ފުވައްމުލަކު ދެ ކުޅިއަކީ ގުދުރަތީ ރީތި ކަމުގެ މިސާލެއް، އަޅާލުން ބޭނުން!

ފުވައްމުލަކުގެ ބަންޑާރަ ކުޅި. މިއީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ކުޅިއެއް -- ސަން ފޮޓޯ: ފަޔާޒް މޫސާ

ފުވައްމުލަކުން: މުހައްމަދު ނާސިހު

ރަން ކުލައިގެ ދޯދިތަކުން ޖައްވު ޖަރީ ކުރަނީ އެވެ. ފެހި ކުލައިގެ ގަސްތަކުގެ ތެރެއިން އިރުގެ އަލިކަން ފޭދިގެން ދަނީ އެވެ. ދޫނިތަކުގެ ގޮވާލުމުން ޖައްވު ގުގުމަނީ އެވެ. ސާފު ރީތި ފެންގަނޑުގެ ތެރެއިން ވިލާތައް ޖާދުވީ ކުލަވަރު ދައްކާލަނީ އެވެ. ގުދުރަތީ ކޮންފަދަ ރީތި ކަމަކާއި އަޖައިބު ކަމެއް ބާއެވެ.

މިއީ ހަވީރެއްގެ ނިމުން އަންނަ ހިދު ފުވައްމުލަކު ބަންޑާރަ ކުޅީގައި ހުންނަ މީހެއްގެ ހިތަށް ވެރިވާނެ ޝުއޫރުތަކެވެ. އެ މަންޒަރު ބަލާފައި އާޝޯޚުވާނެ އެވެ.

ފުވައްމުލަކު ބަންޑާރި ކުޅި އާއި ދަޑިމަގު ކުޅިއަކީ ގުދުރަތީ ރީތި ކަމުގެ މިސާލެކެވެ. ރާއްޖޭގެ އެހެން ގިނަ ރަށްރަށާއި ތަފާތު ސިފަތައް ލިބިގެންވާ ފުވައްމުލަކަށް އަނެއްކާ ވެސް ތަފާތު ކަމެވެ.

ފުވައްމުލަކުގެ ބަންޑާރަ ކުޅި. މި ކުޅީގެ ބޮޑު މިނަކީ ޗަސްބިން ހިމެނޭ ގޮތަށް 41 ހެކްޓަރު -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުޅި އުފެދުނީ ކިހިނެއް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާގެ މުއާވިން ހުސައިން ޝަރީފު ވިދާޅުވީ ޒަމާންތަކެއް ކުރިން ފުވައްމުލައް ވެސް އޮތީ ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް އެކި ރަށްތަކުގެ މައްޗަށް އެކުލެވިފަ އެވެ.

"އަތޮޅެއް ގޮތަށް ކުރިން އޮތީ ވަށައިގެން ހިކިފައި އެތެރޭގައި ލޮނުގަނޑު އޮތީ ވިލު" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އަހަރުތައް ފާއިތުވެދިޔަވަރަކަށް ވިލު ގޮތަށް ހުރި ތަންތަން ތިލަވަމުން އައި ކަމަށެވެ. އެގޮތަށް ގޮސް އެތައް އަހަރެއް ފަހުން އެންމެ ފުންކޮށް ހުރި ތަންތަން މިހާރު ހުރީ ކުޅީގެ ގޮތުގައި ކަމަށާއި އަދި ތިލަކޮށް ހުރިތަންތަން މިހާރު ހުރީ އޮޅުތަކަށް ބަދަލުވެފައި ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ހަގީގަތަށް ދަންނަވަންޏާ ވަށައިގެން ހިކިފައި އެތެރޭގައި މޫދު އޮތް އަތޮޅެއް، [ފުވައްމުލަކަކީ]،" ޝަރީފު ވިދާޅުވި އެވެ.

