ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމުގެ ބޭނުންތެރިކަން

ސީރިއާގައި ކުރިޔަށްދާ ހަމަނުޖެހުން ތަކުގެ ތެރެއިން: އިސްލާމީ އުއްމަތުގެ ގުޅުންތެރިކަން ވަރުގަދަކުރުން ވަނީ މުހިންމު ވެފައި ---

ނޯޓް: މި މައުޟޫއަށް މީގެ 33 އަހަރު ކުރީން (ނޮވެމްބަރ، ޑިސެމްބަރ 1982) ގައި އަޅުގަނޑު ވާނީ ރާއްޖޭގެ ދުވަހު ނޫހެއްގައި މަޒުމޫނެއް ޝާއިޢު ކޮށްފަ އެވެ. މި މަޒުމޫނުގެ އަސްލަކަށް ބަލައިފައިވަނީ އެދުވަސްވަރު ޕާކިސްތާނުގައި ނިކުތް މަޖައްލާއެއް ކަމުގައިވާ "ވޯލްޑް އިސްލާމިކްޓައިމްސް" ގައި ޝާއިޢު ކުރެވުނު ބައެއް ލިޔުންތަކެވެ. މި މައުޟޫއަށް އަލުން މަޒުމޫނެއް ޝާއިޢުކުރާ ހިތްވީ އިސްލާމީ ބައެއް ޤައުމުތައް ޓެކްނޮލޮޖީގެ މައިދާނުގައި ކުރިއެރުންތަކެއް ހޯދިކަމުގައި ވިޔަސް ޢާއްމު ޙާލަތު އެދުވަސްވަރަށް ވުރެވެސް މިހާރު މާބޮޑަށް ދަށަށް ގޮސްފައިވާތީއެވެ. ސުންނާފަތި ވެފައިވާ ޤައުމުތަކުގެ ލިސްޓަށް އިރާޤާއި ލީބިޔާ އިތުރުވެ ސޫރިޔާ އިން ހުޅުއަރަމުން ދާތީއެވެ. އައި.އެސްގެ މުސީބަތް ހައްދު ފަހަނަޅައިދާތީއެވެ. ހަަމަ އެއާއެކު މިހާރަކަށް އައިސް އަރަބި ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް އުފައްދާ ވާހަކަ ދެކެވެމުންދާތީވެސްމެއެވެ.

ކުރީގެ މަޒުމޫނުގެ ޢިބާރާތްތަކަށް ބައެއް ބަދަލުތައް މި މަޒުމޫނުގައި ގެނެސްފައި ވާނެ އެވެ. އަދި ބައެއް ބައިތައް އިތުރުކޮށްފައިވެސް ވާނެ އެވެ. (ފާރޫޤް)

-------------------------------------------------------------------------------------------

(10 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ސަލާމަތްއޮތީ އެކަތިގަނޑަކަށްވުމުގައި:

ޙަޤީޤަތަށް ދަންނަވާނަމަ އަފްޣާނިސްތާނަށް ރަޝާގެ ސިފައިން އެރިއެރުމުންވެސް އިސްލާމީ ޤައުމުތަކުގެ ލޯ ހުޅުވޭންޖެހޭނެއެވެ. ނަމަވެސް ބައެއް އިސްލާމީ ޤައުމުތަކުން އެނުރައްކަލުގެ ޙަޤީޤަތަށް އިޢުތިރާފްވުމާ މެދުވެސް ކުރީ އިންކާރެވެ. ސޫރިޔާއަށްވެސް ހަމަވިސްނުންލިބި ސަޢޫދިއްޔާއާ ދެމެދުގައި އޮތް ދެބަސްވުންތައް ހަނދާންނައްތައިލައިފައި ކިންގް ފަހްދާ މަޝްވަރާކުރަން އުޅެގަތީ ލުބްނާނަށް އިސްރާއީލް ސިފައިން އެރުމުންނެވެ.

ކަންމިހެން ހުރުމާއެކު އިސްލާމީ ޤައުމުތަކުގެ ކުރިމަތީގައި މިއަދު އޮތީ ހުރިހާ މުސްލިމުންގެ ދެބަސްވުންތައް ހަނދާން ނައްތައިލައި ހުރިހާ މުސްލިމުންނާ ކުރިމަތިވެފައިވާ ނުރައްކަލާ ކުރިމަތިލުމަށް ހުރިހާ މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމެވެ. މިހާރު މިއުޅޭ ގޮތަށް ބައިބައިވެެގެން އުޅެމުންދާނަމަ މުސްލިމުން ވުޖޫދުން ފޮހެވިގެން ދިއުމަކީވެސް ދުރުކަމެއްނޫނެވެ. ޝައްކެއްވެސް ނެތެވެ. މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އޮތްނަމަ ޔަހޫދީންނަށް ލުބްނާނަށް އަރާކަށެއް ނުކެރުނީހެވެ. އިސްރާއީލް އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އިސްލާމީ ޤައުމުތައް ކުޅިބަލާކަށްވެސް ނުތިބީހެވެ. އޭރުން އިސްރާއީލަށްވެސް ޖެހޭނީ ނުޙައްޤުން އެހެން ޤައުމަކަށް އަރައިގަތް އަރައިގަތުމަށް ވަރަށް ބޮޑު އަގެއް އަދާކުރުމަށެވެ.

ދެންއޮތީ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމުގެ އެކަށޭނެކަން އިސްލާމީ ޤައުމުތަކަށް ލިބިފައިވޭތޯ ކުރެވޭ ސުވާލެވެ. އެކަމަށްޓަކައި ބޭނުންވަނީ ފައިސާ އާއި، އަފްރާދީ ބާރާއި، ޓެކްނޯލޮޖީއެވެ. ތެދުފުޅެކެވެ. ގިނަ އިސްލާމީ ޤައުމުތަކަކީ ފަޤީރު ޤައުމުތަކެކެވެ. ނަމަވެސް ތެޔޮއުފައްދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިސްލާމީ ޤައުމުތަކުގެ އިތުރުވެފައިހުންނަ ފައިސާގެ ބޭނުންކޮށްގެން މުސްލިމުންނަށް "ނޭޓޯ" އަށް ވުރެ ބާރުގަދަ ލަޝްކަރެއް އުފެއްދިދާނެއެވެ. ތެޔޮ އުފައްދާ އިސްލާމީ ޤައުމުތަކުގެ އިތުރުވެފައި ހުންނަ ފައިސާ މިހާރު ހުރީ ޔޫރަޕުގެ ބޭންކްތަކުގައި ކަމާއި، އެފައިސާތަކުގެ ފައިދާ ލިބެނީ، ބޭންކްތައް އެބައެއްގެ ބާރުގެ ދަށުގައިވާ ޒަޔަނިސްޓުންނަށް ކަމީވެސް މިފުރުޞަތުގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭކަމެކެވެ.

ޢަރަބި ޤައުމުތައް ފިޔަވައި އެހެނިހެން އިސްލާމީ ޤައުމުތަކަށްވެސް އެޤައުމުތަކުގެ ފަޤީރުކަމާއެކުވެސް އެތަންތާނގެ އަމިއްލަ ފައިސާއިން ގުޅިފައިވާ ޢަސްކަރީ ބާރުގެ ޚަރަދުތަކުގައި ބައިވެރިވެވިދާނެއެވެ.

