ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމުގެ ބޭނުންތެރިކަން

ހަނރުރާމައިގެ ހަމަނުޖެހުންތައް ބޮޑު ސީރިއާގެ މަގުމަތީގައި ކުޑަކުއްޖަކު ބައިސްކަލެއްގައި: އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ވުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައި --- ފޮޓޯ ދަ ސަންޑޭ ޓައިމްސް

ނޯޓް: މި މައުޟޫއަށް މީގެ 33 އަހަރު ކުރީން (ނޮވެމްބަރ، ޑިސެމްބަރ 1982) ގައި އަޅުގަނޑު ވާނީ ރާއްޖޭގެ ދުވަހު ނޫހެއްގައި މަޒުމޫނެއް ޝާއިޢު ކޮށްފަ އެވެ. މި މަޒުމޫނުގެ އަސްލަކަށް ބަލައިފައިވަނީ އެދުވަސްވަރު ޕާކިސްތާނުގައި ނިކުތް މަޖައްލާއެއް ކަމުގައިވާ "ވޯލްޑް އިސްލާމިކްޓައިމްސް" ގައި ޝާއިޢު ކުރެވުނު ބައެއް ލިޔުންތަކެވެ. މި މައުޟޫއަށް އަލުން މަޒުމޫނެއް ޝާއިޢުކުރާ ހިތްވީ އިސްލާމީ ބައެއް ޤައުމުތައް ޓެކްނޮލޮޖީގެ މައިދާނުގައި ކުރިއެރުންތަކެއް ހޯދިކަމުގައި ވިޔަސް ޢާއްމު ޙާލަތު އެދުވަސްވަރަށް ވުރެވެސް މިހާރު މާބޮޑަށް ދަށަށް ގޮސްފައިވާތީއެވެ. ސުންނާފަތި ވެފައިވާ ޤައުމުތަކުގެ ލިސްޓަށް އިރާޤާއި ލީބިޔާ އިތުރުވެ ސޫރިޔާ އިން ހުޅުއަރަމުން ދާތީއެވެ. އައި.އެސްގެ މުސީބަތް ހައްދު ފަހަނަޅައިދާތީއެވެ. ހަަމަ އެއާއެކު މިހާރަކަށް އައިސް އަރަބި ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރެއް އުފައްދާ ވާހަކަ ދެކެވެމުންދާތީވެސްމެއެވެ.

ކުރީގެ މަޒުމޫނުގެ ޢިބާރާތްތަކަށް ބައެއް ބަދަލުތައް މި މަޒުމޫނުގައި ގެނެސްފައި ވާނެ އެވެ. އަދި ބައެއް ބައިތައް އިތުރުކޮށްފައިވެސް ވާނެ އެވެ. (ފާރޫޤް)

-----------------------------------------------------------------------------------------

(3 ސެޕްޓެމްބަރު ދުވަހުގެ އަދަދާ ގުޅޭ)

ރަޝާއާއި އެމެރިކާގެ ރޭވުން

ރަޝާއާއި އެމެރިކާގެ ސާމިރާޖުން އިސްލާމީ ޤައުމުތަކުގެ ޢަސްކަރީ ބާރު ވަރުގަދަޔަށް ކޮންޓްރޯލް ކުރުމަށާއި މުސްލިމުން ބައިބައިކުރުމުގައި އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވަމުން ގެންދަނީ ޙައިރާންވާފަދަ ދަރަޖައަކަށެެވެ. ޚާއްޞަކޮށް އެދެޤައުމުގެ ދެމެދުގައި އޮންނަ ވާދަވެރިކަމާއެކުވެސް މެއެވެ.