ފުވައްމުލަކުގެ ބަންޑާރަ ކުޅި. އެތައް ދިރުންތަކެއް ދިރިއުޅޭ ތަނެއް -- ސަން ފޮޓޯ: ފަޔާޒް މޫސާ

ބަންޑާރަ ކުޅި އާއި ދަޑިމަގު ކުޅި

ބަންޑާރަ ކުޅި އާއި ދަޑިމަގި ކުޅި އޮތީ ގާނޫނީ ގޮތުން ހިމާޔަތްކޮށްފަ އެވެ. ވަރަށް ވެސް އުފާވެރި ޚަބަރެކެވެ. ނަމަވެސް "މި ކުޅި ވަނީ ހިމާޔަތްކޮށްފައި،" އޭ ލިޔެ ޕްރިންޓްކޮށްލާ ކަރުދާހަކުން ހަގީގީ މާނައިގައި ކުޅި އަށް އެއްވެސް ހިމާޔަތެއް ނުލިބި އެވެ. ރާއްޖޭގައި އެއްމެ ފަހުން ބޭއްވި ސާކު ސަމިޓްގެ ދުވަސްވަރު ބަންޑާރަ ކުޅީގައި، ކުޑަ ބްރިޖަކުން ގުޅުވައިގެން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން "ލޭކް ސައިޑް ރެސްޓޯރެންޓް" ނަމުގައި ރީތި ފުރިހަމަ ރެސްޓޯރެންޓެއް ހެދި އެވެ. ނަމަވެސް މިހާރު އެތަން ބަލާލުމުން ފެންނަނީ 'ހުރިހާ ސައިޑަކުން ރޯނާވެފައި' ހުއްޓަ އެވެ.

ފުވައްމުލަކުގެ ބަންޑާރަ ކުޅި އަށް ދިއުމަށް ހަދާފައިވާ ކުޑަ ބްރިޖާއި އެތަނުގައި އެޅި ރެސްޓޯރެންޓް. މިހާރު މިތަން ވަނީ ވީރާނާވެފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދަޑިމަގި ކުޅި އަށް ޒިޔާރަތް ކުރި އިރު އެތަނުގެ އުފާވެރިކަން ކުދިންތަކެއް އިހްސާސް ކުރަމުން ދިޔަ އެވެ. ސާފު ފެނުގައި ފީނާލާ 'ޖަމްޕެއް' ޖަހާލުމުގެ އުފާވެރިކަމެވެ. ބަންޑާރަ ކުޅީގެ ބޮޑު މިނަކީ ޗަސްބިން ހިމެނޭ ގޮތަށް 41 ހެކްޓަރެވެ. ދަޑިމަގި ކުޅިގެ ބޮޑު މިނަކީ ޗަސްބިން ހިމެނޭ ގޮތަށް 69 ހެކްޓަރެވެ.

ފުވައްމުލަކުގެ ދަޑިމަގި ކުޅީގައި ކުދިން ތަކެއް އުފާކޮށްލަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުޅި އަކީ ނުލާހިކު މުހިއްމުތަނެއް

"ކިޅި އަކީ ނިލާހިކަ މުހިއްމުތަނެއްތާ. ބައެކެން އާފަހެނާ ފެރަތަމާށާސް ކިޅިއެ ވާހަކަ އަހަނީ. ސާކްސަމިޓަހަ ވަރަހަ ބޮޑޮ ޚަރަދޮތެކެއް ކޯލާފެއި އެތަން ހެދީ، ހަދާފޭ އެހާ ސަޅިކޮހޮ ހިށެފޭ އެތަން ވީރާނާވެގެން އެބަގޭންމާސް މީހުން އަޑޮލަވައްތާ، އެއޮށްބޮޑޮ ޚަރަދޮކޯފައި ހިށި ތަނައް މަރާމާތު ނިކޯ ހީީށުއްމާޔާ،" ފުވައްމުލަކު މާދަޑަށް ނިސްބަތްވާ ޚަދީޖާ މުހައްމަދު ފުވައްމުލަކު ބަހުން ބުންޏެވެ.

ކުޅިއަކީ ފުވައްމުލަކަށް ޒިޔާރަތްކުރާ މީހުން ކޮންމެހެން ބަލާލަން ބޭނުންވާ ތަނެކެވެ. އަދި ރަށުގެ ރައްޔިތުން ފަޚުރެއް ކަމުގައި ދެކޭ ތަނެކެވެ. ނަމަވެސް ކުޅިއަށް އެކަށީގެންވާ އަޅާލުމެއް ނުދެވެ އެވެ.