ޢަރަބި ޤައުމުތަކުގެ ވެރީންނަށް ޔޫރަޕާއި އެމެރިކާގެ ބޭންކްތަކުގައި ޖަމާވެފައިހުރި އެޤައުމުތަކުގެ ފައިސާއިން އާދެ! ދުއިސައްތަ ބިލިޔަން ޑޮލަރުން ލިބިވަޑައިގަތީ ކޮންފައިދާއެއްތޯ ވިސްނައިވަޑައިގަންނަވަން ވެއްޖެއެވެ. އެހެނީ މިދެންނެވި ޢަދަދުގެ ފައިސާ އެބޭފުޅުންގެ ބޭންކް އެކައުންޓްގައި ހުރުމާއެކުވެސް ލުބްނާނުގައި ޢަރަބި އަޚުން ކަތިލަމުން ގެންދިޔަ އިރު އެކަން ހުއްޓުވޭގޮތެއް ނުވިއެވެ. އަދި ކީއްތޯއެވެ. ޚުދް އެބޭފުޅުންގެ ސަލާމަތާމެދުވެސް މިހާރުވަނީ ޔަޤީންކަމެއް ނެތިފައެވެ.

ޢަރަބި ޤައުމުތަކަށް ފައިސާ ހޭދަކުރެވިދާން:

ޢާންމު އުސޫލެއްގެ ގޮތުން ބަލާއިރުވެސް ޢަރަބީންނަކަށް މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރަށް ބޭނުންވާ ސިފައިންނާއި، އެކަށޭނަ ހުނަރުވެރި މަސައްކަތްތެރީން ހޯދައި ދެވޭކަށެއްނެތެވެ. ނަމަވެސް އެބައިމީހުންގެ އަތުގައި ފައިސާ ހުރުމާއެކު އެބައިމީހުންނަށް ފައިސާ ޚަރަދުކުރެވިދާނެއެވެ.

ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމުގައި ފައިސާއަށްފަހު ދެން ބޭނުންވަނީ އަފްރާދީ ބާރެވެ. އަފްރާދީ ބާރަކީ މުސްލިމުންގެ ކުރިމަތީގައި މާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ މައްސަލައެއްނޫނެވެ. އެހެނީ ތުރުކީއާއި، ޕާކިސްތާނާއި، މިޞްރާއި، އިންޑޮނޭޝިޔާއާއި، އީރާނަށް މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރަށް ބޭނުންވާ ޢަދަދަށް ތަރްބިޔަތު ލިބިފައިތިބި ސިފައިން ހޯދައިދެވިދާނެއެވެ. މިދެންނެވި ޤައުމުތަކުގެ ލަޝްކަރުތަކުގައި މިހާރުވެސް އަށާރަލައްކަ ފަންސާސް ހަތަރުހާސް ސިފައިން އެބަތިއްބެވެ. (އިންޑިޔާގެ ސިފައިންގެ ޢަދަދަކީ އެގާރަލައްކައެވެ. އިސްރާއީލުގެ ސިފައިންގެ ޢަދަދަކީ ހަތަރުލައްކައެވެ.) މަތީގައި ދެންނެވި އިސްލާމީ ޤައުމުތަކަށް ބޭނުންވާ ފައިސާ ލިބިއްޖެނަމަ އެތަންތާނގެ ލޯހުޅުވޭ ހުޝިޔާރު ޒުވާނުންގެ ތެރެއިން އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިންގެ ވަރުގަދަ އެތައް ޑިވިޒަންތަކެއް އަަލަށް އުފައްދައިވެސް ލެވިދާނެއެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި މީހުންގެ ޢަދަދު ތަންކޮޅެއް މަދުކަމުގައިވިޔަސް މުސްލިމުންގެ ޒުވާނުންނަކީ ޤުރްބާންވާން ނުވަތަ ޝަހީދުވާން ކެރޭ، ހަނގުރާމައާއި ތަޅާފޮޅުމަށް ލޯހުޅުވޭބައެކެވެ. އެހެންކަމުން އެބައިމީހުންނަނަށް މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރުގައި އަސަރުހުރި ބައެއް އަދާކުރެވިދާނެއެވެ.

މަސައްކަތްތެރިކަމާއި ޓެކްނޮލޮޖީއަށް ނަޒަރު ހިންގާއިރު، އެކަތައިގެ މަސައްކަތާއި، ކެމިކަލްސްއާއި، އިލެކްޓްރޯނިކްސްއާއި، މެޝިނަރީއާއި، ޓްރާންސްޕޯޓާއި، އެނޫންވެސް ބާވަތްބާވަތުގެ މަޢުދަންތަކާއި މެޝިންތަކާބެހޭ މަސައްކަތުގެ ހުނަރުވެރިކަމަކީ ހަތިޔާރު އުފެއްދުމާއި، މަތިންދާ ބޯޓާއި މަނަވަރު ފަހަރު ބަނުމުގައި ބޭނުންވާ ކަންތައްތަކެވެ. މިރޮނގުން ޚިޔާލުކޮށްލާއިރު އިސްލާމީ ދުނިޔެވަނީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ފަހަތުގައެވެ. އެރޮނގުގައި އެދެވޭ ކާމިޔާބެއް ހޯދުމަށްޓަކައި އެކަށީގެންވާ މުއްދަތަކަށް ވަރުގަދަ ފޯރިއަކާއެކު މަސައްކަތް ކުރަންޖެހެއެވެ.

ކުރިން ދެންނެވިފައިވާ އިސްލާމީ ޤައުމުތަކަކީ އާދެ، ތުރުކީއާއި، ޕާކިސްތާނާއި، އީރާނާއި، މިޞްރާއި، އިންޑޮނޭޝިޔާއަކީ ޓެކްނޮލޮޖީގެ މައިދާނުގައިވެސް ފުދޭ މިންވަރަކަށް ކުރިޔަށް ގޮސްފައިވާ ޤައުމުތަކެކެވެ. އެޤައުމުތަކުގެ ތެރެއިން ހަތިޔާރު އުފެއްދުމުގެ މައިދާނުގައި ތުރުކީ ވަނީ ވަކިން ބޮޑަށް މަޝްހޫރުވެފައެވެ. ތުރުކީގައި ފީނާ ބޯޓާއި (ސަބްމެރިން) ޓޭންކާއި، އަސްކަރީ މަތިންދާ ބޯޓާއި، އެކި ބާވަތްތާބަތުގެ އައު ހަތިޔާރު އުފައްދައެވެ.