ރަޝާއާއި އެމެރިކާއާ ދެމެދުގައި އޮންނަ ޑޭޓޯންޓްގެ މަޤްޞަދާ ބެހޭގޮތުން ދުނިޔެއަށް ތަފާތު އެންގުންތަކެއްވަނީ އަންގައިފައެވެ. ނަމަވެސް އެޑޭޓޯންޓްގެ އަޞްލު މަޤްޞަދު މިހާތަނަށްވެސް ވަނީ ސިއްރުކުރެވިފައެވެ. ޙަޤީޤަތަށް ދަންނަވާނަމަ ބައިނަލްއަޤްވާމީ މައްސަލަތަކާބެހޭ ގޮތުން ރަޝާއާއި އެމެރިކާއާ ދެމެދުގައި ޑޭޓޯންޓް ނުވަތަ ގާތް އެހީތެރިކަމެއް ބޭއްވުމުގެ އެއްބަސްވުމެއް އެއްބަސްވެފައިވަނީ، މައިގަނޑު ދެކަމަކާ ގުޅޭގޮތުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ އިސްލާމީ ޤައުމުތައް ނިކަމެތިކޮށްލުމާއި އިސްލާމީ ބާރު ފުނޑުފުނޑުކޮށް ނުފޫޒު ކަނޑުވައިލުމެވެ. އިސްލާމީ ދުނިޔެއަށް ކުރިމަތިވާ ގާތްގަނޑަކަށް ކޮންމެ ބޮޑު ޙާދިޘާއަކާ ގުޅިގެން ބޮޑު ދެބާރުގެ ދެމެދުގައި އޮންނަ ގާތްކަމާއި އެހީތެރިކަން ހާމަވެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މިއެހީތެރިކަން 1965 ގައި އިންޑޮނޭޝިޔާއިންވަނީ ފެނިފައެެވެ. ޑޮކްޓަރ އަޙްމަދު ސުކާނޯ ވެރިކަމުން ދުރުކުރެވުމާ ގުޅިގެން އިންޑޮނޭޝިޔާ ބައިބައިވެ ޢަސްކަރީބާރު ހުލިވެގެން ދިޔަ ދަނޑިވަޅު ރަޝާ އިންޑޮނޭޝިޔާއަށް ދިއްކޮށްފައިވާ އެހީގެ އަތް ވަނީ ކުއްލިއަކަށް ދަމައިގެންފައެވެ. އެމެރިކާގެ އަނގަޔަށް އިންޑޮނޭޝިޔާ ވައްޓައިލައިފައެވެ. އޭގެ ބަދަލުގައި އެމެރިކާ ރަޝާއަށް ދިނީ އަފްޣާނިސްތާނާއި، ޕާކިސްތާނެވެ. 1965 އާއި 1971 ގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ކުރެވުނު ދެހަނގުރާމައިގައިވެސް ޕާކިސްތާނާ ދެކޮޅަށް ބޮޑުދެބާރު ޙަރަކާތްތެރިވީ އެއްވެސް ވަންހަނާކަމެއްނެތި ފާޅުގައެވެ. ޢަރަބީންނާއި އިސްރާއީލާ ދެމެދު ހިނގާ ކޮންމެ ހަނގުރާމައެއްގައި ހުރިހާ ގެއްލުމެއް އުފުލަންޖެހެނީ ޢަރަބީންނަށެވެ. ނަތީޖާއަކަށްވަނީ ޢަރަބީން ހައްތާ ނިކަމެތިވުމެވެ. ބަލިކަށިވުމެވެ. މިކަމުގައި ރަޝާ އެމެރިކާއަށް ފުރިހަމައަށް އެހީވެދެއެވެ. ރަޝާގެ ކޭމްޕުގައި ތިބޭއިރުވެސް އެއްވެސް ހަނގުރާމައެއްގައި މިސުރާއި ސޫރިޔާއަށް ލިބުނު ގެއްލުން ފޫބައްދައެއް ނުދެއެވެ.