ފުވައްމުލަކުގެ ދަޑިމަގު ކުޅީގައި ކުދިން ތަކެއް އުފާކޮށްލަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވީ ބަންޑާރަ ކުޅީގައި ހަދާފައިވާ ރެސްޓޯރެންޓް މަރާމާތު ނުކުރާތާ މިހާރު ހަތަރު އަހަރުވެފައިވާ ކަމަށެވެ. ސަބަބަކީ މަރާމާތަށް ބޭނުންވާ ފައިސާ ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކުގެ ފަންނުވެރިން ޖަމިއްޔާ އަށް ނިސްބަތްވާ ފައިޒާން ފާއިޒު ބުނީ ކުޅި އަކީ ވަރަށް ގިނަ ތަފާތު ދިރޭތަކެތި ދިރިއުޅޭ ތަނަކަށްވާ އިރު އެތަން 'ހަގީގީ މާނައިގައި' ހިމާޔަތް ކުރުމަކީ ވަރަށް މުހިއްމު ކަމަށެވެ.

"ކުޅީގައި ވަރަށް ގިނަ ދިރޭތަކެތި އުޅޭ، އެ ތަކެއްޗަކީ އެ މާހައުލަށް ވަރަށް މުހިއްމު އެއްޗެއް، ބޭނުންތެރި އެއްޗެއް. އެ އެއްޗެހި ހިމާޔަތްކުރެވިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" ފައިޒާން ބުންޏެވެ.

ފުވައްމުލަކު މީހަކާ ކައިވެނިކޮށްގެން އުޅޭ ހުވަދު އަތޮޅަށް ނިސްބަތްވާ އާދަމް ޒާލިފް ބުނީ ފުވައްމުލަކު މީހުންނަށް ވުރެ ކުޅީގެ ރީތިކަން ބޮޑަށް އިހްސާސް ކުރެވޭނީ އެހެން ރަށްރަށުން ނުވަތަ އެހެން ގައުމުތަކުން އެ ރަށަށް އަންނަ މީހުންނަށް ކަމަށެވެ.

"ފުވައްމުލަކުގައި މިހާރު ފަތުރުވެރިކަން މަޑުމަޑުން މިދަނީ ކުރިއަށް. އެހެންކަމުން ކުޅިތައް ހިމާޔަތްކުރުން މިއޮތީ ކުރިއަށް ވުރެ މާ މުހިއްމުވެފައި. ކުރިން ހަމައެކަނި ތިމާވެށީގެ ކަމެއް އެއީ މިހާރު ކުޅި ހިމާޔަތްކުރުމަކީ އިގްތިސާދީ ކަމެއްވެސްމެ،" ޒާލިފު ބުންޏެވެ.

ފުވައްމުލަކުގެ ދަޑިމަގު ކުޅި. ހިމާޔަތާއި ރައްކާތެރިކަން ބޭނުންވެފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުޅި ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ފުވައްމުލަކުގެ ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ.

އެއްގޮތަކަށް ވުރެ ގިނަ ގޮތުން ފުވައްމުލަކުގެ ރައްޔިތުންނާއި ދެ ކުޅި އާ ވަނީ ގުޅިފަ އެވެ. ފުވައްމުލަކުގައި މަސް ލިބުމުގައި ދަތިވެ ރައްޔިތުން ހާލުގައި ޖެހޭ ފަހަރު ކުޅިން މަސްހިފައިގެން ބަނޑުފުރާނަ މުއްތިކުރި އެވެ. ރަށުގެ ޝަރަފެއްގެ ގޮތުގައި މެހުމާނުނަށް އަބަދު ވެސް އެ ތަން ދެއްކި އެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ ކުޅި އަށް މިހާރަށް ވުރެ ބޮޑަށް އަޅާލަން ޖެހޭ އެވެ. ފުވައްމުލަކު ދެ ކުޅީގެ ހިތްގައިމުކަމާއި އެތަނުގެ ރީތިކަމާއި އެތާގައި ހުރި ދިރުންތައް އަންނަން އޮތް ޖީލުތަަކަށް ރައްކާތެރިކުރަން ޖެހެ އެވެ. އަވަހަށް އިސްނަގާށެވެ.

comment ކޮމެންޓް