ޕާކިސްތާނުވެސް އޮތީ ޓެކްނޮލޮޖީގެ މައިދާނުގައި ތުރުކީއަށް ވުރެ މާބޮޑުތަން ފަހަތުގައެއް ނޫނެވެ. ޚާއްޞަކޮށް އެއްގަމުގައި ކުރެވޭ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރު ޕާކިސްތާނުގައި އުފައްދާތާ ވަރަށް ގިނަދުވސް ވެއެްޖެއެވެ. ޓޭންކާއި ހަނގުރާމަމަތީ މަތިންދާ ބޯޓް ދެވަނަ ފަހަރަށް ބޭނުންހިފޭ ވަރަށް މަރާމާތުކުރެވޭ ކާރުޚާނާތައް އުފެދުމުގެ ސަބަބުން ޕާކިސްތާނުގައި އުފައްދާ ޢަސްކަރީ ހަތިޔާރުތަކުގެ ދާއިރާވަނީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ. ބޯޓްފަަހަރު ބަނުމުގެ މަސައްކަތްވެސް ޕާކިސްތާނުގައި ކުރާތާ ވަރަށް ގިނަދުވަސްވެއްޖެއެވެ. އެހެން ކަމުން އެމައިދާނުގައި ދާދިކުޑަކުޑަ ތަރައްޤީއަކުން މަނަވަރު ފަަހަރު ބަނުމުގެ މަސައްކަތްވެސް ޕާކިސްތާނުގައި ފެށިދާނެއެވެ. ޕާކިސްތާނާއި ތުރުކީގައި ނިއުކްލިއަރ ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކްސްގެ ހުނަރުވެރިކަމާއި މިސައިލް އުފެއްދުމުގެ މައިގަނޑު މަސައްކަތްތެރިކަމުގެ ހުނަރުވެރިކަން އެބަހުއްޓެވެ. މިސައިލް އުފެއްދުމާބެހޭ ތަޙްޤީޤުތައްވެސް އެދެޤައުމުވަނީ ކޮށްނިމިފައެވެ. މިޞްރުގައިވެސް ހަތިޔާރު އުފެއްދުމުގެ މަސައްކަތްތެރިކަން އެބައޮތެވެ. ނަމަވެސް ކޭމްޕްޑޭވިޑް އެގްރީމަންޓްގެ ސަބަބުން އެކަމަށް ވަނީ ހުރަސްއެޅިފައެވެ. ހަމައެފަދައިން އީރާންވެސް އެކަތައިގެ މަސައްކަތާއި މޯޓަރ އުފެއްދުމުގެ މަސައްކަތްގެ ރަނގަޅު ތަޖުރިބާތަކެއްވަނީ ޙާޞިލުކޮށްފައެވެ. ޢަސްކަރީ ސާމާނު އުފެއްދުމަށް ބޭނުންވާ ރޯމެޓީރިއަލް އިސްލާމީ ޤައުމުތަކުގައި ވަރަށް ގިނައިން އެބަހުއްޓެވެ. އެހެން ކަމުން އިސްލާމީ ދުނިޔެއަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަމާއި މަސައްކަތްތެރިކަމާއި ޤާބިލިއްޔަތު އެއްކޮށްލެވިއްޖެނަމަ ވަރަށް ގިނަ ދިފާޢީ ސާމާނު އުފެއްދުމުގެ މަސައްކަތް ފަށައިގަނެވިދާނެއެވެ.

މިޒަމާނުގެ ޓެކްނޯލޮޖީ:

މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކުރުމުގައި އިސްލާމީ ޤައުމުތަކަށް ހުރަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ޒަޔަނިސްޓުންނާއި ސާމިރާޖުން މުސްލިމުންނަށް އެކިގޮތްގޮތުން ހުރަސްއަޅަމުން ގެންދާނެއެވެ. ނަމަވެސް ފައިސާގެ ދަހިވެތިކަމަކީ ސާމިރާޖީ ބާރުތަކުގެ ބަލިފައެވެ. އެހެންކަމުން މުސްލިމުންނަށް ފައިސާގެ ބާރުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. ފައިސާ ޚަރަދުކުރުމަކާ ނުލައިވެސް، ސްވިޑްނާއި، ފަރަންސޭސިވިލާތާއި، ސްވިޒަރލޭންޑުން ޓެކްނޯލޮޖީ ހޯދިދާނެއެވެ. އަދި ކީއްތޯއެވެ. ހުޅަނގު ޖަރުމަނާއި ޖަޕާނުންވެސް މުސްލިމުންނަށް އެޓެކްނޯލޮޖީ ޙާޞިލްކުރުމުގައި އެހީލިބިދާނެއެވެ. ޓެކްނޯލޮޖީގެ މައިދާނުގައި އިސްލާމީ ދުނިޔެއަށް އެންމެ ދީލަތި ގޮތެއްގައި އެހީވެދީފާނެ ޤައުމަކީ ޗައިނާއެވެ. ޗައިނާގެ ޓެކްނޯލޮޖީގެ ފެންވަރު ނިސްބަތުން ދަށްކަމުގައި ބެލެވުނުކަމުގައިވިޔަސް ހަނގުރާމައިގެ ހަތިޔާރު އުފެއްދުމުގައި ޗައިނާގެ ޓެކްނޯލޮޖީގައި އެއްވެސް އުނިކަމެއް ނެތެވެ. ޗައިނާގެ ޓެކްނޯލޮޖީއަކީ ފަސޭހަ އަދި އަވަހަށް ބޭނުންކުރެވިދާނެ ޓެކްނޯލޮޖީއެކެވެ. އެޓެކްނޯލޮޖީއަށް މުސްލިމުންގެ އަމިއްލަ ވަސީލަތްތަކުގެ ބޭނުންކޮށްގެން ތަރައްޤީވެސް ގެނެވިދާނެއެވެ. އެހެންކަމުން މުސްލިމުން ދިފާއީގޮތުން ގުޅެން އެންމެ އިތުބާރުހުރި ފަރާތަކީ ޗައިނާއޭ ދެންނެވިދާނެއެވެ. އިސްލާމީ ޤައުމުތައް ހަތިޔާރު އުފެއްދުމުގެ ހުނަރުވެރިކަން ލިބިގަތުމުގެ ބޭނުކަމަށް ވާންވާނީ، މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރަށް ހަތިޔާރުގެ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދައިދިނުމެވެ.

ސާމިރާޖީ ބާރުތައް އެބައިމީހުންގެ ފުރިހަމަ ރޭވުންތަކުގެ ޒަރީޢާއިން އިސްލާމީ ޤައުމުތައް ވަނީ ދިފާޢީ ހަތިޔާރު އުފެއްދުމުގެ މައިދާނުގައި އެންމެ ފަހަތަށް ވައްޓައިލައިފައެވެ. ހަމައެއާއެކު އިސްރާއީލާއި އިންޑިޔާއަށް ބޭނުންވާ ހުރިހާ އެހީތަކެއްވެދީ އެބައިމީހުންގެ އަމިއްލަ ވަސީލަތްތަކުން ދިފާޢީ ހަތިޔާރުތައް އުފެއްދުމުގެ ޤާބިލިއްޔަތާއި ހަނގުރާމައިގެ ބޭނުންތަކުގައި އަމިއްލަ ފުދުންތެރިކަންވަނީ ހޯދައިދީފައެވެ.

މީގެ އެތައް އަހަރެއްގެކުރިން ސަޢޫދީ ޢަރަބިއްޔާގެ ވެރިކަމުގެ ދަށުގައި ކުވައިތާއި މިޞްރާ ގުޅިގެން ހަތިޔާރާއި މަތިންދާބޯޓު އުފެއްދުމުގެ މަޝްރޫޢެއް ރޭވިއެވެ. ނަމަވެސް ސާމިރާޖީ ބާރުތައް މިޞްރު ހެއްލުންތެރިކޮށް ކޭމްޕްޑޭވިޑް އެގްރިމެންޓްގެ ދަށުން އިސްރާއީލާ ގުޅެން މަޖްބޫރުކުރުމުގެ ނަތީޖާއެއްގެގޮތުން އެމަޝްރޫޢު ވަނީ ހުއްޓިފައެވެ. ހަމައެފަދައިން ލީބިޔާއާއި ޕާކިސްތާނާ ގުޅިގެން މަނަވަރު ފަހަރު ބަނުމުގެ ކާރުޚާނާއެއް އުފެއްދުމަށް ރާވާފައިވާ މަޝްރޫޢުވެސް އޮޅުންނުފިލާ ސަބަބުތަކަކާހުރެ ވަނީ ހުއްޓިފައެވެ.