1979 ގައި ރަޝާ އަފްޣާނިސްތާނަށް އެރުމާއެކު އެމެރިކާ އެބައިމީހުންގެ މަކަރުވެރި ސިޔާސަތުގެ ދަށުން ރަޝާއަށް އަފްޣާނިސްތާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތު ހޯދައިދިނެވެ. ހަމައެއާއެކު އަފްޣާނިސްތާނާ ސަރަޙައްދީގޮތުން ގުޅިގައިހުރި އަވަށްޓެރި ޤައުމުތައް ވާވައްދައި އަފްޣާނިސްތާނުގެ ދަތި އުނދަގޫ މައްސަލަ ޙައްލުކުރުމުގައި ޒަމާންތަކަަށް ދެމިގެންދާފަދަ ދިގު ޕޮލިސީތަކުގެ ދަލެއްގައި ފަތުރައިލިއެވެ.

އީރާނާއި ޢިރާޤާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދިގުދެންމުމަށްޓަކައި ބޮޑުދެބާރު މަސައްކަތްކުރަނީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެންނެވެ. އެކަމަށްޓަކައި ޢަރަބީންނާއި ފާރިސީންގެ މެދުގައި ނަފްރަތާއި ދުޝްމަނުކަން އުފެދޭކަހަލަ ޕްރޮޕެގެންޑާ ކުރުމުގެ އަޑުތައް އަރުވަމުން ގެންދަނީވެސް ދެބައިމީހުން ގުޅިގެންނެވެ. ދާދިފަހުން އިސްލާއީލުގެ ވަޙްޝީ ސިފައިން ލުބްނާނަށް އެރީ އެމެރިކާގެ އެހީގައެވެ. އިސްރާއީލް ލުބްނާނުގައި ފަލަސްޠީނު މީހުންގެ ޤަތުލު އާއްމެއް ހިންގިއެވެ. ނަމަވެސް ފަލަސްޠީނު މީހުންނަށް ތާއީދުކުރާކަމުގައި ދަޢުވާކުރާ ރަޝާއޮތީ މަޑުމަޑުންނެވެ. ކުޅިބަލާމީހެއްގެގޮތުގައެވެ.

އެމެރިކާއާއި ރަޝާގެ ޑޭޓޯންޓްގެ އަނެއް މަޤްޞަދަކީ ޒަޔަނިޒަމް ފެތުރުމުގައި ދެބާރު ގުޅިގެން އެހީތެރިވެދިނުމެވެ. 1948 ގައި އިސްރާއީލް އުފެއްދުމުގައި ރަޝާ ޢަމަލީގޮތުން ބައިވެރިވިއެވެ. ބައިނަލް އަޤްވާމީ ހުރިހާ އިދާރާތަކަކަށް އިސްރާއީލް ވައްދަން ތާއީދުކުރިއެވެ. މިގޮތުން ސޯޝަލިސްޓް އިންޓަރނޭޝަނަލަށްވެސް އިސްރާއީލްވަނީ ވައްދައިފައެވެ. ފަލަސްޠީނު މީހުންގެ އަތުން ފޭރިގެންފައިވާ ބިމުގައި އިސްރާއީލް ދެމިއޮތުމަކީ ހުއްދަކަމެއްކަމުގައި ފާޅުގައި ބަޔާންކޮށް އެކަމަށް ޙިމާޔަތްދެމުން ގެންދިޔައެވެ.

