އެހެންވެ ދެމީހުންގެ ހަޔާތަށް ކޮންމެވެސް ގޮތަކުން "ރޮމޭންސް" އަލުން އަނބުރާ ގެންނަން އެބަ ޖެހޭ. އެހެންވެ އެމީހުން އިތުބާރު ކުރެވޭ މީހުން ކުދިންބަލަން ހަމަޖައްސައި ކޮންމެ ހުކުރު ދުވަހަކު އެއްޗެއް ކާލައި ހަދާލަން ބޭރަށް ދާން ފެށި. އަދި ހޮނިހިރު ދުވަހު މަރީ ޖިމް އަށް އަދި އަލީ އޭނާގެ ރަހުމަތްތެރިންނާ އެއްކޮށް ކޮފީ އަކަށް ގޮސްލަން ފެށި. މިކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގައިވާ ޖިންސީ ގުޅުން ވަރުގަދަވި.

އެއަށްފަހު އަހަރެން މަރީ އަށް ހިތްވަރުދިނިން އަމިއްލަ މީހާ އާ ދޭތެރޭ ވިސްނަންފަށްޓައި، ޝައުގުވެރިކަން ހުންނަ ކަންތައްތައް ކުރަންފަށްޓައި، އައު ރަހުމަތްތެރިން ހޯދަން ފައްޓަން. އޭނަ ޔޯގާ ކްލާހަކަށް ދާންފެށި އަދި އެތަނުން ދިމާވި ބައެއް މީހުނާ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވެ މިހާރު ބަރާބަރާށް އެމީހުންނާ ބައްދަލު ކުރޭ. އަދި ވަޒީފާ އަދާކުރިއިރު ލިބުނު ހިތްހަމަޖެހުން ލިބިގަތުމަށް ގޭގައި ހުރެގެން ޕާޓް-ޓައިމް ކޮށް ރީތިވާ ސާމާނު ވިއްކަން ފެށި. އޭނަ ބުނިގޮތުގަ އޭނަ އަމިއްލަ ނަފްސަށް އޮތް އިތުބާރު އަލުން ލިބުނު. އަދި ކުރާހިތްވާ ކަމެއްގައި މަސްއޫލުވެ އުޅޭތަން ފެނުން އެއީ އޭނާގެ ކުދިންނަށް އޭގެ ރަނގަޅު އަސަރު ކުރާނެހެން ހީވާ ކަމެއް ކަމުގައި ބުނި.

މަރީ އާއި އަލީ ދެ އަހަރުވަންދެން ކައުންސެލިންގް ހޯދުމަށްފަހު ކާމިޔާބުކަމާއެކު ސެޝަންތައް ނިންމާލި. އެމީހުންގެ ކައިވެނި ސަލާމަތްކުރަން ކުރި މަސައްކަތަށް ތައުރީފު ކުރަން. "އަހަރެންގެ ހަޔާތް މިހާރު ކުރިއަށްވުރެ ފުރިހަމަ ވީމަ އަހަންނަށް އަލީގެ އަގު ވަޒަންކޮށް އޭނަދެކެ ލޯބި ވާން ފަސޭހަ ވެއްޖެ،" މަރީ ވަރަށް ފަހުން އަހަރެން ކައިރީ ބުނި. "އަހަރުމެންގެ ކައިވެނި ދަނީ ދުވަހުން ދުވަހަށް ވަރުގަދަ ވަމުން. އަދި އަހަރެން އަންބެއްގެ ގޮތުންނާ، މަންމަ އެއްގެ ގޮތުންނާ، ގެއަށް ފައިސާ ހޯދައިދޭ މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތްހަމަޖެހިފަ މި ހުންނަނީ."

ގުޅޭ ޓެގު
comment ކޮމެންޓް