ކަންމިހެން ހުރުމާއެކު މުސްލިމުންގެ މާޟީގެ ހިތިތަޖްރިބާތަކުން ޢިބްރަތް ޙާޞިލްކޮށް ހަމަމިވަގުތުން ފެށިގެން ގުޅިފައިވާ މަސައްކަތްތެރިކަމުގެ ބިންގާތަކެއް އެޅުމަކީ ބޭނުންތެރިކަމެކެވެ. އޭގެ އެންމެ ފުރަތަމަ ފިޔަވަޅަކަށް ވާންވާނީ ހުރިހާ އިސްލާމީ ޤައުމުތައް ގުޅިގެން ނުވަތަ ވަކިވަކިން އަސްކަރީ ހަތިޔާރުތައް އުފެއްދުމުގެ މަޝްރޫޢުތައް ފުޅާކޮށް އުފައްދާތަކެތި ގިނަކުރުމެވެ.

އިސްލާމީ ގައުމުތަކުގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެދުމަކީ އެކަށީގެންވާ ކަމެއްތޯ ކުރެވޭ ސުވާލާމެދު ބަޙުޘްކުރުމަށްފަހު އެހެނިހެން ބައެއް ސުވާލާމެދުވެސް ވިސްނައިލަންޖެހެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ސުވާލަކީ މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރާބެހޭ ސިޔާސީ އިންތިޒާމުތައް ހަމަޖައްސާނެގޮތެކެވެ. އެހެނީ އާއްމު ގޮތެއްގައި ޢަސްކަރީ ބާރެއްގެ ކޮންޓްރޯލް އޮންނާންޖެހޭނީ ސިޔާސީ އިދާރާއެއްގެ ބާރުގެ ދަށުގައެވެ.

އިސްލާމީ ކޮންފެރެންސަށް މިބާވަތުގެ ސިޔާސީ އިދާރާއެއްގެ ޕްލޭން ރާވައިލެވިދާނެއެވެ. އެ އިދާރާވާންޖެހޭނީ ، އިސްލާމީ ދިފާޢީ ކައުންސިލަކަށެވެ. އެކައުންސިލް އެކުލަވައިލެވޭނީ މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުންގެ މައްޗަށެވެ. އިސްލާމީ ޤައުމަކުން އެދިއްޖެ ކޮންމެ ހިނދެއްގައި މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރު އެޤައުމަކަށް އެހީވުމަށް ޙަރަކާތްތެރިވާންޖެހޭނެއެވެ.

މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރުގެ މުޖާހިދުންގެ ޔުނިޓްތައް ބައިތިއްބަންވާނީ ސަޢޫދީ ޢަރަބިއްޔާއާއި އީރާނުގެ އެކި ހިސާބުގަނޑުގައެވެ. އެއީ، ދުނިޔޭގެ ދިފާޢީ ސްޓްރެޓަޖީއަށް ވިސްނާއިރު އެހިސާބުގަނޑުގެ މުހިންމުކަމަށްޓަކައެވެ. މުސްލިމުންގެ ޢަސްކަރީ ބާރުގެ ކަނޑުގެ އަރުމާދުގެ އުޅަނދުތައް ބަނދަރުކުރާނީ އީރާނުގެ ބަނދަރު އައްބާސާއި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއާއި މިސްރުގެ އިސްކަންދަރިއްޔާގެ ބަނދަރުގައެވެ. އެބަނދަރުތަކުގެ ބޭނުން ކޮށްގެން ގަލްފް އޮފް އޮމާނާއި، ރަތް ކަނޑާއި މެޑިޓްރޭނިއަން ކަނޑުގައި އިސްލާމީ އަރުމާދަށް މިނިވަންކަމާއި ޙަރަކާތްތެރިވެވިދާނެއެވެ. އަދި އެހިސާނުގަނޑުގެ އައްސޭރީގައިވާ އިސްލާމީ ޤައުމުތައް ކަނޑުގެ ޙަމަލާތަކުން ދިފާޢު ކުރެވިދާނެއެވެ. އަދި އެހެނިހެން ޤައުމުތަކުގެ ކަނޑުގެ ބާރުތަކަށް އެރޭބިޔަންސީގެ އުތުރާއި، ޕާޝިއަން ގަލްފާ ދުރަށް ދާން މަޖްބޫރުކުރެވިދާނެއެވެ.

ދެން އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަމަކީ، މުސްލިމުން އެބާރުތަކަކާ ދެކޮޅަށް އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފައްދަން ބޭނުންވާ ބާރުތައް ކުރީއްސުރެވަނީ އެބައިމީހުންގެ ދާއިރާގައި އެކަތިގަނޑަކަށް ވެފައިކަމެވެ. ވޯސޯޕެކެޓާއި ނޭޓޯގެ ނަމުގައެވެ. ހަމައެފަދައިން އިންޑިޔާއާއި ރަޝިޔާވެސްވަނީ ސަލާމަތީ އެގްރިމެންޓުގެ ނަމުގައި ކަށަވަރު ނާމާއެއްގައި ސޮއިކޮށްފައެވެ. އަނެއްކޮޅުން އިސްރާއީލާ އެމެރިކާއާ ދެމެދު ޢަސްކަރީގޮތުންނާއި އެހެނިހެންގޮތްގޮތުން އެކުވެރިކަމާއި އެހީތެރިކަންވަނީ އުފެދިފައެވެ. މުސްލިމުންގެ ގުޅިގައިވާ ޢަސްކަރީ ބާރު ރޭވިފައި އޮންނަވާނީ ނުރައްކަލެއް ހަމަކުރިމަތިވާއިރަށް ވަގުތުން ޙަރަކާތްތެރިވެވޭފަދަ ފަސޭހަގޮތަކަށެވެ. ހަނގުރާމަ ހިނގާ މައިދާނަކަށް އަވަހަށް ލަޝްކަރު ފޮނުވައިލެވޭ ގޮތަކަށެވެ. އެންމެ ފުރަތަމަ ފަށައިގަތުމުގައި މިބާރުގެ އާންމު ބަހަކަށް ވާންވާނީ އިނގިރޭސިބަހެވެ.

އަޅުގަނޑުގެ މިމަޒުމޫނުގައި ފާހަގަކޮށްލަން ބޭނުންވާ އެއްނުކުތާއަކީ، މުސްލިމުންގެ މެދުގައި މިހާރުހުރި ހުރަސްތަކާއެކުވެސް ގުޅިފައިވާ ދިފާޢީ ބާރެއްގެ ބައެއް ޢަމަލީ މިސާލުތައް ފެންނާން އެބަހުރިކަމެވެ. އާދޭހެވެ! 1967 ގައި އިސްރާއީލާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި ބައެއް އިސްލާމީ ޤައުމުތަކުން ގުޅިފައިވާ މައިދާންތަކެއް ހުޅުވައިލެވޭތޯ އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އިސްރާއީލް އެކިއެކި އިސްލާމީ ޤައުމުތަކުގެ ލަޝްކަރުތަކާ ދިމާކުރީ ވަކިވަކީންނެވެ. އެކަމުން އަޅުގަނޑުމެންނަށް އޮޅުންފިލާ ޙަޤީޤަތަކަކީ އިސްލާމީ ޤައުމުތަކަށް ގުޅިގެން ހަނގުރާމަކުރެވޭނީ ގުޅިގެން ތަމްރީން ހޯދައިގެންކަމެވެ.