އެންސައިކްލޮޕީޑިޔާ އޮފް ބްރިޓޭނިކާ ބަޔާންކުރާގޮތުގައި ޒަޔަނިޒަމް އުފެދުނީ ސެންޓްރަލް ޔޫރަޕާއި، އިރުމަތީ ޔޫރަޕްގައެވެ. އެންމެ ފުރަތަމަ ބޮޑުހަނގުރާމައިގެ ކުރިން ޒަޔަނިޒަމަށް އެންމެ ބޮޑަށް ތަރްޙީބުދިނީ ރަޝާގެ ޔަހޫދީންނެވެ. އެމެރިކާއާ ދެމެދުގައި އޮންނަ ޑޭޓޯންޓްގެ ދަށުން ރަޝާވަނީ އެތައްލައްކަ ޔަހޫދީންނަކަށް އިސްރާއީލަށް ހިޖްރަކުރުމުގެ ފުރުޞަތުދީފައެވެ. ނަމަވެސް ރަޝާގައި ބައިމަދު އެއްވެސް ޖަމާޢަތެއްގެ ބަޔަކަށް ރަށުން ބޭރަށް ހިޖްރަކުރުމުގެ ހުއްދައެއް ނޯވެއެވެ. އެމެރިކާއާއި ރަޝާގެ އެއްބަސްވުމުގެ މަތިން އިސްރާއީލަކީ މެދުއިރުމަތީގެ ވަރުގަދަ ޢަސްކަރީ ބާރަކަށްވަނީ ހަދައިފައެވެ. އެހިސާބުގަނޑުގައި އިސްރާއީލުގެ އަސްކރީ ބާރު ފަތުރައިފައެވެ. ބޮޑުދެބާރުގެ މަޞްލަޙަތަށްޓަކައެވެ. ބޮޑުދެބާރު ޒަޔަނިޒަމަށް ޤަދަރުކުރާންފެށީ އިސްލާމީ ބާރު މުލުން ލުހެލުމަށް ޒަޔަނިޒަމްކުރާ މަސައްކަތުގެ ސަބަބުންނެވެ. ޔަހޫދީންގެ ބައިނަލްއަޤްވާމީ ޖަމާޢަތުންވަނީ ދުނިޔޭގެ އިޤްތިޞާދާއި މަސައްކަތްތެރިކަމާއި އިންފޮމޭޝަންގެ ވަސީލަތްތަކާއި މަތީފެންވަރުގެ ޓެކްނޮލޮޖީއަށް ވެރިވެގެންފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި ރަޝާގެ ވެރިކަން ކުރާ ޖަމާޢަތްތަކަށް އެމީހުންގެ ނުފޫޒުވަނީ ފޯރައިފައެވެ. އެމެރިކާގައި އޮންނަ ޔަހޫދީންގެ ނުފޫޒަކީ އިތުރު ތަޢާރުފަކަށް ބޭނުން ކަމެއް ނޫނެވެ. މިއާ ޚިލާފަށް ރަޝާގައި އޮންނަ ޔަހޫދީ ނުފޫޒު ދުނިޔެއަށް އޮންނަނީ ސިއްރުކުރެވިފައެވެ. މިގޮތުން ޒަޔަނިޒަމްވަނީ އަނެއް ދެސާމިރާޖީބާރު އެމީހުންގެ މަޞްލަޙަތަށްޓަކައި ބޭނުން ކުރުމުގެ ޤާބިލުކަން ހޯދައިފައެވެ.

ތިންފަރާތުން އެއްފަހަރާ ޙަމަލާ

މިދެންނެވި ތިންފަރާތުން ގެންދަނީ އިސްލާމީ ޤައުމުތަކަށް އެއްވަރަކަށް ޙަމަލާދެމުންނެވެ. އިސްލާމީ ހުރިހާ ޤައުމުތަކެއް ނިކަމެތި ކޮށްލުމަށްޓަކައި އެކަށީގެންވާ ހުރިހާ ވަސީލަތްތަކެއް ދަނީ ބޭނުން ހިފަމުންނެވެ. ބޭރުގެ ޙަމަލާތައް ދިފާޢުނުކުރެވޭ ވަރަށް ނުވަތަ އެތެރޭގެ ހަމަނުޖެހުންތަކުން ސަލާމަތް ނުވެވޭވަރަށް ބަލިކަށިކޮށް ނިކަމެތިކޮށްލުމަށްޓަކައެވެ. 8 ޖޫން 1982 ގައި އިސްރާއީލް ލުބްނާނަށް ޙަމަލާ ދިން އިރު ލުބްނާނަށް ވަގުތުން އަސްކަރީ އެހީ ވެވިދާނެ އަވަށްޓެރި ޢަރަބި ޤައުމުތަކެއްހުއްޓެވެ. ނަމަވެސް މިސްރާއި، އުރުދުނާއި، ސޫރިޔާއާއި، ޢިރާޤާއި، ސަޢޫދީ ޢަރަބިއްޔާވަނީ ޢަސްކަރީގޮތުން އަތްފައިހަލުވައިނުލެވޭގޮތަށް "ބަނދެލައި"ފައެވެ.

