ހުޅުލެއިން ފުރައިގެން 24 މީހުންނާއެކު ކްލަބް މެޑް ކަނި (ކަނިފިނޮޅު) ރިސޯޓަށް ދިޔަ ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެ އެއިން ދަތުރުކުރި އެންމެން ފިހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު މެންދުރު 1:10 ކަންހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ "ސުވެނިއާ 18" ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ. އެ ލޯންޗުން 24 މީހަކު ދަތުރުކުރި އިރު އޭގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރީން ކަމަށާއި ދެން އޭގައި ތިބީ ލޯންޗުގެ ފަޅުވެރީންނާއި ކަނިފިނޮޅުގެ ބައެއް މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ.

ފިހުނު ބައެއް މީހުންނަށް ފަރުވާ ދިނުމަށް ހުޅުލޭ ހެލްތު ޕޯސްޓަށް ގެންދަނީ --
"އެ ހާދިސާގައި ލޯޗުން ދަތުރުކުރި އެންމެން ވެސް ފިހިފައި. އެކަމަކު އެކި މީސްމީހުނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވަނީ،،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ، އެ ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދިނުމަށް 11 ފިރިހެނަކާއި 9 އަންހެނަކާއި ކުޑަކުއްޖަކާއެކު ޖުމުލަ 21 މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައި ވާ ކަމަށެވެ.
" އޭގެ ތެރޭގައި ހިމެނެނީ، ދިވެއްސަކާއި، ޗައިނާ 13 މީހުން، އިންޑިއާ 2 މީހުން، ސްރީ ލަންކާ 1، ބަނގުލަދޭޝް 2 މީހުން، ޖަޕާން ދެމީހުން އަދި 16 އަހަރުން ދަށުގެ ކުޑަކުއްޖަކު،" ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ، އެތަނުން އެކަކުގެ މޫނުމަތީގައި ވަރަށް ފުންކޮށް ކަނޑައިގެން ގޮސްފައި ހުރުމުން އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރުގައި އެމީހާއަށް ފަރުވާދެމުން އަނަނަ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ، އަލިފާނުގެ ހާދިސާގައި ފިހުނު ޗައިނާ ތިން މީހަކު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ގެނެސްފައި ވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
އެ ލޯންޗުން ދަތުރުކުރި ދިވެއްސަކު މިވަގުތު އައިޖީއެމްއެޗްގައި ހުރި ސަންގެ ނޫސްވެރިޔާ ފާތިމަތު ސައީދަށް ކިޔައިދިން ގޮތުގައި "ލޯންޗުގައި ހަމަ ކުއްލިއަކަށް ރޯވީ" އެވެ.
"ރޯވީ ހަމަ ކުއްލިއަކަށް. ނޭނގެ ކީއްވެކަމެއް ރޯވީ. ލޯންޗު ދުއްވާފައި ދަނިކޮށް އިންޖީނުގައި ރޯވީ،" ސުވެނިއަ 18 އިން ކަނިފިނޮޅަށް ދަތުރުކުރި ލޯންޗުގައި ހުރި ދިވެއްސަކު ސަންއަށް ކިޔައިދިނެވެ.

ކަނިފިނޮޅަށް ދަނިކޮށް އަލިފާން ރޯވި ސުވެނިއަ 18 ދަތުރުކުރި މީހުންގެ ތެރެއިން ފިހުނު މީހަަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައި -- ސަން ފޮޓޯ: ފާތިމަތު ސައީދު
އެމްއެންޑީއެފުން ބުނީ، 17 ފަތުރުވެރީން ގޮވައިގެން ހުޅުލެއަށް ދަތުރުކުރަނިކޮށް އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، "ސުވެނިއާ 18" ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށެވެ.

ފިހުނު ބައެއް މީހުން ހުޅުލޭ ހެލްތު ޕޯސްޓަށް ގެންދަނީ --
"އަލިފާނުގެ ހާދިސާގެ ސަބަބުން އަނިޔާ ލިބުނު 23 މީހަކަށް އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން،" އެމްއެންޑީއެފުން ބުންޏެވެ.
Alifaanuge Haadhisaage Sababun Aniyaa Libunu 23 Meaahaka IGMH Aai ADK Hospital Gai Dhanee Faruvaa Dhemun.
— MNDF (@MNDF_Official) September 26, 2015 އެމްއެންޑީއެފުން ބުނީ، އެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް ގެނައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
Alifaan Roavefai vanee "Suvenier 18" Kiyaa Launchehga. Mi Lauchun Dhathurukuri 3 Fathuruveriaku Mihaaru Vanee Vanee Hulhule ah Gendhevifa.
— MNDF (@MNDF_Official) September 26, 2015 
ލޯންޗުގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔަރ ފައިޓާސް ހަރަކާތްތެރިވަނީ --
މަންޒަރު ދުށް މީހަކު 'ސަން' އަށް ބުނީ "ހުޅުލޭ ބޭރުގައި އޮތް ލޯންޗުގައި ރޯވެ ޗައިނާ ބޮޑު މީހަކާއި، ކުޑަކުއްޖެއްގެ އިތުރުން ދިވެއްސަކު ވަނީ ފިހިފައި. ޗައިނާ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް ފިހިފައި" ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާ ހުޅުލޭ ހެލްތު ސެންޓަރަށް ގެންދަނީ --
އެ ލޯންޗުގައި އަލިފާން ރޯވި ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސަރވިސް އާއި ފުލުހުންގެ މެރިން ޕޮލިސް ގުޅިގެން މީހުން ސަލާމަތްކުރުމާއި އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އެމްއެންޑީއެފުން ބުނީ، މެންދުރު ފަހު 2.10 ކަންހާއިރު ސުވެނިއާ 18ގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ.
ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތަށް މިދުވަސްވަރު ހިނގާލެއް ގިނަކަން ފާހަގަކޮށްލެވެ އެވެ. ހަމައެކަނި މިއަދުވެސް އަލިފާނުގެ ދެ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ހިނގައިގެންވެސް އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފަ އެވެ.