ހަމައެފަދައިން 1965 ވަނަ އަހރު އިންޑިޔާއާ ޕާކސިްތާނާ ދެމެދު ހަނގުރާމަ ފެށުމުން އިންޑޮނޭޝިޔާއިންވެސް އިސްލާމީ އުޚުވަތުގެ ރީތި މިސާލެއް ދެއްކިއެވެ. އިންޑޮނޭޝިޔާ ވައިގެ ބާރުގެ މަތިންދާ ބޯޓުތަކާއި ކަނޑުގެ އަރުމާދުގެ އުޅަނދުތައް ޕާކިސްތާނަށް އެހީވާން ފޮނުވިއެވެ. ހަމައެފަދައިން ދާދިފަހުން ލުބްނާނުގައި ހިނގި ހަނގުރާމައިގައި ފަލަސްޠީނު މީހުންނަށް އެހީވުމުގެ ގޮތުން އީރާނުން ދެހާސް ސިފައިންގެ ޔުނިޓެއް ސޫރިޔާއައް ފޮނުވިއެވެ.

އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ޢަސްކަރީ ބާރު އުފެއްދުމުގައި ވަގުތު ނަގައިނުލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް އިސްލާމީ ޤައުމުތަކުގެ ވެރީންގެ ޖަލްސާއެއް ބާއްވައި، ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދެވުމުގެ ޤަރާރެއް ފާސްކުރެއްވުމެވެ. އެޤަރާރުގެ ދަށުން މުސްލިމުންގެ ދިފާޢީ ކައުންސިލެއް އުފެއްދެވުމެވެ. ހަމައެއާއެކު މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރުގެ ފައުޖުތައް އެކުލަވައިލުމުގެ ޕްލޭނެއް ތައްޔާރުކުރެއްވުމަށްޓަކައި އަސްކަރީ މާހިރުންނާއި މަދަނީ މާހިރުންގެ "މަސަތްކަތު" ގްރޫޕެއް އުފެއްދެވުމެވެ.

ޝައްކެއްވެސް ނެތެވެ. މުސްލިމުންގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެދިގެން މެނުވީ މުސްލިމުންނާ ދެކޮޅަށް ދުޝްމަނުން ދެމުންގެންދާ ޙަމަލާތަކެއް ނުހުއްޓުވޭނެއެވެ. ދުޝްމަނުން މުސްލިމުންނާ ޙަމަލާދިނުމަށް ބޭނުންކުރަނީ ތަފާތު އުކުޅުތަކެކެވެ. އެހެންކަމުން އެކަންތައްތަކުން ސަލާމަތްވުމަށްޓަކައިވެސް ސިޔާސީ ފެންވަރުގައި ދިފާޢީ ޙިކުމަތު ޢަމަލީއެއް ތައްޔާރު ކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ދުޝްމަނުން ޙަރަކާތްތެރިވާގޮތް އޮޅުންފިލުވުމަކީވެސް ކޮންމެހެން ލާޒިމްކަމެކެވެ. ސާމިރާޖީ ބާރުތައް އިސްލާމީ އުންމަތަށް ޙަމަލާދިނުމަށް ރާވާ މަކަރުވެރި ރޭވުމުގެ އެންމެ ފާޅުކަންބޮޑު އެއްމިސާލަކީ ދާދިފަހުން އިސްރާއީލް ލުބްނާނަށް އެރިއެރުމެވެ. އިސްރާއީލްގެ އަސްކަރީ ޙަމަލައިގެ ކުރީގައި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ބޭނުންކޮށްފައިވަނީ ސިޔާސީ އުކުޅުތަކެކެވެ. އޭގެ އެންމެ މުހިންމު ބައި އަދާކުރީ އެމެރިކާގެ ޒަޔަނިސްޓެއް ކަމުގައިވާ މިސްޓަރ ފިލިޕް ޙަބީބެވެ. މިސްޓަރ ފިލިޕް ޙަބީބަކީ ލުބްނާނުގެ އުފަންމީހެކެވެ. އޭނާގެ މަސަތްކަތަކަށްހެދީ ސޫރިޔާއާއި، އުރުދުނާއި، ސަޢޫދީ ޢަރަބިއްޔާއާއި، ޚުދު ލުބްނާނަށް އިސްރާއީލްގެ މަޤްޞަދު އޮޅުވައިލުމެވެ. އަދި ހަމަ މިމަޝްރޫޢުގެ ބައެއްގެ ގޮތުން ލުބްނާނުގެ ކްރިސްޓިޔަނުންނާއި މުސްލިމުންގެ މެދުގައި ހަނގުރާމައިގެ އަލިފާންގަނޑު ރޯކުރީވެސް މިސްޓަރ ފިލިޕް ޙަބީބެވެ.

އަނެއްކޮޅުން އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު މިސްޓަރ އެލެގްޒެންޑަރ ހެއިގްވެސް އެމެރިކާއައް ތާއިދުކުރާ އިސްލާމީ ޤައުމުތަކަށް ކެހިދިނުމަށްޓަކައި ވަރަށްގިނަ މަކަރުވެރި އުކުޅުތަކެއް ބޭނުންކުރިއެވެ. އޭނާ އެޤައުމުތަކަށް ދެއްކީ ރަޝާގެ ޚިޔާލީ ފުރޭތައެވެ. އޭނާ ޢަރަބި ޤައުމުތަކަށް ޔަޤީންކޮއްދިނީ، ރަޝާ އެބައިމީހުންގެ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން ޢަރަބީންގެ ތެލުގެ މުއްސަނދިކަންް ފޭރިގަންނަންއުޅޭ ކަމެވެ. އޭޝިޔާއާއި އެފްރިކާގައި އެބައިމީހުންގެ ބާރުގަދަކުރުމަށްޓަކައި އެހިސާބުގަނޑުގެ ޤައުމުތައް އަޅުވެތިކުރަން ގަސްދުކުރާކަމެވެ. ރަޝާއަކީ އިސްލާމްދީނުގެ ދުޝްމަނެއް ކަމެވެ. މުސްލިމުން އަލުން ހޭލަމުންދާ ދިއުމާ ރަޝާ ދެކޮޅު ކަމެވެ. ބާރުގަދަ އިސްލާމީ ޤައުމުތައް ނިކަމެތިކޮށް އާރާއި ބާރު ކަނޑުވައިލަން އުޅޭކަމެވެ. އިސްލާމީ ޤައުމުތަކުގެ ސަރުކާރުތައް ވައްޓައިލުމަށް އީރާން މެދުވެރިކޮށް މަސައްކަތްކުރާކަމެވެ.