މިއަދު ކަންދިމާވެފައިވާ ގޮތުން އެއްވެސް އިސްލާމީ ޤައުމަކަށް އަމިއްލައަށް ތިމާމެންގެ ޤައުމު ދިފާޢުކުރުމުގެ ކުޅަދާނަކަމެއް ލިބިގެނެއްނުވެއެވެ. އިންޑިޔާއާއި އިސްރާއީލްވަނީ އެއްވެސް އިސްލާމީ ޤައުމަކަށް އެމީހުންނާ ދިމާނުކުރެވޭ ވަރަށް ބާރުގަދަކޮށްފައެވެ. ޢަސްކަރީ މައިދާނުގައި މާބޮޑުތަން ކުރިއަރައިފައެވެ. ކަން މިހެން ހުރުމާއެކު މިހާރު ކަންހުރި ގޮތުން އިސްލާމީ ޤައުމުތައް އެކުވެގެން ކުރާ މަސައްކަތްވެސް މާބޮޑު ބޭނުމެއް ނުހިފި ހިނގައިދާނެއެވެ. ނަމަވެސް އިންޤިލާބީ ޙިކްމަތު ޢަމަލީއެއްގެ ދަށުން ހުރިހާ އިސްލާމީ ޤައުމުތައް ގުޅިގެން ވަރުގަދަޔަށް މަސައްކަތްކޮށްފިނަމަ މުސްލިމުންގެ މަޤާމް ޙިމާޔަތްކުރެވިދާނެކަމީ ޝައްކެތްހުރިކަމެއް ނޫނެވެ.

މިހިސާބުން އަޅުގަނޑު މިސްރާބުޖަހާނީ އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެއްދުމުގައި ކުރިމަތިވާ ވަރަށް މުހިންމު ދެސުވާލަކާ ދިމާޔަށެވެ. އެންމެ ފުރަތަމަ ސުވާލަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި މިހާރު ހުރި ދެބަސްވުންތަކާއެކު ގުޅިގައިވާ ޢަސްކަރީ ބާރެއް އުފެއްދިދާނެ ބާވައެވެ؟ މިއެވެ. ދެވަނަ ސުވާލަކީ ގުޅިފައިވާ ވަރުގަދަ ދިފާޢީ ބާރެއް އުފެއްދުމުގެ އެކަށޭނަކަން އިސްލާމީ ޤައުމުތަކުގައި އެބަހުރިބާވައެވެ؟ މިސުވާލެވެ.

އެންމެ ފުރަތަމަ ސުވާލާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނައިލާއިރު އިސްލާމީ ޤައުމުތަކުގެ ސިޔާސީ އުދަރެސް މާޔޫސްވާންޖެހޭހައިވެސް ބަނައެވެ. އިސްލާމީ ޤައުމުތަކުގެ މެދުގައި ދެބަސްވުންތައް އުފެދިފައިވަނީ އެއްކަމެއް ނުވަތަ ދެކަމެއްގައެއްނޫނެވެ. ސިޔާސީ، މަޒްހަބީ، ޘަޤާފީ، ޖިއޮގްރަފީ ބިންގަލުގެ މައްޗަށް ބިނާވާ ނުހަނު ވަރުގަދަ ދެބަސްވުންތައް އެބަހުއްޓެވެ. ހަމައެއާއެކު އިސްލާމީ ޤައުމުތަކުގެ ވެރީންގެ މެދުގައި ޝަޚްޞީ އަރާރުމާއި ރުޅިވެރިކަމާއި ޙަސަދަވެރިކަންވެސް އެހާމެބޮޑެވެ. ކަރިރި ނުވަތަ ދުރު މުސްތަޤްބަލެއްގައިވެސް މިދެންނެވި ދެބަސްވުންތައް ހައްލުކުރެވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އުފާވެރި ޖައްވެއް އުފެދޭނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