މިދެންނެވި އިސްލާމީ ޤައުމުތަކަށް އޭނާ ޔަޤީންކޮށްދީފައިވަނީ "އެމެރިކާ، ރަޝާގެ ނުރައްކަލުން ގަލްފް ދިފާޢުކުރާނެކަމެވެ. އިސްރާއީލުވެސް އެކަމުގައި އެމެރިކާއާ އެހީވާނެކަމެވެ. ޢަރަބީންނާ ކުރިމަތިވާނެ ޙަޤީޤީ ނުރައްކަލަކީ އިސްރާއީލްގެ ނުރައްކަލެއްނޫނަކަމާއި ރަޝާއާއި އީރާނުގެ ނުރައްކާކަމެވެ." މިސްޓަރ ހެއިގް ޢަރަބީނަނަށް ވިސްނައިދީފައިއޮތީ "އިސްރާއީލްގެ ޢަސްކަރީ ޙަރަކާތެއް ފެށުނުކަމުގައިވިޔަސް އެކަމާ އަަޅައިނުލުމަށެވެ. އެހެނީ އިސްރާއީލް ޙަރަކާތްތެރިވާނީ އިސްލާމީ ޤައުމުތަކުގެ ސަރުކާރުތައް ވައްޓައިލަން މަސަތްކަތްކުރާ ބާރުތަކާ ދެކޮޅަށް ކަމެވެ."

ދެން އަޅުގަނޑުމެން ވިސްނައިލަންވީ 1982 ޖޫންގައި މިސްޓަރ ހެއިގް ޚާރިޖީވަޒީރުކަމުން ވަކިވިއިރު އޭނާގެ މަޤްޞަދު ކާމިޔާބު ވެއްޖެތޯ ނުވަތަ ނޫންތޯއެވެ.

މަތީގައި އަޅުގަނޑު މިހާމަކުރި ކުރު ތަފްޞީލުން ސާމިރާގީ ބާރުތައް އިސްލާމީ ދުނިޔެއާ ދެކޮޅަށް ޙަރަކާތްތެރިވާ މަކަރުވެރި ގޮތާއި، އެކަމުގައި އެއްބަޔަކު އަނެއްބަޔަކާ އެހީވަމުންދާގޮތް ސާފުވެވަޑައިގަންނަވާނެކަން ޔަޤީނެވެ. އަޅުގަނޑުމެން ޢާންމު މުސްލިމުން އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ވެރީން، އަޅުގަނޑުމެންނާ ކުރިމަތިލާންޖެހިފައިވަނީ ކިހާ މަކަރުވެރި ދުޝަމަނުންތަކަކާކަން ވިސްނައިވަޑައިގެން ތިއްބެވުމަކީ ލާޒިމްކަމެކެވެ. ދުޝަމަނުންގެ ކެހިވެރިކަމާއި މަކަރުވެރިކަމުން އަޅުގަނޑުމެންނަށް ސަލާމަތްވެވި އެމީހުންގެ އުކުޅުތަކުން ނެއްޓިގަނެވޭނީ އޭރުންނެވެ.

ދުނިޔޭގެ ޗާޓަށް އަޅުގަނޑުމެން ނަޒަރު ހިންގާއިރު އެންމެބޮޑަށް ހަމަނުޖެހުން އުފެދިފައިވަނީ ކޮން ހިސާބުގަނޑެއްތޯއެވެ. އެންމެ ބޮޑު މުޞީބާތްތަކެއްގައި ހައްޔަރުވެފައިވަނީ ކޮންބައެއްތޯއެވެ. ޝައްކެއްވެސް ނެތެވެ. އެންމެބޮޑަށް ހަސްނެތިފައިވަނީ އިސްލާމީ ޤައުމުތަކެވެ. އެންމެ ނިކަމެތި ޙާލުގައި ތިބީ މުސްލިމުންނެވެ. ދުނިޔޭގައި ގެދޮރުނެތިފައި ތިބި މުހާޖިރުންގެ ތެރޭގައި އެންމެ ގިނައީ މުސްލިމުންނެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ މީހުންނާއި އަފްޣާނިސްތާނުގެ މީހުންނާއި، އެރިޓްރިއާގެ މީހުންނާއި އިތިއޯޕިޔާގެ މީހުން ހިމެނެއެވެ. ހަނގުރާމަތަކުގެ ސަބަބުން އެންމެބޮޑަށް ހަލާކުވަމުންދަނީވެސް އިސްލާމީ ޤައުމުތަކެވެ. ދުނިޔޭގައި އެހެންބަޔަކު ގަދަކަމުން އަތުލައިގަނެގެންއުޅޭ ބިމުގެ ތެރޭގައި އެންމެގިނައީ މުސްލިމުންގެ ބިމެވެ.

ދެންއޮތީ ސާމިރާޖީ ބާރުތައް އިސްލާމީ ދުނިޔެއާ މުސްތަޤުބަލުގައި ކުރިމަތިލާނެ ގޮތަކާމެދު ޚިޔާލުކޮށްލުމެވެ. އިސްރާއީލް މަސަތްކަތްކުރާނީ އިރުމަތީ ސަރަޙައްދުން ޢިރާޤާއި އުރުދުނުގެ ބައެއް އަތުލެވޭތޯއެވެ. އެމެރިކާގެ ކަޅިހުއްޓިފައި ހުންނާނީ އީރާނާއި ޢަރަބި ޤައުމުތަކުގެ ތެޔޮވަޅުތަކުގެ މައްޗަށެވެ. ރަޝާގެ ރޭވުމަކަށްވާނީ އިންޑިޔާކަނޑަށް ނުކުތުމުގައި ދެން އޮތް ހުރަސްކަމުގައި ހިމެނޭ ޕާކިސްތާނު ދިރުވައިލުމެވެ. އީރާނުގެ މުޖާހިދީން ޚަލްޤުގެ ސަރުކާރެއް އުފައްދައި އެރޭބިޔަންސީގެ ދޮރުހުޅުވުމެވެ.

އެމެރިކާއާއި ރަޝާ އެހެނިހެން ޤައުމުތަކަށް ޙަމަލާދެނީ އެބައިމީހުންނަށް ބަހަނާތައް ދެއްކޭފަދަ ތަފާތު ސަބަބުތަކެއް ކުރިމަތިކުރުމަށްފަހު އެސަބަބުތަކާ ގުޅުވައިގެންނެވެ. އާދެ، އެގޮތުން އަޅުގަނޑުމެން ވިސްނައިލާއިރު އެމެރިކާނުން ގަލްފު އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ތިރީގައި މިދަންނަވާ ޒާތުގެ ސަބަބުތަކެއް މެދުވެރިކުރުމަކީ ދުރުކަމެއް ނޫނެވެ.

  1. އިސްރާއީލް ނުޙައްޤުގޮތުގައި ޢަރަބި ޤައުމުތަކަށް ދޭ ޙަމަލާތައް އެމެރިކާއިން، މެދުކެނޑުމެއްނެތި ޙިމާޔަތްކުރަމުން ގެންދާތީ ތެޔޮއުފައްދާ ޢަރަބި ޤައުމުތައް ސަޢޫދީ ޢަރަބިއްޔާގެ ވެރިކަމުގެ ދަށުގައި އެމެރިކާއަށް ތެޔޮދިނުން ހުއްޓައިލައިފިނަމަ ކުއްލި ޙަމަލާއެއްދީ ޢަރަބީންގެ ތެޔޮވަޅުތައް އަތުލައިގަނެވިދާނެއެވެ. އެމެރިކާގެ ޢުޒުރަކަށްވާނީ ތެޔޮނުލިބުމުގެ ސަބަބުން އެމެރިކާގެ "ސަލާމަތަށް" ނުރައްކާވެދާނެކަމެވެ.
  2. އެމެރިކާއިން އެކަށިގެންވާ ފުރުޞަތެއް ހޯދައިފައި ގަލްފްގެ އެމެރިކާއާ ދުޝްމަން ޤައުމެއްގެ އިދިކޮޅު ޖަމާޢަތަކަށް އެޤައުމެއްގެ ސަރުކާރު ވައްޓައިލުމުގެ ފުރުޞަތު ހޯފައިދީފާނެއެވެ. އޭގެފަހުގައި އައު އިންޤިލާބީ ސަރުކާރަށް އެމެރިކާއަށް ތެޔޮ ދިނުން ހުއްޓައިލުމުގެ ފުރުޞަތު ލިބުނަ ނުދިނުމުގެ ނަމުގައި ޢަސްކަރީ ބާރުގެ ބޭނުންކޮށްގެން ތެޔޮވަޅުތަކަށް ވެރިވެދާނެއެވެ.
  3. އިސްރާއީލާއި، ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ހަނގުރާމަ ފެށޭނެގޮތް ހޯދުމަށްފަހު ވައިކުޑައިގެ ޒަރީޢާއިން އިސްރާއީލްގެ ލަޝްކަރު ސަޢޫދީ ތެލުގެ ސަރަޙައްދަށް ބޭލުވިދާނެއެވެ. އިސްރާއީލުން ސަޢޫދީ ތެޔޮވަޅުތައް އަތުލައިފައި އެމެރިކާއާ ޙަވާލުކުރާނީއެވެ.

މިއީ ހައްތާވެސް އެމެރިކާއަށް ހެދިދާނެ އެކިއެކި އުކުޅުތަކެވެ. މީގެ އިތުރަށްވެސް އެމެރިކާއަށް ހެދިދާނެ މަކަރުތައް ވަރަށް ގިނައެވެ.އެމެރިކާ ޢަރަބީންގެ ތެޔޮވަޅުތައް އަތުނުލާނެކަމަށް ޚިޔާލު ކުރުމަކީ ނުވަތަ އެމެރިކާގެ އެފަދަ ޙަރަކާތެއް ފެނިއްޖެނަމަ އެކަމާ ޙައިރާންވުމަކީ އަޅުގަނޑުމެންގެ މޮޔަކަމެވެ. ސަބަބަކީ އެކަމާބެހޭގޮތުން އެމެރިކާ ނަފްސިއްޔާތީ ހަނގުރާމަފެށިތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެކަމެވެ.

އެމެރިކާގެ ޚާރިޖީވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ ހެންރީ ކިސިންޖަރުގެ ފަހުން ވަޑައިގަތް ހުރިހާ ޚާރިޖީވަޒީރުންނާއި، އެކިއެކި ދިފާޢީ ވަޒީރުންނާއި ރައީސުންވަނީ އެމެރިކާއާ ދެކޮޅަށް ޢަރަބީން ތެލުގެ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ ބިރު އިޙްސާސްވެވަޑައިގެންފިނަމަ ވަގުތުން ޢަރަބީންގެ ތެޔޮވަޅުތައް އަތުލައްވާނެކަން އަންގަވައިފައެވެ. އެމެރިކާގެ ކަނޑުގެ ފްލީޓްތައް ތެޔޮޓޭންކަރުގެ ގޮތުގައި ބޭނުންކުރާނެ ބޮޑެތި ބިޔަ އުޅަނދުތައް ބަންނަމުން ގެންދަނީ، އަދި ދިވެހިރާއްޖެއާ ކައިރީގައިވާ ފޯޅަވަހީގައި 1966އިން ފެށިގެން ކަނޑުގެ ބޭހެއް ހަދައިފައިވަނީ ދެވަނަ އެހެން ބޭނުމެއްގައެއް ނޫނެވެ. ހަމައެފަދައިން އަވަހަށް ޙަރަކާތްތެރިވެވޭގޮތައް އެކުލަވައިލައިފައިވާ އާރް.ޑީ އެފްގެ ނަމުން ނަންދެވޭ ލަޝްކަރެއްވެސް އެމެރިކާގައި މިހާރު އެބައޮތެވެ. ނޫސްވިދާޅުވާ ބޭފުޅުން ހަނދުމަފުޅުހުންނާނެ ފަދައިން އެލަޝަކަރަކީ ވައިގެ ލަޝަކަރެކެވެ. އޯޑަރ ހަމަ ލިބުމާއެކު ކޮންމެ ހިސާބުގަނޑަކަށްވެސް ވައިގެ ސިފައިނަ ބޭލުމުގެ އެކަށޭނަކަން ލިބިފައިވާ ލަޝަކަރެކެވެ. އެމެރިކާގެ ކަނޑުގެ ފްލީޓްގެ ބަނދަރުތައް ގަލްފުގެ ކައިރި ހިސާބު ހިސާބުގައިވަނީ އުފައްދައިފައެވެ.

ދެކުނުފަރާތުން އިސްލާމީ ދުނިޔެއާ ދިމާކުރަމުން ގެންދަނީ ރަޝާއެވެ. އިންޑިޔާގެ އެހީގައި ޕާކިސްތާނު ދެބައިކޮއްލީވެސް ރަޝާއެވެ. އިންޑިޔާ ދެކޭގޮތުގައި ކަޝްމީރުގެ މައްސަލައަކީ މިހާރު އޮތް މައްސަލައެއްވެސް ނޫނެވެ. އިންޑިޔާއާއި އިންޑޮނޭޝިޔާއާ ދެމެދު އިންޑިޔާ ކަނޑުގެ ނަމާ ބެހޭގޮތުން އުފެދިފައިވަނީ ދެބަސްވުމެވެ. ދެކުނު އިރުމަތީ އޭޝިޔާގައި އޮތް އިސްލާމީ ދެބާރުކަމުގައިވާ ޕާކިސްތާނާއި އިންޑޮނޭޝިޔާއާ ވާދަކުރާ އިންޑިޔާވަނީ ސާމިރާޖީ ބާރުތަކާ ވަރަށްބޮޑަށް ގުޅިފައެވެ. ކުރީންވެސް ދެންނެވި ފަދައިން ރަޝާއާއި އިންޑިޔާއާ ދެމެދު 1971 ގައިވަނީ ސަލާމަތީ އެގްރިމެންޓެއް ކުރެވިފައެވެ. ރަޝާގެ ހަތިޔާރާއި ޢަސްކަރީ ޓެކްނޮލޮޖީ އިންޑިޔާއައް ލިބެމުންދަނީ ވަރަށް ދީލަތިގޮތެއްގައެވެ. އިންޑިޔާގެ ހަތިޔާރު ގުދަނުގައި އެންމެ މިޒަމާނުގެ މިގް 23 އާއި މިގް 25 ގެ ބޮމްއަޅާ މަތިންދާބޯޓާއި ޓީ 72 ގެ ޓޭންކާއި، 180 މީޓަރުގެ ބަރުބޮޑު ބަޑިޔާ އަދިވެސް އެތައް ވައްތަރެއްގެ ސޮވިއެޓް ހަތިޔާރު އެބަހުއްޓެވެ. ހަމައެފަދައިން އިންޑީޔާއާއި ހުޅަނގުގެ ސާމިރާޖީ ކްލަބްގެ މެމްބަރުންކަމުގައި ހިމެނޭ އިނގިރޭސިވިލާތާއި، ފަރަންސޭސި ވިލާތާއި، ހުޅަނގު ޖަރުމަނާއި، ޚުދް އެމެރިކާއާވެސް ވަނީ ގާތްގުޅުންތަކެއް އުފެދިފައެވެ. ބައިނަލް އަޤްވާމީ އެޓަމިކް ބާރާބެހޭ އިދާރާއަށް އިންޑިޔާގެ ނިއުކްލިޔަރ ރިއެކްޓަރތައް ޗެކުކުރުމުގެ ހުއްދަނުދެނީވެސް ސާމިރާޖީ ބާރުތަކުގެ އެހީގައެވެ. ތާލުޕޫރުގެ ނިއުކްލިއަރ ރިއެކްޓަރަށް ފަރަންސޭސީންގެ ޔޫރޭނިއަމް ލިބޭ ގޮތް ހަމަޖެހުނީ އިހަށްދުވަހުއެވެ. ފީނާ ބޯޓާއި (ސަބްމެރިން) ފީނާ ބޯޓު ބަނުމުގެ ހުނަރުވެރިކަން ހުޅަނގު ޖަރުމަނުން އިންޑިޔާއަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާއިންވެސް ވަރަށްގިނަ ހަތިޔާރާއި އެންމެ މިޒަމާނުގެ އެފް ސޯޅައިގެ ބޮމް އަޅާ ބޯޓް އިންޑިޔާއަށް ވިއްކުމަށްވަނީ އެއްބަސްވެފައެވެ. ކުރުކޮށް ދަންނަވާނަމަ އިންޑިޔާއޮތީ ފުރިހަމައަށް ހަނގުރާމައިގެ ހަަތިޔާރު އަޅައިގެންނެވެ.