ޝައްކެއްނެތެވެ. ހެވާއި ނުބަޔާއި، ދެބަސްވުންތަކާއި އެހީތެރިކަމަކީ އަބަދުވެސް އެކުއެކުގައި ހިނގަމުންދާ ކަންކަމެވެ. އެހެންކަމުން ބުއްދިވެރިގޮތަކީ އަޅުގަނޑުމެންގެ މެދުގައި ހުރި ރަނގަޅުކަންތައްތަކުގެ ފައިދާ ލިބިގަނެ ގުޅިފައިވާ މަޞްލަޙަތުތަކަށްޓަކައި އެއްބައިވަންތަކަމުގެ ޖައްވެއް އުފެއްދުމެވެ. ވިސްނުންތެރިކަމާއިއެކު ކުރިޔަށް ދަތުރުކުރަމުންދާ ޤައުމުތަކުން ޢަމަލުކުރަމުން ގެންދާ ގޮތަކީވެސް އެއީއެވެ. ހުޅަނގު ޔޫރަޕްގެ ޤައުމުތައް އެބައިމީހުންގެ މެދުގައިހުރި ދެބަސްވުންތަކާއި ނަސްލީ ބެހުންތަކާއެކުވެސް އިޤްތިޞާދީ އެއްބަނޑު އެއްބަފާކަމުގެ ޖަމްޢިއްޔާއެއްވަނީ އުފައްދައިފައެވެ. އަދި ކީއްތޯއެވެ؟ ޔޫރަޕްގެ ގުޅިފައިވާ ޕާލަމެންޓެއް އުފެއްދުމުގައިވެސް ވަނީ ކާމިޔާބު ހޯދައިފައެވެ. މިގޮތުން ބަލާއިރު އިސްލާމީ ޤައުމުތަކުގެ މެދުގައިވެސް އެއްބަސްވެވޭ ކަންތައްތަކެއްވެސް މަދެއްނޫނެވެ.

ޣައިރު މުސްލިމުންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރުވުމަށްޓަކައި ރާވަނީ ކޮންކަހަލަ ރޭވުމެއް؟

އިސްލާމީ ޤައުމުތަކުގެ މެދުގައި ދެބަސްވުންތަކާއި އަރައިރުންތައް އުފެއްދުމުގައި ޣައިރު މުސްލިމުންގެ ޕްރޮޕެގެންޑާގެ ވަސީލަތްތައް ވަރަށް މުހިންމު ދައުރެއް ކުޅެއެެވެ. ރަޝާއާއި ހުޅަނގުގެ މީޑިޔާގެ ވަސީލަތްތައް މުޅި އިސްލާމީ ދުނިޔޭގައިވަނީ ފެތުރިފައެވެ. އެބައިމީހުން މުސްލިމުންގެ ދާދިކުދިކުދި ދެބަސްވުންތައްވެސް "ލޮލުންދެކެ އަތުންހިފި" ނުވަތަ "ޙާދިޘާ ހިނގިއިރު އެތާގައިހުރި" މީހެއްގެ ބަޔާނުގެ ގޮތުގައި ބޮޑުކޮށްފައި ފަތުރަމުންގެންދެއެވެ. މުސްލިމުންގެ މެދުގައި ޙަސަދައާއި ދެކޮޅުވެރިކަން އުފައްދަމުން ގެންދެއެވެ. ހަމައެފަދައިން އިސްލާމީ ޤައުމުތަކުގައި މަސައްކަތްކުރާ ބޭރުގެ މާހިރުންވެސް "ތަޙްޤީޤް" ނުވަތަ "ރިސާޗް" ނުވަތަ "ހޯދައިބެލުން" ފަދަ ނަންނަމުގައި މުސްލިމުންގެ ކިބައިގައި ހުރިނަމަ ހުރި ބަލިކަށިކަމެއް ނުރުހެވޭފަދަ ހުތުރު ސިފަސިފައިގައި ދުނިޔެއަށް ނެރެދައްކައި ހާމަކުރަމުންގެންދެއެވެ. މުސްލިމުންގެ އެއްބައެއްގެ ހިތުގައި އަނެއްބަޔަކާމެދު ނަފުރަތު އުފައްދައި ހަނގުރާމައިގެ ހުޅުގަނޑު ރޯކުރުމުގެ ވާޖިބު އަދާކުރަމުން ގެންދެއެވެ. މިހުރިހާ އަޑުތަކެއް އަރުވަނީ ނުހަނު ހުޝިޔާރު ކަމާއެކުގައެވެ. ތަފާތު ނަންނަމުގައެވެ. މުސްލިމުންގެ ނުވިސްނޭ ޢާންމުން އެއީ މުޅީން ތެދުކަމުގައި ޤަބޫލުކޮށް އަނެއްބަޔަކާ މެދު ހިތްނުބައިކޮށް ހިތުގައި ރުޅިވެރިކަން އުފައްދަމުން ގެންދެއެވެ. މިދެންނެވި ވާހަކައިގެ ހެކިތައް ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަން އެބަހުއްޓެވެ. މިމަޒުމޫނު ވިދާޅުވާ ބޭފުޅުން ހަނދުމަފުޅު އާކޮށްލެއްވުމަށްޓަކައި އަޅުގަނޑު މިލިޔަނީ ދާދިފަހުން ހިނގައިފައިވާ މުހިންމު ދެތިން ހާދިޘާއެކެވެ.