އިސްލާމީ ޤައުމުތަކާ ދެކޮޅަށް ސާމިރާޖީ ބާރުތައް ހިންގާ ޢުދުވާނީ ޙަމަލާތަކުގެ ދެވަނަ މަރްޙަލާއަށްފަހު ދެންއޮތީ އެބައިމީހުންގެ ތިންވަނަ މަރުޙަލާއެވެ. އަސްލު އަމާޒުފަތްގަނޑަށް ވާސިލުވުމެވެ. އެއަމާޒުފަތްގަނޑަކީ މާތްވެގެންވާ މައްކާއާއި މަދީނާ ހިފުމެވެ.

ސާމިރާޖީ ބާރުތައް ރަނގަޅަށް ދަންނަ ފަދައިން އެމާތްވެގެންވާ ދެ ޙަރަމްފުޅަށް މުސްލިމުންގެ ހިތުގައި ދެވިފައިވަނީ ވަރަށް މަތިވެރި މަޤާމެކެވެ. އެއިން ޙަރަމްފުޅަކާ ދިމާކޮށްފިނަމަ މުސްލިމުން އެމީހުން ފުރާނަތައް ޤުރުބާންކޮށްލާނެކަމީ ޔަޤީންކަމެކެވެ. އެހެންކަމުން މުޤައްދަސް ދެޙަރަމްފުޅާ ދިމާކުރުމުގެ ކުރިން މުސްލިމުންގެ ބޮޑެތި ޢަސްކަރީ ބާރުތައް ފުނޑުފުނޑުކޮށްލުން ނުވަތަ އެބާރުތައް އެމީހުންގެ ނުފޫޒުގެ ދަށަށް ގެނައުމުގެ މުހިންމުކަން އެމީހުން ހަނދާން ނައްތައެއް ނުލައެވެ. މުސްލިމުންގެ ޢަސްކަރީ ބާރުގެ ރަމްޒުކަމުގައި ހިމެނޭ ޤައުމުތަކަކީ އިންޑޮނޭޝިޔާއާއި، މިޞްރާއި، ތުރުކީއާއި، ޕާކިސްތާނާއި، އީރާނެވެ. އޭގެ ތެރެއިން މިޞްރު މިހާރުވަނީ އެމެރިކާގެ ނުފޫޒުގެ ދަށަށް ގެންގޮސްފައެވެ.

ޝައްކެއްވެސް ނެތެވެ. އިންސާނުންނަށްމާތްﷲ ދެއްވަނީ އެބަޔަކު ކުރި މަސަތްކަތެއްގެ މޭވާއެކެވެ. އަޅުގަނޑުމެންގެ ކުޅަދާނަ އަދީބަކު ކަމުގައިވާ އަލްފާޟިލް އަބްދުﷲ ޞާދިޤު އޭނާގެ ޅެންބައިތެއްގައިވަނީ ޤައުމުތަކުގެ ޙާލަތު ބަދަލުވަމުންދާ އިލާހީ ޤާނޫނު ވަރަށް ފުރިހަމައަށް ބަޔާންކުރައްވައިފައެވެ. އާދެ! އޭނާ ވިދާޅުވެފައިވަނީ

"ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ޤައުމެއްގެ ޙާލަތެއް

ނުވާނަމަ ޤައުމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލަތެއް"

މިފަދައިންނެވެ.

ކުރިންވެސް ދަންނަވައިފައިވާނެ ފަދައިން އިސްލާމީ ޤައުމުތައްވަނީ ބައިބައިވެފައެވެ. މުސްލިމުން ތިބީ ހުރިހާކަމެއްވާނީ ރަނގަޅަށްކަމަށް އުންމީދުކޮށްގެނެވެ. އެ ޔަޤީންކަމުގައެވެ. އިސްލާމީ ޤައުމުތައް ކަންނެތްކަމުން އެއްކިބާވެ އެކުވެރިކަމާއި އެއްބައިވަންތަކަން ނުއުފައްދައިފިނަމަ އެއްޤައުމަކަށްފަހު އަނެށް ޤައުމެއް ފުނޑުފުނޑުވެގެންދާނެކަމީ ކަށަވަރުކަމެކެވެ.

ޝައްކެއްވެސް ނެތެވެ. ސާމިރާޖީ ބާރުތަކަކަށް މާތްވެގެންވާ އިސްލާމްދީން ނައްތައެއް ނުލެވޭނެއެވެ. ނުރައްކަލާއި ބިރުވެރިކަން ކުރިމަތިވެފައިވަނީ އިސްލާމްދީނަކަށެއް ނޫނެވެ. މުސްލިމުންކަމުގައި ދަޢުވާކުރާ އަޅުގަނޑުމެންނަށެވެ. މާތްވެގެންވާ އިސްލާމްދީނުގެ ބާރާއި އިސްލާމްދީނުގެ މުޤައްދަސް ޝަޢާއިރުތައް ދިފާޢުކޮށް ރައްކައުތެރިކުރުމަކީ މުސްލިމުންގެ ވާޖިބެކެވެ. އެކަމަށް އެކަށޭނަބަޔަކު ކަމުގައި އަޅުގަނޑުމެން ނުވެއްޖެނަމަ ﷲ ސުބްޙަނަހޫ ވަތަޢާލާ މިހާރު މިތިބަ މުސްލިމުން ދުޝްމަނުންގެ ޛަރީޢާއިން ނެތިކުރައްވައި ހިތްވަރާއި ފަންވަރުހުރި އިސްލާމީ އައުނަސްލެއް ފޮނުއްވާނެކަމީ ޝައަކެއްވެސް ހުރިކަމެއްނޫނެވެ. (ނިމުނީ)

comment ކޮމެންޓް