1980 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި އެމެރިކާގެ ކޮމާންޑޯތައް އީރާނުގައި ތިބި އެމެރިކާގެ ހޮސްޓެޖުން ސަލާމަތްކުރުމަށްޓަކައި ކުއްލި ޙަމަލައެއް ދިނެއެވެ. އެމީހުންގެ ޙަމަލަ ނާކާމިޔާބު ވުމާއެކު ރަޝާއާއި ހުޅަނގުގެ މީޑިޔާގެ މީހުން "ލޮލުންދުށް" މީހުންގެ ބަޔާނާއެކު ދުނިޔެއަށް ފަތުރައިލި ޚަބަރަކީ އެމެރިކާގެ ކޮމާންޑޯތައް އުދުހުނީ ޕާކިސްތާނުގެ ސަރަޙައްދުގެ ތެރެއިންކަމަށެވެ. އަދި އެޙަމަލާގައި ޕާކިސްތާނުން އެމެރިކާގެ ކަނޑުގެ އަރުމާދަށް އެހީވެދިންކަމަށެވެ. ނަތީޖާއެއްގެގޮތުން ޠަބީޢީގޮތުން އީރާނުގައި ޕާކިސްތާނާ މެދު ނުރުހުމުގެ ޝުޢޫރުތައް އުފެދުނެވެ. މިދެންނެވި ބުުހުތާންދޮގު އަޑުއެރުވުން ކާމިޔާބުވިއެވެ. ހަމައެފަދައިން މިބާވަތުގެ ދޮގު އަޑުތަކުގެ ޛަރީޢާއިން މިޞްރާއި ލީބިޔާއާ ދެމެދުގައިވެސް ވަނީ ހަނގުރާމަ ކިރިޔާ ފެށޭ ނުފެށޭ ހިސާބަށް ގެންގޮސްފައެވެ. މިހާރު އަރުވާ އަޑަކީ ޢަރަބީންގެ ޙަޤީޤީ ދުޝްމަނަކީ އިސްރާއީލެއް ނޫންކަމާއި އީރާނާއި އެތާގެ އިންޤިލާބްކަމުގެ އަޑެވެ. އީރާނާއި ޢަރަބި ޤައުމުތަކާ ދެމެދުގައިވާ އިސްލާމީ އުޚުއްވަތު ދުވަހެއް ދުވަހަކަށް ނެތެމުން ދަނީއެވެ. އެއްވެސް ބަޔަކު އެދެ އަޚުން ޞުލްޙަކުރުވާކަށެއް ނުއުޅެއެވެ. އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއް އުފެދޭނީ ހުޅަނގުގެ މިބާވަތުގެ ބުހުތާން ޚަބަރުތައް އިސްލާމީ ޤައުމުތަކުގެ މީޑިޔާގެ ވަސީލަތްތަކުން އެއްގޮތަކަށްވެސް ނުފަތުރައި ހުއްޓައިލައިގެންނެވެ.

އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ އަނެއްކަމަކީ މުސްލިމުންގެ މެދުގައިވާ ދެބަސްވުންތަކަކީ ކޮންމެ ކަހަލަ ދެބަސްވުންތަކެއް ކަމުގައިވިޔަސް އެދެބަސްވުންތައް އެންމެ ބޮޑަށް ހުރެގެން އުޅެނީ ސަރުކާތުތަކުގެ ފެންވަރުގައިކަމެވެ. މުސްލިމުންގެ ޢާންމުންގެ މެދުގައި ދެބަސްވުންތައް ވަރަށް ކުޑަކަމެވެ. ބައެއްފަހަރު ދެސަރުކާރެއްގެ ދެމެދުގައި ދެބަސްވުންތައް އުފެދޭއިރުވެސް އެދެޤައުމުގެ ޢާންމުންގެ މެދުގައި ގާތްގުޅުމެއް އޮންނަކަމެވެ.

ޢާންމުން ފުރިހަމަޔަށް ތަރްޙީބުދޭނެ

ކަން މިހެން ހުރުމާއެކު އިސްލާމީ އުންމަތުގެ ގުޅިފައިވާ ޢަސްކަރީ ބާރެއް އުފެދިއްޖެނަމަ، އެބާރަށް ޢާންމު މުސްލިމުން ވަރަށް މަތިވެރި ތަރްޙީބެއް ދޭނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. އެއްވެސް ޤައުމަކުން މިދެންނެވި ބާރާ ނުގުޅެން ޤަސްދުކޮށްފިނަމަ އެޤައުމެއްގެ ރައްޔިތުން އެކަމާ ދެކޮޅުހަދާނެކަމީވެސް ކަށަވަރު ކަމެކެވެ.

ދެން އަޅުގަނޑު މިބަލައިލަނީ ދިފާޢީގޮތުން އިސްލާމީ ޤައުމުތައް އެއްބަޔަކު އަނެއްބަޔަކާ ގުޅުމަށް އެހީވެދޭނެ ބައެއް ސަބަބުތަކެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ހުރިހާ އިސްލާމީ ޤައުމުތަކަށް އެއްބާވަތެއްގެ ނުރައްކަލެއްގެ ބިރު އިޙްސާސްވުމެވެ. އަނެއްކަމަކީ އެއްވެސް ޤައުމަކަށް އަމިއްލައަށް އެނުރައްކަލާ ކުރިމަތި ނުލެވޭކަން ޔަޤީންވުމެވެ. އެންމެންގެ ސަލާމަތްއޮތީ އެކުވެރި އެކަތިގަނޑަކަށް ވުމުގައިކަން ކަށަވަރުވުމެވެ. މިދެންނެވި ޙަޤީޤީ އަދި މައިގަނޑު ނުރައްކާ ހަނދާން ނައްތައިލެވޭނީ ތިމާމެންގެ ޢަޤީދާޢާއި މިނިވަންކަމަށް ޤަދަރުނުކުރާ ޤައުމަކަށެވެ. ދާދިފަހުން ލުބްނާނަށް އިސްރާއިލް އެރި އެރުމަކީވެސް އިސްލާމީ ޤައުމުތަކުގެ ލޯހުޅުވުމަށް ފުދޭކަމެކެވެ. އިސްރާއީލްގެ ނުރައްކަލާމެދު ފިކުރެއް ޚިޔާލެއްނެތި އެއްބަޔަކު އަނެއްބަޔަކާ ކޯޅި ކޯޅި ތިބުމުން އެއްކިބާވާން ޖެހޭކަމެވެ.

comment ކޮމެންޓް